އެޗުއާރުސީއެމްގެ ރައީސް ކަމަށް ފޮނުވީ ރަމީލާގެ ނަން

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗުއާރުސީއެމް)ގެ ރައީސް ކަމަށް އެ ކޮމިޝަންގެ މެންބަރު އަދި މި ސަރުކާރުގެ ފުރަތަމަ އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓަރު ޑރ. އާއިޝަތު ރަމީލާ އައްޔަން ކުރުމަށް މަޖިލީހަށް ފޮނުވައިފި އެވެ.
ވީ ކިހިނެއް؟ - އެޗުއާރުސީއެމްގެ ރައީސްގެ މަގާމު ހުސްވީ ކުރިން އެ މަގާމުގައި ހުންނެވި މަރްޔަމް މުނާގެ ފަސް އަހަރުގެ ދައުރު މިދިޔަ ނޮވެމްބަރު މަހު ހަމަވުމާ ގުޅިގެންނެވެ.
ތަފްސީލު - އެ މަގާމަށް ރަމީލާ އައްޔަން ކުރުމަށް ރައީސް މުހައްމަދު މުއިއްޒު ފޮނުއްވި ސިޓީ މިއަދުގެ މަޖިލިސް ޖަލްސާގައި ވަނީ އިއްވާފަ އެވެ. އެއާ އެކު، އެ މައްސަލަ ދިރާސާ ކުރުމަށް މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީއަށް ފޮނުވިކަން ރިޔާސަތުން އިއުލާން ކުރެއްވި އެވެ.
އެނގުން މުހިންމު - ރަމީލާ އެޗުއާރުސީއެމްގެ މެންބަރުކަމަށް އައްޔަން ކޮށްފައިވަނީ މިދިޔަ މަހު ކުރީކޮޅު އެވެ.  ސިއްހީ ހާލަތު ގޯސްވެގެން ކަމަށް ވިދާޅުވެ، ރަމީލާ މި ސަރުކާރުގެ ކެބިނެޓުން އިސްތިއުފާ ދެއްވީ ޑިސެމްބަރު 2024ގަ އެވެ.
ގުޅުން ހުރި - އެޗުއާރުސީއެމް ހިމެނޭހެން މިނިވަން މުއައްސާތަކަށް ރައީސުން އައްޔަން ކުރަނީ ކުރިން އޮންނަ ގޮތަށް އެ ކޮމިޝަނެއް ތެރޭ ނަގާ ވޯޓަކުން ނޫނެވެ. އެ ކޮމިޝަނަކަށް ރައީސަކު އައްޔަން ކުރަނީ ކޮމިޝަންގެ މެންބަރުންގެ ތެރެއިން ނަމެއް މަޖިލީހަށް ރައީސް މުއިއްޒު ފޮނުއްވުމުން، މަޖިލީހުގެ ރުހުމާ އެކު އެވެ. އެގޮތަށް ގާނޫނުތައް ބަދަލުކޮށްފައިވަނީ 2024ގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ