ދަރިވަރުންނަށް ކިޔަވައިދޭ ތައުލީމީ މުގައްރަރުތައް މި އަހަރު މުރާޖައާކޮށް، އުނގަންނައިދޭ ފިލާވަޅުތަކުގެ ފެންވަރު ރަނގަޅު ކުރައްވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ދިރާސީ އާ އަހަރުގެ ކިޔެވުން މިއަދު ފަށާފައިވާއިރު، އެޑިއުކޭޝަން މިނިސްޓްރީގެ އަޒުމަކީ ތައުލީމީ ދާއިރާއަށް ބޮޑެތި ބަދަލުތައް ގެނައުމެވެ. މިއަދު މުނާސަބާގައި ދެއްވި ހިތޯބެއްގައި މިނިސްޓަރު ވަނީ އެކަންކަމާ ގުޅޭގޮތުން ވާހަކަ ދައްކަވާފަ އެވެ.
ބުނީ ކީކޭ؟ - ހިތޯބުގައި ޝަފީއު ވިދާޅުވި ގޮތުގައި، މުގައްރަރަށް ކޮންމެެހެން ގެންނަން ޖެހޭ ބަދަލުތައް މި އަހަރު ގެންނާނެ އެވެ. އޭގެ އިތުރުން:
ކީ ސްޓޭޖް-4ގެ ފިލާވަޅުތައް ޑިޖިޓަލް ކުރާނެ
އެއީ އެ ސްޓޭޖްގެ މާއްދާތަކުގެ ޓެކްސްޓް ފޮތާއި މަސައްކަތު ފޮތްތަކުގެ ޑިޖިޓަލް ކޮންޓެންޓު އެކުލަވާލައިގެން
އެކަން ކުރާނީ ތައުލީމީ ދާއިރާގެ އިލްމު ހުރި ފަންނީ ތަޖުރިބާކާރުން
އެކި މަރުހަލާތަކުގައި ދަރިވަރުންގެ އުނގެނުމުގެ ފެންވަރު ހުރިގޮތް ބެލުމަށް ނަގާ، ނެޝަނަލް އެސެސްމެންޓް ފޯ ލާނިން އައުޓްކަމްސް (ނާލޯ) މިއަހަރު ކީ ސްޓޭޖް-3 ނިންމާ ކުދިންނަށް ދޭން މަސައްކަތް ކުރާނެ
ނާލޯ އެސެސްމެންޓް މިހާރު ދެނީ، ކީ ސްޓޭޖް-1 އާއި ކީ ސްޓޭޖް-2 ނިންމާ ދަރިވަރުންނަށް
"މީގެ އިތުރަށް ރާއްޖޭގެ ފަށާ ތައުލީމުގެ މަރުހަލާގެ ދަރިވަރުންގެ އުނގެނުމުގެ ފެންވަރު ބައިނަލްއަގްވާމީ ލެވެލްގައި ބެންޗުމާކު ކުރުމުގެ އަމަލީ މަސައްކަތް ފަށާނަން،" މިއީ އަދި އަލަށް ކުރައްވާ ކަމެއްކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވި އެވެ.
އޭގެ އިތުރުން ދެން މިނިސްޓަރު ފާހަގަކުރެއްވި އަނެއް ބަދަލަކީ ތައުލީމީ ނިޒާމުގެ ތެރެއަށް އެންމެ ފަހުގެ ޓެކްނޮލޮޖީ ތައާރަފް ކުރުމެވެ.
އޭނާ ވިދާޅުވި ގޮތުގައި، އާޓިފިޝަލް އިންޓެލިޖެންސާއި އެންމެ ފަހުގެ ޓެކްނޮލޮޖީގެ އަލީގައި ތަރައްގީކޮށްފައިވާ އާ އެޑިއުކޭޝަނަލް މެނޭޖްމެންޓް ސިސްޓަމްގެ މޮޑިއުލްތައް މި އަހަރުގެ ތެރޭގައި ރޯލްއައުޓް ކުރަން ފެށޭނެ އެވެ. މިނިސްޓަރުގެ އިލްތިމާސްއަކީ ޓެކްނޮލޮޖީއަށް އަންނަ ބަދަލުތަކަށް އަހުލުވެރިވެ، ހުރިހާ ދަރިވަރުން ޝާމިލުކޮށްގެން އުނގަންނައިދިނުމަށް، ކިޔަވައިދިނުމުގެ ވައްޓަފާޅިއަށް ބަދަލުތައް ގެނައުމެވެ.
އެނގުން މުހިއްމު - މި ދިރާސީ އަހަރު 90،000އެއްހާ ދަރިވަރުން ރާއްޖޭގައި ތައުލީމް ހާސިލް ކުރާނެ އެވެ. މި ކުދިންނަށް ކިޔަވައިދޭނީ 11،000 ޓީޗަރުންނެވެ.
ތައުލީމީ މުގައްރަރުތައް މި އަހަރު މުރާޖައާކުރާނަން: މިނިސްޓަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ