ވެރިކަމުގައި މިހާރު ހުންނެވީ ވަގުތީ ރައީސެއް: ޝާހިދު

ރާއްޖޭގެ ވެރިކަމުގައި މިހާރު ހުންނެވީ ވަގުތީ ރައީސެއް ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީން ކައުންސިލް އިންތިހާބުގެ ކެމްޕެއިން ލޯންޗުކުރުމަށް ބޭއްވި ޖަލްސާގައި ޝާހިދު ވިދާޅުވީ އަންނަ އަހަރުގެ އޭޕްރީލް 4 ގައި ބާއްވާ ލޯކަލް ކައުންސިލް އިންތިހާބާ އެކު މަޖިލީހުގެ ދައުރު ކުރުކުރުމުގެ ވޯޓު ނަގަނީ ހުދުމުހުތާރު ވެރިކަމަކަށް މަގުކޮށުމަށް ކަމަށެވެ.
އެގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މި ސަރުކާރުގެ އަސްލު މަގްސަދަކީ މަޖިލީހުގެ ދައުރު ކުރުކުރުމަށް ފަހު، ދެން އަންނަ އަހަރެއްގައި ރިޔާސީ ދައުރު ދިގުކުރަން ފެންނަ ނުފެންނަ ވޯޓެއް ނެގުން ކަމަށް ޝާހިދު ތުހުމަތު ކުރެއްވި އެވެ.
"މި އަހަރު އެ އަހަނީ ކުރުކޮށްލަން. މި އަންނަ އަހަރު އަހާނީ ދިގުކޮށްލަން. ރައީސުލްޖުމްހޫރިއްޔާގެ ދައުރު 10 އަހަރަށް ޖައްސާލަން. އޭރުން އަޅުގަނޑުމެން ކުރާނެ ކަމެއް ނޯންނާނެ،" ޝާހިދު ވިދާޅުވި އެވެ.
އޭގެ ފަހުގައި ރާއްޖޭގައި ރިޔާސީ އިންތިހާބު ވެސް އޮވެދާނެ ކަމަށް ގަބޫލުނުކުރެވޭ ކަމަށް ޝާހިދު ވިދާޅުވި އެވެ.
"ދެން ރާއްޖޭގައި ރިޔާސީ އިންތިހާބެއް ވެސް ނޯންނާނެ. ދެން ނަގާނީ މުޅިން ވެސް ފެންނަ ނުފެންނަ ވޯޓު. ޑރ. މުހައްމަދު މުއިއްޒު ވެރިކަމުގައި ހުންނަވަން ފެންނަ ނުފެންނަ ވޯޓު. އެ ހިސާބުން އަޅުގަނޑުމެން ހަރާބުވީ، މި ރާއްޖޭގެ ޑިމޮކްރެސީ ވަޅުލެވުނީ،" ޝާހިދު ވިދާޅުވި އެވެ.
ޝާހިދު ވަނީ އެކަމަށް ރައްޔިތުން ފުރުސަތު ނުދިނުމަށާއި އެންމެން އެކީގައި ކުރާ މަސައްކަތުން މި ސަރުކާރު ބަލިކޮށްލެވޭނެ ކަމަށްވެސް ވިދާޅުވެފަ އެވެ. އަދި މި ސަރުކާރުގައި ބާކީ އޮތީ ދެ އަހަރު ކަމަށާއި މިހާރު މިއޮތީ ވަގުތީ ސަރުކާރެއް ކަމަށްވެސް ވިދާޅުވި އެވެ.
"މިހާރު މިއޮތީ ވަގުތީ ސަރުކާރެކޭ، ވަގުތީ ރައީސެކޭ. މި ރައީސަށް ވޯޓުދޭންޖެހޭ ސަބަބެއް ނެތޭ. 2028 ގައި އުފެދޭނީ އަޅުގަނޑުމެންގެ ސަރުކާރެއް. އެމްޑީޕީގެ ސަރުކާރެއް،" ޝާހިދު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ