ޕެންޝަން އޮފީހުގެ ބައިވެރިވުމާއެކު ގާނޫނާ ހިލާފަށް ސަރުކާރުން ފައިސާ ޗާޕު ކުރަން މަސައްކަތް ކުރަމުންދަނިކޮށް އެ އޮފީހުގެ ބޯޑު މެންބަރު، މުހައްމަދު މާދިން ލަތީފު ވެސް މިއަދު އިސްތިއުފާ ދެއްވައިފި އެވެ.
ޕެންޝަން އޮފީހުގެ ބޯޑު މެންބަރެއްގެ މަގާމަށް މާދިން ލަތީފް އައްޔަނުކުރީ މެއި 13، 2025 ގަ އެވެ. އޭނާ އެ މަގާމަށް އައްޔަނުކުރީ ޕްރައިވެޓް ސެކްޓާ ތަމްސީލު ކުރައްވާ މެންބަރެއްގެ ގޮތުގަ އެވެ.
އޭނާ އިސްތިއުފާ ދެއްވާފައިވާކަން އެކަމުގެ މައުލޫމާތު އެނގޭ މީހުން އަދަދު އަށް ކަށަވަރުކޮށްދިނެވެ. ނަމަވެސް، އިސްތިއުފާއާ ބެހޭގޮތުން މިހައިތަނަށް މާދިން އަދި، އެއްޗެއް ވިދާޅެއް ނުވެ އެވެ. މާދިންއަކީ މި ބޮންޑު މުއާމަލާތުގެ މަސައްކަތް ފެށި ފަހުން ޕެންޝަން އޮފީހުގެ ބޯޑުން ނޫނީ އިސް މަގާމަކުން އިސްތިއުފާ ދިން ފަސް ވަނަ ބޭފުޅާ އެވެ.
މީގެ ކުރިން ބޯޑު މެންބަރު އަޝްރަފް ރަޝީދާއި އަހުމަދު ސަރުވަޝް އާދަމްގެ އިތުރުން އެ ބޯޑުގެ ކުރީގެ ޗެއާޕާސަން އަހުމަދު އިނާޒާއި އެ އޮފީހުގެ ސީއީއޯ ސުޖާތާ ހަލީމް ވެސް ވަނީ ހަމަ އެ މައްސަލައިގައި އިސްތިއުފާ ދެއްވައިފަ އެވެ.
ޕެންޝަން އޮފީހުގެ ބޯޑުން މާދިން އިސްތިއުފާދެއްވިއިރު ޕެންޝަން އޮފީހުން މިދިޔަ އަންގާރަ ދުވަހުގެރޭ ނެރުނު ބަޔާނެއްގައި ވަނީ މި މުއާމަލާތުގެ މައުލޫމާތު ރަަސްމީކޮށް ފުރަތަމަ ފަހަރަށް އާންމުކޮށްފަ އެވެ.
ޕެންޝަން އޮފީހުގެ ބަޔާނުގައި ބުނި ގޮތުގައި، ސަރުކާރުގެ ބޮންޑަށް އިންވެސްޓު ކުރަނީ މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމުން މިހާތަނަށް އިންވެސްޓް ކޮށްފައިވާ ބޮންޑުތަކުގެ ތެރެއިން 2.4 ބިލިއަން ރުފިޔާގެ ބޮންޑު ސެކަންޑަރީ މާކެޓުގައި ވިއްކާލައިގެން ލިބޭ ފައިސާއިންނެވެ. އެ އޮފީހުގެ ބަޔާނުގައި މި ބޮންޑުތައް ގަންނަނީ އެމްއެމްއޭއިން ކަމެއް ބަޔާންކޮށްފައި ނެތެވެ.
ބޮންޑު ވިއްކާލައިގެން ލިބޭ ފައިސާ ޕެންޝަން އޮފީހުން އިންވެސްޓުކުރަނީ ދިވެހި ފައިސާ އާއި އެމެރިކާ ޑޮލަރުން ފައިދާ ލިބޭ ބޮންޑަކަށެވެ. މި އިންވެސްޓުމަންޓުގެ އެންމެ ބޮޑު މޮޅެއްގެ ގޮތުގައި ޕެންޝަން އޮފީހުން ދައްކަނީ މި އިންވެސްޓުމަންޓުން ޑޮލަރު ލިބުމެވެ.
"މި މުއާމަލާތުގެ ސަބަބުން ބާޒާރުން ބޭރު ފައިސާ ގަންނަން ނުޖެހި، އިންވެސްޓްމަންޓެއްގެ ތެރެއިން ޕެންޝަން ފަންޑުގައި ބޭރު ފައިސާގެ ރިޒާވެއް އުފެދިގެންދާނެ،" ޕެންޝަން އޮފީހުގައި ބަޔާނުގައި ބުންޏެވެ.
ޕެންޝަން އޮފީހުން މިހެން ބުނި ނަމަވެސް، މި މުއާމަލާތާ ގުޅިގެން އެ އޮފީހުގެ ބޯޑުން އިސްތިއުފާ ދެއްވި ކުރީގެ ޗެއާޕާސަން އަހުމަދު އިނާޒާއި ޕްރައިވެޓް ސެކްޓާ ތަމްސީލުކުރަން ބޯޑުގައި ހުންނެވި އަހުމަދު ސަރުވަޝް އާދަމް ވެސް ވަނީ މި މުއާމަލާތުގެ ސަބަބުން އިގުތިސޯދަށް ހުރި ހިރާސްތައް ފާހަގަކޮށްފަ އެވެ. އޭގެ ތެރޭގައި ބޭރު ފައިސާގެ އަގު އުފުލުމާއި ތަކެތީގެ އަގު އުފުލުން ހިމެނެ އެވެ.
ފައިސާ ޗާޕު ކުރަން މަސައްކަތް ކުރާތީ ޕެންޝަން އޮފީހުގެ ބޯޑު މާދިން ވެސް އިސްތިއުފާ ދެއްވައިފި ފައިސާ ޗާޕު ކުރަން މަސައްކަތް ކުރާތީ ޕެންޝަން އޮފީހުގެ ބޯޑު މާދިން ވެސް އިސްތިއުފާ ދެއްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ