ސިވިލް ސާވިސްގެ މެންބަރުކަމަށް މުޖުތާޒު އައްޔަނުކޮށްފި ސިވިލް ސާވިސްގެ މެންބަރުކަމަށް މުޖުތާޒު އައްޔަނުކޮށްފި

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ހުސްވެފައިވާ މެންބަރުކަމުގެ މަގާމަށް މުހައްމަދު މުޖުތާޒު ރައީސުލްޖުމްހޫރިއްޔާ މިއަދު އައްޔަނު ކުރައްވައިފި އެވެ.
ސީއެސްސީގެ މެންބަރުކަމުގެ މަގާމަށް މުޖުތާޒު އައްޔަނު ކުރެއްވިކަމުގެ ލިޔުން އެނާއާ ހަވާލު ކުރެއްވީ މިއަދު ހެނދުނު ރައީސް އޮފީހުގައި އޮތް ހާއްސަ ރަސްމިއްޔާތެއްގަ އެވެ. އެ ރަސްމިއްޔާތުގައި ސިވިލް ސާވިސް މެންބަރުކަމުގެ ހުވާ މުޖުތާޒުއަށް ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު، ހުސައިން ޝަހީދު އެވެ.
މުޖުތާޒުއަކީ މޯލްޑިވްސް ކޮލެޖް އޮފް ހަޔާ އެޑިއުކޭޝަނުން ބެޗްލާ އޮފް ލޯ ހާސިލު ކުރައްވައިގެން ހުންނެވި ބޭފުޅެކެވެ. ސިވިލް ސާވިސް ކޮމިޝަނުގެ މެންބަރުކަމާ ހަވާލުވެވަޑައިގަތުމުގެ ކުރިން މުޖުތާޒު ވަނީ ރައީސް އޮފީހުގެ މިނިސްޓާ އޮފް ސްޓޭޓް ފޯ ޕްރެޒިޑެންޝަލް އެފެއާސްގެ މަގާމާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކުރައްވައިފަ އެވެ.
ސިވިލް ސާވިސް ކޮމިޝަނުގެ މެންބަރުކަމަށް މުޖުތާޒު އައްޔަނު ކުރަން ފެންނަ ކަމަށް މަޖިލީހުން ފާސްކުރީ މިދިޔަ ބުދަ ދުވަހު އޮތް މަޖިލީހުގެ ޖަލްސާގައި 71 މެންބަރުންގެ ވޯޓުންނެވެ.
މުޖުތާޒުއާ އިންޓަވިއު ކުރުމަށްފަހު އެ މައްސަލަ ދިރާސާ ކުރި މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން އޭނާއަށް 88.11 އިންސައްތަ މާކްސް ދިނެވެ. އެ ރިޕޯޓަށް މަޖިލީހުގެ ތަޅުމުގައި އެއްވެސް މެންބަރަކު ބަހުސްއެއް ނުކުރައްވަ އެވެ.
ސިވިލް ސާވިސް ކޮމިޝަނުގެ މެންބަރުކަމުގެ މަގާމެއް ހުސްވީ އެ ކޮމިޝަނުގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި އިބްރާހިމް ރަޝީދު މިދިޔަ މަހު 11، ގައި އެ މަގާމުން އިސްތިއުފާ ދެއްވުމުންނެވެ. ރަޝީދު އިސްތިއުފާ ދެއްވީ އޭނާ މަގާމުން ވަކި ކުރުމުގެ މަރުހަލާ ފަށަން ތަޅުމަށް ފޮނުވުމަށް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ނިންމުމުންނެވެ.
އިބްރާހިމް ރަޝީދު ވަކިކުރަން ކޮމިޓީން ފާސްކުރި ސަބަބެއް މިއަދާ ހަމައަށް ވެސް ހާމައެއް ނުކުރެ އެވެ. ނަމަވެސް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މެންބަރަކު އަދަދު އަށް ވިދާޅުވީ އިބްރާހިމް ރަޝީދު މަގާމުން ވަކިކުރަން ކޮމިޓީން ނިންމީ ހުޅުދޫ ދާއިރާގެ މެންބަރު، މުހައްމަދު ޝާހިދު އެ ކޮމިޓީއަށް ހުށަހެޅުއްވި ސިޓީއަކާ ގުޅިގެން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ