"ޚަރަދު ކުޑަކުރާނީ ޞިއްޙީ ދާއިރާއާއި ބޯހިޔާވަހިކަން މަޑުނުޖެހޭނެހެން"

ސަރުކާރުގެ ޚަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް އަޅާނީ ސިއްޙީ ޚިދުމަތްތަކާއި ބޯހިޔާވަހިކަމުގެ މަސައްކަތްތަކަށް އެއްވެސް މަޑުޖެހުމެއް ނާންނާނެ ގޮތަށް ކަމަށް މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ ޚަރަދު ކުޑަކުރުމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ ލަފަޔާ އިރުޝާދު ހޯއްދަވަމުންދާ ކަމަށް، ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ރައީސްގެ އިރުޝާދަށް ބަލާއިރު، ބޭސްފަރުވާއާއި އަދި ބޯހިޔާވަހިކަމާއި ގުޅިގެން ކުރިއަށްގެންދާ މަސައްކަތްތަކަށް ހުއްޓުމެއް ނައިސް ކުރިއަށްދެވޭނެ ގޮތަށް ކަންކަން އިންތިޒާމުކުރަން އިރުޝާދު ދެއްވާފައިވާ ކަމަށެވެ. ވަޒީރު ވިދާޅުވީ، ހަނގުރާމަ ދިގުދެމިގެންދާނަމަ ބައެއް މަސައްކަތްތަކުގެ ތާރީޚުތައް ފަސްކުރުމަކީ ސަރުކާރަށް އޮތް އިޚްތިޔާރެއް ކަމަށެވެ.
"ސިއްޙީ ކަންކަމަކީ އެކަމަށް ބަދަލެއް ގެނެވޭނެ ކަންކަމެއް ނޫން. ރައީސް އިރުޝާދު ދެއްވީ މެޑިކަލް އެއްވެސް ކަމަކަށް ބުރޫ ނާރާގޮތަށް ގެންދަން. ދެން މިހާރު ކުރިއަށްދާ ބޯހިޔާވަހިކަމުގެ މަސައްކަތްތައްވެސް ނުހުއްޓި ގެންދިއުމަށް. އެހެންވީމަ ޕްރޮޖެކްޓްތަކުގެ ޝެޑިއުލްތަކަށް ބައެއް ބަދަލު ގެނެސްގެން ކޭޝް ފްލޯ މެނޭޖް ކުރެވިދާނެ." ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، މީރާއާއި އެމްއެމްއޭ އަދި މާލީ ވުޒާރާގެ އަންދާޒާއަށް ބަލާއިރު، ހަނގުރާމަ ދެމިގެންދާނަމަ މަހަކު 85-95 މިލިޔަން ރުފިޔާގެ ގެއްލުމެއް ލިބޭނެކަމަށް އަންދާޒާ ކުރެވޭ ކަމަށެވެ.
ވަޒީރު ވިދާޅުވީ، ސަރުކާރުން ނަގާ ފިޔަވަޅުތައް މިހާތަނަށް އިއުލާނު ނުކޮށްވަނީ، ޙާލަތަށް ވަރަށް ބޮޑަށް ރިއާޔަތްކޮށް މެނުވީ، އެކަން ނުކުރުމަށް ކަމަށެވެ. ސަރުކާރުން މިވަގުތު ދޭ ޔަޤީންކަމަކީ، ކޮންމެހެން ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތްތަކަށް ބުރޫލެއް ނާރާ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ކަމަށް ވަޒީރު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ