ގާނޫނުއަސާސީ އިސްލާހުކުރުން ހިމެނޭހެން ބައެއް ކަންކަން އަވަސް ގޮތެއްގައި ކުރުމަށްޓަކައި ޗުއްޓީގައި އޮތް މަޖިލީހުން ދައުރުން ބޭރުގެ ޖަލްސާތައް ބާއްވަނީ ގާނޫނާ ހިލާފަށް ކަމަށް ބުނެ، އިދިކޮޅު އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕް (ޕީޖީ)ން އެ ޖަލްސާތައް ބޮއިކޮޓް ކުރަން ނިންމައިފި އެވެ.
ވީ ކިހިނެއް؟ - މަޖިލީހުން މިދިޔަ އާދިއްތަ ދުވަހު ކުއްލި ގޮތަށް މެންބަރުންނަށް ދައުރުން ބޭރުން ޖަލްސާއެއް އޮންނަކަން އެންގި އެވެ. އަދި މިއަދު އެގޮތުގެ މަތިން ބޭއްވި ފުރަތަމަ ޖަލްސާ ވަނީ ބާއްވާފަ އެވެ. އަދި މާދަމާ ވެސް އިތުރު ޖަލްސާއެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
މިކަމާ ގުޅިގެން އެމްޑީޕީ ޕީޖީގެ ސެކެޓްރީ ޖެނެރަލް، ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެ ޖަލްސާތައް ބޮއިކޮޓް ކުރުމަށް އެ ޕާޓީގެ ޕީޖީން މިހާރު ނިންމާފައިވާ ކަމަށެވެ.
ތަފްސީލު - އެ ޖަލްސާތައް ބޮއިކޮޓް ކުރުމަށް ނިންމީ، އޭނާ ވިދާޅުވި ގޮތުގައި، އެ ޖަލްސާތަކަކީ ގާނޫނުއަސާސީ އާއި ގާނޫނާ ހިލާފަށް ބާއްވާ ޖަލްސާތަކެއް ކަމަށް ޕާޓީގެ ޕީޖީއަށް ގަބޫލު ކުރެވޭތީ ކަމަށެވެ. އެގޮތުން، އޭނާ ފާހަގަކުރެއްވި ގޮތުގައި:
މަޖިލިސް ޗުއްޓީގައި އޮއްވާ ދައުރުން ބޭރުން ކުއްލި ޖަލްސާ ބާއްވަނީ އެކަށީގެންވާ މުއްދަތެއްގެ ނޯޓިސްއެއް ދިނުމަކާ ނުލާ
މި ޖަލްސާތަކުގައި އަވަސް އަރުވާލައިގެން ގާނޫނުއަސާސީ އިސްލާހުކުރަން އުޅެނީ ގާނޫނުއަސާސީގެ 83 ވަނަ މާއްދާ އާއި 88 ވަނަ މާއްދާއާ ހިލާފަށް
ޑިމޮކްރަސީގެ އުސޫލުތަކާ ހިލާފަށް މިހާ އަވަސް އަރުވާލައިގެން މިކަން ކުރަން ޖެހޭ އެއްވެސް ކަހަލަ ހުއްޖަތެއް އަދި 'ކޮންސްޓްޓިއުޝަނަލް ކްރައިސިސް'އެއް ވެސް ނެތް
ގުޅުން ހުރި - އަވަސް އަރުވާލައިގެން ގާނޫނުއަސާސާސީ އިސްލާހު ކުރުމަށް މަޖިލީޙުގެ ޖަލްސާތައް ބާއްވާތީ، މިއަދުގެ ޖަލްސާގެ ތަޅުމުގައި ވެސް އެމްޑީޕީ މެންބަރުން އެކަމާ ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.
ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، ދައުރުން ބޭރުން ޖަލްސާ ބާއްވަނީ މަޖިލިސް ގަވައިދުގައިވާ ގޮތުގެ މަތިން ކަމަށެވެ. އަދި ދައުރުން ބޭރުން ޖަލްސާ ބޭއްވުމަށް 31 މެންބަރުން ސޮއިކުރައްވައި ހުށަހެޅުއްވި ކަމަށް އޭނާ ވިދާޅުވި އެވެ.
މަޖިލިސް ގަވައިދުގެ 45 ވަނަ މާއްދާގައިވާ ގޮތުން މަޖިލީހުގެ ތިން ބައިކުޅަ އެއް ބައި މެންބަރުން ސަބަބުން ބަޔާންކޮށް ދައުރުން ބޭރުން ޖަލްސާ ބޭއްވުމަށް އެދިވަޑައިގެންފި ނަމަ، 14 ދުވަސް ތެރޭގައި އެ ޖަލްސާއެއް ނުވަތަ ޖަލްސާތަކެއް ބޭއްވޭނެ ގޮތް މަޖިލިސް ރައީސް ހަމަޖައްސައި ދޭން ވާނެ އެވެ.
ދައުރުން ބޭރުން ބާއްވާ ޖަލްސާ ގާނޫނާ ހިލާފު ކަމަށް ބުނެ، އެމްޑީޕީ ޕީޖީން ބޮއިކޮޓް ކުރަން ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ