މުއިއްޒު ވިދާޅުވީ މާލެއިން ރަސްމާލެއަށް ބިއްލޫރި ޓަނަލް އެޅުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް މުއިއްޒު ވިދާޅުވީ މާލެއިން ރަސްމާލެއަށް ބިއްލޫރި ޓަނަލް އެޅުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް

ވެރި ރަށް މާލެއިން ފެށިގެން މިހާރު ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްދާ ފުށިދިއްގަރުފަޅު ނުވަތަ ރަސްމާލެއާ ހަމައަށް އަޅަން ރައީސް މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންނެވި ބިއްލޫރި ޓަނަލުގެ މަސައްކަތް ކުރިއަށްދާ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެ އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް މުއިއްޒު ވިދާޅުވީ ބިއްލޫރި ޓަނަލް އެޅުމުގެ ދިރާސާ މަސައްކަތްތައް މިހާރު ވެސް ކުރިއަށްދާ ކަމަށެވެ.
"އޭގެ ހަމަ ފަންނީ މަސައްކަތްތައް ކުރަމުން މި ދަނީ، ދިރާސީ މަސައްކަތްތައް. ދެން އަޅުގަނޑުމެން އިސްކަން މި ދެނީ ބިން ހިއްކަން،" މުއިއްޒު ވިދާޅުވި އެވެ.
ބިއްލޫރި ޓަނަލުގެ މަސައްކަތް މި ހިނގާ ރިޔާސީ ދައުރުގެ ތެރޭގައި ނިމޭނެތޯ ސުވާލު ކުރުމުން މުއިއްޒު ވިދާޅުވީ، ޓަނަލުގެ މަސައްކަތް ނިމޭނެ ތާރީހެއް އެނގިވަޑައިގަންނަވާނީ ދިރާސާ މަސައްކަތްތައް ނިމުމުން ކަމަށެވެ.
"ތި ސުވާލަށް އަޅުގަނޑަށް ހަމަ ޖަވާބު ދެވޭނީ ފަންނީ މަސައްކަތްތައް ނިމުނީމަ،" އެމަނިކުފާނު ވިދާޅުވި އެވެ.
މާލެ އާއި ރަސްމާލެއާ ދެމެދު ބިއްލޫރި ޓަނަލެއް އަޅުއްވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވީ ޖެނުއަރީ، 2024، ގަ އެވެ. އެކަމަކު އޮކްޓޯބަރު، 2024، ގައި ކޮންސްޓްރަކްޝަން މިނިސްޓަރު އަބްދުﷲ މުއްތަލިބު ވިދާޅުވީ ބިއްލޫރި ޓަނަލް އެޅުމަކީ ތަސައްވުރެއް ކަމަށާއި އެއީ ހަނދަށް ދާން އުންމީދު ކުރުން ފަދަ ވިޝަންއެއް ކަމަށެވެ.
"މިވަގުތު ދުނިޔޭގެ އެއްވެސް ތަނެއްގައި، އޯޕަން ސީގައި ހަދާފައި އޮތް ކަހަލަ އިންފްރާސްޓްރަކްޗާއެއްގެ ވާހަކައެއް ނޫން މި ދައްކަނީ. ތިބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ އެމެރިކާއިން ހަނދަށް ދިޔުމަށް ވެސް ޖޯން އެފް ކެނެޑީ އެންވިޝަން ކުރެއްވީ އެއްވެސް ބަޔަކު ހަނދަށް ގޮސްގެނެއް ނޫން،" މުއްތަލިބު ވިދާޅުވެފައިވެ އެވެ.
އޭގެ އިތުރުން ދިވެހި ކޮންމެ ރައްޔިތެއްގެ ހިއްސާ އޮންނަ ގޮތަށް، ރިސޯޓުތަކެއް އަޅައި އޮޕަރޭޓު ކުރަން މިދިޔަ ފެބްރުއަރީ މަހު މުއިއްޒު ވަނީ ވައުދުވެވަޑައިގެންފަ އެވެ. އެ ރިސޯޓުތަކުން ލިބޭ ފައިދާ ސީދާ ރައްޔިތުންގެ އެކައުންޓަށް ޖަމާވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"މަދުވެގެން 10 ރިސޯޓު ތަރައްގީކޮށް، އެ ރިސޯޓުތަކުން ދޭ ފައިދާގެ ބޮޑު ބައެއް ހަމަ އެއްވެސް ރައްޔިތަކު ބާކީ ނުކޮށް، ރާއްޖޭގެ ކޮންމެ ރައްޔިތެއްގެ ބޭންކް އެކައުންޓަށް ހަމަހަމަކަމާއެކު އަހަރަކު އެއްފަހަރު ބޭރު ފައިސާއިން ޖަމާކޮށްދޭނަން،" އެމަނިކުފާނު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ