ދިއްދޫ އެއާޕޯޓް އަޅަން ބިންހިއްކުމުގެ ބިޔަ މަޝްރޫޢު ފަށައިފި

ދުނިޔޭގައި މިވަގުތު އޮތް އެންމެ ބޮޑު އެއް ޑްރެޖަރު ބޭނުންކޮށްގެން ހއ. ދިއްދޫ ބިން ހިއްކުމުގެ ބިޔަ މަޝްރޫޢު މިއަދު ރަސްމީކޮށް ފަށައިފިއެވެ. ދިއްދޫގައި އެއާޕޯޓާއި، ބޯހިޔާވަހިކަމުގެ އިތުރުން އެހެނިހެން ޚިދުމަތްތަކަށް ބޭނުންވާ ބިން ހިއްކުމުގެ މި މަސައްކަތް ފައްޓަވައިދެއްވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރެވެ.
މި ރަސްމިއްޔާތުގައި ދިއްދޫ ދާއިރާގެ މަޖިލިސް މެންބަރު އަބްދުއްލަތީފް މުހައްމަދާއި، އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދާއި، ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޖްތަބާ ލަތީފްގެ އިތުރުން ދިއްދޫ ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު ބައިވެރިވެވަޑައިގެންނެވިއެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ދިއްދޫ ރައްޔިތުންނަށް ވެވަޑައިގެންނެވި މުހިއްމު ވައުދުފުޅެކެވެ.
މަޝްރޫޢު ފެށުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާ މިއަދު ހެނދުނު ގުޅުއްވިކަން ހާމަކުރައްވަމުން މެންބަރު އަބްދުއްލަތީފް ވިދާޅުވީ، ވައުދުފުޅާ އެއްގޮތަށް ދިއްދޫގެ ބިންހިއްކުމާއި އެއާޕޯޓް އެޅުމުގެ މަސައްކަތް ކުރިއަށްދާނެކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެއްވުމަށް ރައީސް އެދިވަޑައިގެންނެވި ކަމަށެވެ. ރައީސްގެ ޒައާމަތުގައި ދިއްދުއަށް ވެވަޑައިގެންނެވި ވައުދުތައް ބާރު ސްޕީޑުގައި ކުރިއަށްދާތީ މެންބަރު ވަނީ ރައީސަށް ޝުކުރު އަދާކުރައްވާފައެވެ.
އެމްއޭސީއެލްގެ ސީއީއޯ އިބްރާހިމް ޝަރީފް ވިދާޅުވީ މި މަޝްރޫޢުގެ ދަށުން ދިއްދޫގެ ބިމަށް 115 ހެކްޓަރު އިތުރުވާނެ ކަމަށެވެ. މިއީ ދިއްދޫގެ މިހާރުގެ ބިމުގެ ސައިޒަށް ވުރެ ބޮޑު ސަރަހައްދެކެވެ. ޝަރީފް އިތުރަށް ވިދާޅުވީ، "ރައީސް ވިދާޅުވީ މިކަން ވީއެންމެ އަވަހަކަށް ނިންމާލަށޭ. އެހެންވެ އަޅުގަނޑުމެން އަތުގައި އެހެން ޑްރެޖަރު ހުރި ނަމަވެސް ދުނިޔޭގައި އޮތް އެންމެ ބޮޑު ޑްރެޖަރު ދިއްދުއަށް ފޮނުވަން ރައީސް ނިންމެވީ އެ މަސައްކަތް އަވަސްކުރުމުގެ ގޮތުން،" ކަމަށެވެ.
މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ މި މަސައްކަތް ފެށުމުން ދައްކުވައިދެނީ އިހުލާސްތެރިކަމާއެކު މަސައްކަތް ކޮށްފިނަމަ ކަންކަން ކާމިޔާބުވާނެ މަންޒަރު ކަމަށެވެ. އަދި އިދިކޮޅު ފަރާތްތަކުން ރައީސްގެ ވައުދުތައް ނުފުއްދޭނެ ކަމަށް ބުނި ނަމަވެސް، މިއަދު ފެންނަނީ އެ ވައުދުތައް ފޮނިކޮށް އަދި ރީތިކޮށް ހަގީގަތަކަށް ވަމުންދާ މަންޒަރު ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މި މަޝްރޫޢުގެ ދަށުން ހިއްކާ ބިމަކީ ހަމައެކަނި އެއާޕޯޓް ތަރައްގީކުރުމަށް އެކަނި ބޭނުންކުރާނެ ބިމެއް ނޫން ކަމަށާއި، އެއީ ރަށުގެ ތަރައްގީއަށް ބޭނުންވާ އެހެނިހެން މުހިއްމު މަސައްކަތްތަކަށްވެސް މަގުފަހިވެގެންދާނެ ބިމެއް ކަމަށް މެންބަރު އަބްދުއްލަތީފް ވަނީ ކުރިން ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ