ޤައުމަށް ބޭނުންވާ ޓެކްނިކަލް ދާއިރާތަކުން ކިޔަވަން ޝައުގުވެރިވާ ކުދިންނަށް އެއްވެސް ލިމިޓެއް ނެތި ފުރުސަތު ހުޅުވާލަން ނިންމާފައިވާކަމަށް މަތީ ތަޢުލީމާ މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. ޢަލީ ހައިދަރު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ މަތީ ތަޢުލީމާއި ތަމްރީނު ހޯދަން ދޭ ލޯނަށް އެދުމުގެ ފުރުސަތު ހުޅުވާލުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމާއި ތަމްރީނު ހޯދުމަށް އެދި ހުށައެޅުމުގެ ފުރުސަތު ހުޅުވާލުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މަތީ ތަޢުލީމާ ބެހޭ ވަޒީރު ޑރ. ޢަލީ ހައިދަރުވަނީ ސަރުކާރުން ލޯނަށް އެދި ހުށައެޅުމުގައި ގެނެސްފައިވާ މުހިއްމު ބަދަލުތަކުގެ ތަފްސީލު ހިއްސާކުރައްވާފައެވެ.
އެގޮތުން ގެނެވުނު އެންމެ ބޮޑު އެއް ބަދަލެއްކަމަށް ވަޒީރު ވިދާޅުވީ، ކޮންމެ އަހަރަކުވެސް ދޫކުރާ ލޯން ސްކީމްގެ މަދުވެގެން %50 އަކީ ޓެކްނިކަލް ދާއިތަކަށް ދެވޭ ލޯނަށް ހެދުމަށް ނިންމާފައިވާކަމަށެވެ. ޓެކްނިކަލް ނޫން ދާއިރާތަކަށް ދެވޭ ލޯނުގެ ޢަދަދު ވަކި މިންވަރެއްގައި ހިފަހައްޓާ، ޤައުމަށް ބޭނުންވާ މުހިއްމު ޓެކްނިކަލް ދާއިރާތަކަށް އެއްވެސް ހިފެހެއްޓުމެއް ނެތި ފުރުސަތު ހުޅުވާލެވޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.
"މީގެ ސަބަބުން ޤައުމަށް އެންމެ ބޭނުންވާ ފަންނީ ދާއިރާތަކުން ކިޔެވުމަށް ދައިވަރުންނަށް ބޮޑު ހިތްވަރެއް ލިބިގެންދާނެ. މިބަދަލުތަކުގެ އެންމެ ބޮޑު މަޤްސަދަކީ ކޮންމެ ދަރިވަރަކީވެސް ރާއްޖެ ބިނާކުރުމުގައި ބައިވެރިވާނެ ތަޢުލީމީ، ޤަބިލު ފަންނުވެރި އުފެއްދުންތެރި ހުނަރުވެރި މީހަކަށް ހެދުން." ވަޒީރު ވިދާޅުވިއެވެ.
ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީތަޢުލީމާއި ތަމްރީނު ހޯދުމަށް ލޯނަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު މިކަމަށް ޚާއްސަ އުސޫލެއްވެސް މިހާރުވަނީ ގެޒެޓުކޮށްފައެވެ. މި އުސޫލުގައި މުހިއްމު ބައެއް ބަދަލުތަކެއްވަނީ ގެނެސްފައެވެ.
އެގޮތުން މިއުސޫލުގެ ދަށުންއެޕްލިކޭޝަން ހުށައެޅުމުގެ ސުންގަޑިއެއް މިހާރު ނީންނާނެއެވެ. މީގެސަބަބުން ކޮންމެ ދަރިވަރަކަށްވެސް ކިޔަވަންދާން ތައްޔާރުވެ ލޯނަށް އެދެވޭނެއެވެ. އަދި ޕްލޭސްމަންޓް ލިބުނުކަމުގެ ލިޔުމާއި އެމްކިޔުއޭއިން ދޫކުރާ އިންޓެންޑަޑް ލެޓަރ އާއި ފީ ސްޓްރަކްޗަރ ލިބުމާއެކު ލޯނަށް އެދެވޭނެ ގޮތްވަނީ ހަމަޖައްސާފައެވެ. މިއާއެކު ލޯނަށް ހޮވި ކިޔަވަން ނުފަށާ ތިބެ ދަރިވަރުންގެ ޢަދަދު މަދުވެގެންދާނެކަމަށް މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
މިއުސޫލުގެ ދަށުން އަލަށް ކިޔަވާދިންނާއި ކިޔަވަމުންދާ ކުދިންގެ ކެޓަގަރީވަނީ އުވާލާފައެވެ. އެންމެ ބޮޑު ބޭނުމަކީ ދަރިވަރުންނަށް މިދެކެޓަގަރީގެ ގޮތުގައި އޮތުމުން އެޕްލިކޭޝަން ހުށައެޅުމުގައި އޮޅުންއެރުމާއި ޑިސްކޮލިފައިވާ ސަބަބެއް ކަމުގައިވާތީ އެކަން ހައްލުކުރުމެވެ. ހަމައެއާއެކު ޝަރުތު ހަމަވާ ހުރިހާ ދަރިވަރުންނަށް ލޯނު ލިބޭނެ ފުރުސަތު ޔަގީންވެ ކިޔަވަންދާން ބޭނުންވާ ވަގުތު ފައިސާ ހަމަޖެހޭނެ ގޮތް މަގުފަހިވެގެންދާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.
މީގެއިތުރުން ސްޓޫޑެންޓް ލޯނަކީ ޝަރީއާ ކޮމްޕްލަޔަންޓްކޮށް ދަރިވަރުން ކިޔެވުމަށް ޚަރަދުކުރި މިންވަރަށްވުރެ އިތުރަށް ފައިސާ އިންޓްރެސްޓްގެ ގޮތުގައި ނުނެގުމަށް މިހާރުވަނީ ނިންމަވާފައެވެ. މިދިޔަ އަހަރުން ފެށިގެން މިގޮތަށްވަނީ ޢަމަލުކުރަން ފަށާފައެވެ. ހަމައެއާއެކު ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންގެ ސްޓައިޕެންޑާއި ގުޅިގެން ހުރި ކަންބޮޑުވުންތަކާއެކު، އެތައް އަހަރެއް ވަންދެން އޮތް ސްޓައިޕެންޑުގެ އުސޫލު މުރާޖާކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
ޓެކްނިކަލް ދާއިރާތަކުން ކިޔެވުމަށް ލިމިޓެއް ނެތި ލޯނަށް މިހާރު އެދެވޭނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ