ރައްޔިތުން އިންތިހާބުކުރާ މީހުން މަދުވި ވަރަކަށް ސަރުކާރުތަކުން ބޭނުންހާގޮތަކަށް ކަންކަން ކުރުމުގެ ފުރުސަތުބޮޑުވެ، ރައްޔިތުންގެ ފަރާތުން ބަސްބުނެ، ރަށުގެ ކަންކަމުގައި ސަރުކާރުގައި އެދޭ މިންވަރު ކުޑަކުރެވިދާނެކަމުގައި ކުޅުދުއްފުށީ މޭޔަރު މުހައްމަދު އާތިފް ވިދާޅުވެއްޖެ އެވެ.
އާތިފް މިހެން ވިދާޅުވީ، މިދިޔަ ބުރާސްފަތި ދުވަހު ގެނެސްދިން ޕޮޑްކާސްޓުގައި ރައީސް ޑރ މުހައްމަދު މުއިއްޒު ދެއްކެވި ވާހަކަފުޅާ ގުޅިގެންނެވެ. ރައީސް ވިދާޅުވީ 2000 އަށް ވުރެ އާބާދީ ދަށް ރަށްރަށުގައި ކައުންސިލަރުންގެ އަދަދު ތިނަކަށް އަދި އެއަށް ވުރެ އާބާދީ ބޮޑު ރަށްރަށުގައި ފަސް ކައުންސިލަރުން ތިބޭ ގޮތަށް ގާނޫނު ބަދަލުކުރާނެ ކަމަށާއި އަދި އަތޮޅު ކައުންސިލަރުން އުވާލާނެ ކަމަށެވެ.
އެކަމަށް ރައްދުދެއްވައި މޭޔަރު އާތިފް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކައުންސިލްތަކުގައި ވަރަށް ގިނަ ނެގެޓިވް ކަންތައްތައް އެބަހުއްޓޭ ރައީސް ވިދާޅުވާއިރު، ސަރުކާރަށް 1 އަހަރާ 6 މަސް މިއަދު ވާނެ ކަމަށާއި ހަމަ ޔަގީނުންވެސް ކުޅުދުއްފުށީގައި ކުރިއަށްދާ ގިނަ މަޝްރޫތަކާއި ހަރަކާތްތަކަކީ ސިޓީ ކައުންސިލުން ކުރިއަށްގެންދާ މަސައްކަތްތައް ކަމަށެވެ.
އަދި މި ދޮޅު އަހަރުތެރޭގައި ސަރުކާރު ހުރިހާ މަޝްރޫއެއް އެހުރީ ހުއްޓިފައިކަން ކުޅުދުއްފުށީގެ ރައްޔިތުން ހެކިވާނެކަން މޭޔަރު ފާހަގަކުރެއްވި އެވެ.
މިއަހަރު ދައުލަތުގެ ބަޖެޓުން ލިބޭ ކައުންސިލްގެ ބްލޮކް ގުރާންޓުން 8.9 މިލިއަން ރުފިޔާ މަދުން ލިބުނު ކަމުގައި ވީނަމަވެސް، ވޭތުވެ ދިޔަ 3 އަހަރު އާމުދަނީ އިތުރުކުމަށް ކައުންސިލުން ކުރި މަސައްކަތުން އަހަރަކު 2.5 މިލިއަން ރުފިޔާގައި ހުރި ކައުންސިލްގެ އާމުދަނީ އަހަރަކު 13.9 މިލިއަން ރުފިޔާއަށް މަތިކުރެވުންކަމީ ކައުންސިލްގެ ގިނަ މަސައްކަތްތައް ބާރަށް ކުރިއަށް ގެންދެވޭ މައިގަނޑު އެއް ސަބަބުކަމުގައި މޭޔަރު ވިދާޅުވި އެވެ.
"ދައުލަތުގެ ހަރަދު ކުޑަކުރުމަށް ރައްޔިތުން އިންތިހާބުކުރާ ކައުންސިލަރުން މަދުކުރުމުގެ ބަދަލުގައި މަސައްކަތެއް ނެތި ރައީސުލްޖުމްހޫރިއްޔާ އައްޔަނުކޮށްފައި ތިބި ސިޔާސީ މަގާމުތައް މަދުކުރުމުން ދައުލަތް ހިންގުމުގެ ހަރަދުކުޑަވެ އެފިސިއެންސީ އިތުރު ކުރެވޭނެ، އަދި ދައުލަތް ހިންގުމުގައި ރައްޔިތުންގެ ރިޕްރެޒެންޓޭޝަން ކުޑަނުވެ އެކަން ހާސިލްވާނެ." މޭޔަރު އާތިފް ވިދާޅުވި އެވެ.
ރައްޔިތުން އިންތިހާބުކުރާ މީހުން މަދުވި ވަރަކަށް ސަރުކާރުތަކުން ބޭނުންހާގޮތަކަށް ކަންކަން ކުރުމުގެ ފުރުސަތު ބޮޑުވޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ