ވައި ނުސާފުވެ ދުރު ފެންނަ ވަރު ދަށްވެފައިވާތީ، މަތިންދާ ބޯޓު ދަތުރުކުރުމުގެ ފިޔަވަޅުތައް ވަރުގަދަކޮށްފި
ވައި ނުސާފުވެ، ދުރު ފެންނަ މިންވަރު ދަށްވެފައިވާތީ މަތިންދާ ބޯޓު ފަހަރު ދަތުރުކުރަމުންދާ އުސޫލަށް ބަދަލު ގެނެސް، ސްޕެޝަލް ވިޝުއަލް ފްލައިޓް ރޫލްސް (އެސްވީއެފްއާރް)އަށް އަމަލުކުރަން ފަށައިފިއެވެ. ދުންފުސް، ނުވަތަ ހޭޒްގެ ސަބަބުން ދުރު ފެންނަ މިންވަރު ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. އައިކިއުއެއާއިން ދައްކާ ގޮތުގައި މާލެ ސަރަހައްދުގެ ވައިގެ ކޮލިޓީ މިއަދު އުޅެނީ 84 ގައެވެ. ހަމަ އެހެންމެ އައިކިއު އެއާއިން ދައްކާ ގޮތުގައި މާލެ ސަރަހައްދުގެ ޕާޓިކިއުލޭޓް މެޓާ، ނުވަތަ ކުދި ހިރަފުހާއި ދުމާއި ކެމިކަލްތައް އުޅެނީ 2.5ގެ މިންގަނޑުގައެވެ. އޭގެ މާނައަކީ މާލޭގެ ވައިގައި ދުމާއި ކުނޑިއާއި ހިރަފުސް ފަދަ، ނޭވާލާ ނިޒާމަށް ވަންނަ ބާވަތްތައް ވައިގެ ތެރޭގައި އުޅޭ ކަމެވެ. މިއަދު މާލޭގެ ވައިގައި ހިރަފުހާއި ދުމާއި ކުނޑި އުޅެނީ ކޮންމެ ކިއުބިކް މީޓަރަކަށް 27 މައިކްރޯގްރާމުގައެވެ. އެއީ ދުނިޔޭގެ ސިއްހަތާ ބެހޭ ޖަމިއްޔާ ޑަބްލިއުއެޗްއޯއިން ކަނޑައަޅާފައިވާ މިންގަނޑަށް ވުރެ 5.4 ގުނަ ބޮޑު އަދަދެކެވެ. އެމްއޭސީއެލުން ނެރުނު ބަޔާނެއްގައި ވަނީ، ވައި ނުސާފުވެ ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ދުރު ފެންނަ މިންވަރު ދަށްވެއްޖެނަމަ، އަބަދުވެސް ހެދިފައިވާ ގަވައިދުތަކުގެ ތެރެއިން މަތިންދާ ބޯޓު ފަހަރު ދަތުރުކުރުމުގައި ފިޔަވަޅު އަޅާ ކަމަށެވެ. މި ދުވަސްވަރު ދުންފުހުގެ އަސަރު ކުރާތީ އެމްއޭސީއެލުން ވަނީ ބަލައިގެން ދުއްވާ ގަވައިދު، ނުވަތަ ވީއެފްއާރަށް އަމަލުކުރުން ވަގުތީ ގޮތުން މަޑުޖައްސާލައިފައެވެ. އަދި އޭގެ ބަދަލުގައި ޕައިލަޓުންނަށް އިތުރު އެހީތެރިކަން ލިބޭނެ ފަދަ ގޮތަކަށް އެސްވީއެފްއާރަށް އަމަލުކުރަން އަންގާފައެވެ. އެ ގަވައިދަށް އަމަލުކުރާނީ ދުރު ފެންނަ ދުރުމިން ފަސް ކިލޯމީޓަރަށް ވުރެ ދަށް ހާލަތްތަކުގައި ކަމަށް، އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. https://sun.mv/216407 އެމްއޭސީއެލުން ބުނީ، މީގެ ކުރިންވެސް މި އުސޫލަށް އަމަލުކުރަމުން އައިސްފައިވާ ކަމަށެވެ. ރާއްޖޭގެ ގިނަ ސަރަހައްދުތަކަށް ވައި ނުސާފުވި އެއް ދުވަހަކީ މިދިޔަ ބުދަ ދުވަހެވެ. މޫސުމާ ބެހޭ ގައުމީ އިދާރާއާ ހަވާލާދީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ލަފާކުރާ ގޮތުގައި ބުރާސްފަތި ދުވަހުން ފެށިގެން އަންނަ ހޯމަ ދުވަހުގެ ނިޔަލަށް ދުންފުހުގެ އަސަރު ހުންނާނެއެވެ. އެ އިދާރާއިން އާންމުކޮށްފައިވާ މައުލޫމާތުން އެނގޭ ގޮތުގައި، އެންމެ ބޮޑަށް ވައި ނުސާފުވެފައި ވަނީ، ވިލިމާލެއާއި ދ. އަތޮޅާއި ލ. އަތޮޅު ހިސާބުގައެވެ. އެ ސަރަހައްދުތަކުގެ ވައި ނުސާފު މިންވަރު ވަނީ 'ރެޑް އެލާޓް'އަށް އަރައިފައެވެ. އެ ލެވެލްގައި، ސިއްހީ ގޮތުން ނޭދެވޭ އަސަރުތައް ކުރުމާއި ފުއްޕާމެއާއި ހިތުގެ ބަލިތައް ބޮޑުވުމުގެ ނުރައްކާ ހުރިހާ އެންމެންނަށް ވެސް ބޮޑުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ