ތާރީހުގައި ވެސް ފުރަތަމަ ފަހަރަށް ގްރޮސް ރިޒާވް 1 ބިލިއަން ޑޮލަރުން މައްޗަށް

ރާއްޖޭގެ ތާރީހުގައި ވެސް ފުރަތަމަ ފަހަރަށް ގްރޮސް ރިޒާވް 1 ބިލިއަން ޑޮލަރު ފަހަނަ އަޅާފައިވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް މިއަދު ވިދާޅުވީ ޗައިނާ އިން ނަގާފައިވާ ލޯނުގެ ބައެއް ރީފައިނޭންސް ކުރުމަށް އެ ގައުމާ އެކު އެއްބަސްވެވި، އިންޑިއާ އިން ދީފައިވާ ކަރަންސީ ސްވޮޕް ފެސިލިޓީ ރޯލް އޯވާ ކޮށްދިނުމުން ދައުލަތުގެ ރަސްމީ ރިޒާވަށް އޭގެ ހެޔޮ އަސަރު ކުރަމުން އަންނަ ކަމަށެވެ.
ތަފްސީލް - ރައީސް ވިދާޅުވީ ބޭރު ފައިސާއާ ބެހޭ ގާނޫނު ތަންފީޒުކުރަން ފެށިފަހުން މިދިޔަ އަހަރުގެ ޖެނުއަރީން ފެށިގެން ޑިސެމްބަރު މަހާއި ހަމައަށް އެމްއެމްއޭއަށް 492 މިލިއަން ޑޮލަރު މާރުކޮށްފައިވާ ކަމަށެވެ.
"މީގެ ސަބަބުން ވެސް 2025 ވަނަ އަހަރު ރާއްޖޭގެ ރަސްމީ ރިޒާވް އިތުރުކުރުމަށް މަގުފަހިވި. މިގޮތުން ބަލާއިރު، މިވަގުތު ރާއްޖޭގެ ރަސްމީ ގްރޮސް ރިޒާވުގައި 1.13 ބިލިއަން އެމެރިކާ ޑޮލަރަށް ވުރެ ގިނައިން އެބަހުރި. މިއީ ރާއްޖޭގެ ތާރީހުގައި ރަސްމީ ގްރޮސް ރިޒާވް އެންމެ މައްޗަށް ދިޔަ ފަހަރު،" ރައީސް މިއަދު ވިދާޅުވި އެވެ.
ރައީސް މިއަދު ވިދާޅުވީ:
މިދިޔަ އަަހަރު ޖުމްލަ އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 38 ބިލިއަން ރުފިޔާ ލިބުނު
 އާމްދަނީ އިތުރުކުރުމަށް ތަންފީޒުކޮށްފައިވާ ސިޔާސަތުތަކާ އެކު ޓެކުހުގެ އާމްދަނީގެ ގޮތުގައި 28.1 ބިލިއަން ރުފިޔާ ލިބުނު
ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 9.6 ބިލިއަން ރުފިޔާ ލިބުނު
"މިގޮތުން، ޖުމުލަ އާމްދަނީ އާއި ހިލޭ އެހީ ވަނީ 2024 ވަނަ އަހަރާ އަޅާބަލާއިރު %12 އިން ކުރިއަރާފައި. އަދި މި ބަދަލުތަކާއި، އިގްތިސޯދީ ދުވެއްޔަށް އަންނަ ކުރިއެރުމާ އެކު މި އަހަރު 40.4 ބިލިއަން ރުފިޔާ އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ލިބޭނެކަމަށް އަންދާޒާ ކުރެވޭ،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ އާމްދަނީއަށް އައިސްފައިވާ ހެޔޮ ބަދަލުތަކާ އެކު، 2025 ވަނަ އަހަރު ބޭރު ފައިސާގެ އާމްދަނީގެ ގޮތުގައި 1.2 ބިލިއަން ޑޮލަރު ލިބުނު ކަމަށެވެ.
"ނަތީޖާއެއްގެ ގޮތުން، ދަރަނި އަދާކުރުމަށްޓަކައި އުފައްދާފައިވާ ފަންޑުކަމުގައިވާ އެސްޑީއެފްއަށް ޖަމާކުރާ ޑޮލަރު އިތުރުވެ، ރަސްމީ ރިޒާވަށް ހެޔޮ ބަދަލުތަކެއް އައިސްފައިވޭ،" ރައީސް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ