މެންބަރެއްގެ ދައުރު ހަމަވާތީ، އީސީގެ މެންބަރު ކަމަށް ކުރިމަތިލާން ހުޅުވާލައިފި

އިލެކްޝަންސް ކޮމިޝަން (އީސީ) ގައި މިހާރު ތިއްބެވި މެންބަރުންގެ ތެރެއިން މެންބަރެއްގެ، ދައުރު ހަމަވާތީ، އެ ކޮމިޝަނަށް މެންބަރަކު ޢައްޔަންކުރެއްވުމަށްޓަކައި، މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސް އޮފީހުން މިއަދު ހުޅުވާލައްވައިފިއެވެ. ފަސް އަހަރުގެ ދައުރު ހަމަވާން ކައިރިވެފައި ވަނީ, އީސީގެ މެންބަރު ޑރ. މުހައްމަދު ޒާހިރުގެއެވެ. ރައީސް އޮފީހުން މިއަދު ބުނީ އީސީގެ މެންބަރުކަމަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައި ވަނީ މިއަދުން ފެށިގެން މި މަހުގެ 21 ވާ ބުދަ ދުވަހުގެ 12:00ގެ ނިޔަލަށް ކަމަށެވެ. ސަރުކާރު ހިންގާ ޕީއެންސީއަށް މަޖިލީހުގެ މެޖޯރިޓީ ލިބުމާއެކު ވަނީ އީސީގެ މެންބަރުންގެ ގޮތުގައި ތިއްބެވި އެ ކޮމިޝަންގެ އޭރުގެ ނައިބު ރައީސް އަލީ ނަޝާތާއި މެންބަރު މުހައްމަދު އާސިފް ވަކިކުރަން ފާސްކޮށްފައެވެ. އޭރު ވަކިކުރަން ކޮމެޓީން ނިންމި މީހުންގެ ތެރޭގައި ޒާހިރު ވެސް ހިމެނެއެވެ. ނަމަވެސް ތަޅުމުގައި ނެގި ވޯޓުގައި ޕީއެންސީން ވެސް ވޯޓް ދިނީ އޭނާ މަގާމުގައި ބެހެއްޓުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ