ސިނާންގެ ގޮނޑީގެ މައްސަލާގެ ހުކުމް މިއަދު މެންދުރު

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ސިނާންގެ މެމްބަރު ކަމުގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅަން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ ހުކުމް މިއަދު މެންދުރަށް ތާވަލުކޮށްފި އެވެ.
އެ މައްސަލާގެ ހުކުމް އިއްވަން ހަމަޖައްސާފައިވަނީ މިއަދު މެންދުރު 13:00 ގައި ބާއްވާ އަޑުއެހުމުގަ އެވެ.
ސިނާނުގެ ގޮނޑިއާމެދު ސުވާލު އުފައްދައި ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅި ފެބްރުއަރީ 13 ގަ އެވެ. އެ މައްސަލައިގެ އަޑުއެހުން ނިންމާލިތާ ވަނީ 9 މަސް ވެފަ އެވެ.
އެގޮތުން ޣާލިބު ސަލީމު ކިޔާ މީހަކު ހުށަހެޅި އެ މައްސަލައިގައި ބުނެފައި ވަނީ، އެހެން ބަޔަކާ ބައިވެރިވެގެން ސިނާނު ނަގާފައިވާ ލޯނެއް ނުދައްކައިގެން ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ކޮށްފައިވާ ހުކުމާ އެއްގޮތަށް ފައިސާ ދައްކާފައި ނުވާ ކަމަށެވެ. ހުކުމާ އެއްގޮތަށް ސިނާން ނުދައްކާ ކަމަށް ބުނާ ލޯނަކީ މޯލްޑިވްސް އިސްލާމިކް ބޭންކުން ނަގާފައިވާ 3.8 މިލިއަން ރުފިޔާގެ ލޯނެކެވެ.
ހިތަދޫ ކޯޓުން އެ މައްސަލައިގައި އޮކްޓޯބަރު 14، 2024، ގައި ކުރި ހުކުމުގައި އަންގާފައި ވަނީ އެ ތާރީހާ ހަމައަށް ދައްކަން އޮތް 2.5 މިލިއަން ރުފިޔާ ހަ މަހަށް ބަހާލައިގެން ބޭންކަށް ދެއްކުމަށެވެ. ސިނާނުގެ ގޮނޑީގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމާ އެކު ދަރަނި ދައްކައި ވަނީ ހަލާސްކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ