ފުވައްމުލަކަށް ޑުރަގު އެތެރެކުރަން އުޅުނުކަމުގެ ތުހުމަތުގައި 72 އަހަރުގެ މީހަކު ހައްޔަރުކޮށްފި

ފުވައްމުލަކަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނުކަމުގެ ތުހުމަތުގައި އެ ސިޓީއަށް ނިސްބަތްވާ އުމުރުން 72 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ، މި ފިރިހެން މީހާ ހައްޔަރުކުރީ ފުވައްމުލަކާއި މާލެއާ ދެމެދު ދަތުރުކުރާ ބޯޓަކުން ފުވައްމުލަކަށް މަސްތުވާތަކެތި އެތެރެކުރާ ކަމަށް ލިބުނު މައުލޫމާތާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ. މި މައްސަލައިގައި ފުލުހުން ހައްޔަރުކުރީ, ފުވައްމުލައް ސިޓީ / ފުނާޑު. އެލީނާ، އުމުރުން 72 އަހަރުގެ މުޙައްމަދު މޫސާއެވެ. އެ އޮޕަރޭޝަނުގައި ފުލުހުން މުޙައްމަދު މޫސާ ފުވައްމުލަކުގެ މަގެއް މަތިން ހުއްޓުވައި ބަލައި ފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ރަބަރު ގަނޑެއް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެ ތަކެތީގެ ވަގުތީ ބަރުދަނަކީ 50.35 ގުރާމު ކަމަށް ފުލުހުން ބުންޏެވެ. މީގެ އިތުރުން މަސްތުވާތަކެތީގެ އެހެން މައްސަލައެއްގައިވެސް ފުލުހުން ވަނީ އިއްޔެ ހިންގި އޮޕަރޭޝަނެއްގައި ފުވައްމުލަކުން މީހަކު ހައްޔަރުކޮށްފައެވެ. އެގޮތުން ފުވައްމުލައް ސިޓީ / މިސްކިތްމަގު, ނިރިހާ، ޙުސައިން ސައިފް ,33, ހުއްޓުވައި ބަލާ ފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 19 ރަބަރު ޕެކެޓު ފެނިފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ. މި ދެ މީހުންގެ ތެރެއިން މުޙައްމަދު މޫސާ ފަސް ދުވަހަށް، އަދި ސައިފް 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައިކަމަށް، ކޯޓާ ހަވާލާދީ ފުލުހުން ބުންޏެވެ. ފުލުހުން ބުނީ މި ދެ މައްސަލަވެސް ތަހުގީގުކުރަމުން އަންނަ ކަމަށެވެ. ރާއްޖޭގައި މަސްތުވާތަކެތި ބޭނުންކުރުމާއި އޭގެ ވިޔަފާރި ކުރުން ވަރަށް ބޮޑު މައްސަލައަކަށްވެފައިވާއިރު، ފުލުހުންގެ ތަފާސްހިސާބުން ދައްކާ ގޮތުގައި މި އަހަރުގެ މިހާތަނަށް މަސްތުވާތަކެއްޗާ ގުޅުންހުރި 193 މައްސަލައެއް ހުށަހަޅާފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ