ތިމާއަށް ކުރެވޭ އަޅުކަން ކުރެވޭ ފެންވަރާއިމެދު ނުވިސްނާނަމަ އެއްވެސް ފައިދާއެއް ނުކޮށްފާނެ! ފެންވަރުމަތިކުރަން މަސައްކަތްކުރާނަމަ ތައުފީޤް ދެއްވަވާނެ! އިން ޝާ ﷲ

ބައެއް މީހުންނަށް ހީކުރެވިފައި އޮންނަނީ ފަރުޟު ނަމާދުތައް ކޮށްލައި އެހެންވެސް ބައެއް އަޅުކަން ކުރެވޭނަމަ އޭނާއަށް އެވަނީ ﷲ ތަޢާލާއަށްޓަކައި އަދާކުރަންޖެހޭ ހުރިހާ ހައްޤުތަކެއް އަދާކުރެވި ނިފައި ކަމަށެވެ. ނަމަވެސް މިއީ ވަރަށް ނުބައި ވިސްނުމެކެވެ. 
ރެއާއި ދުވާލު އަހަރެމެން އަޅުކަން ކުރި ނަމަވެސް ﷲ ތަޢާލާ ދެއްވަވާފައިވާ ނިޢްމަތްތަކަށް ޝުކުރުވެރި ވެވޭނެ ހަމަ އެއްވެސް ގޮތެއް ނުއޮންނާނެއެވެ. އެއަށްވުރެ މާ ގިނަ ނިޢްމަތްތައް ކޮންމެ ދުވަހަކު ﷲ ތަޢަލާ ދެއްވަވައެވެ.  
ފަރުޟު ނަމާދުތައްކޮށް ރޯދަ ހިފައި އަދި ހުރިހާ ފަރުޟްތަކެއް އަދާކުރެވޭނަމަ އެއީ ވަރަށް ރަނގަޅުކަމެކެވެ. އެފަދަ މީހުންނަކީ ﷲ ތައާލާގެ އަމުރުފުޅުތަކަށް ފުރިހަމައަށް އަމަލުކުރަން މަސައްކަތްކުރާ މީހުންނެވެ. ސުވަރުގެ ހޯދަން ގަދައަޅައި މަސައްކަތްކުރާ މީހުންނެވެ.  
މިފަދަ މީހުންވެސް ވަރަށް ބޮޑަށް ވިސްނަން ޖެހޭ ކަމެއް އެބަ އޮވެއެވެ. އެއީ ކަންކަން ކުރެވުނު ގޮތެވެ. އެހެނީ ހުރިހާ ކަމެއް ފުރިހަމައަށް ކުރުމަކީ އިންސާނުންނަށް ކުރެވޭނެ ކަމަކަށް ނުވާތީއެވެ. މިސާލަކަށް ނަމާދު ކުރި ނަމަވެސް އެނަމާދު ކުރެވުނީ އެންމެ ފުރިހަމަ ގޮތުގައިކަން ޔަޤީން ނުކުރެވޭނެތީއެވެ. ޚުޝޫޢަތްތެރިވާންޖެހޭ ވަރާއި ގާތަކަށްވެސް ޚުޝޫޢަތްތެރިނުވެވޭކަން އެއީ މިބުނި ބަހުގެ އެންމެ ޘާބިތު ދަލީލެވެ.  
މިފަދަ ހުރިހާ ކަންކަން މިހެން ހުރި ނަމަވެސް ﷲ ތައާލާ އަހަރެމެންނަށް ދެއްވަވާ ނިޢްމަތްތައް ދެއްވަވައެވެ. ރިޒްޤް ދެއްވަވައެވެ. މުދައު ދެއްވަވައެވެ. އަނބިން، ފިރިން ދަރިން ދެއްވަވައެވެ. ބަލިވުމުން ޝިފާ ދެއްވަވައެވެ. ދެލޮލަށް ފެނުމާއި ކަންފަތަށް އަޑުއިވުމާއި މިހެން ގޮސް ހުރިހާ ނިޢްމަތްތަކެއް މިންވަރު ކުރައްވަވައެވެ.  
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! އަޅުކަން ކުރުން ގިނަ ކުޜާށެވެ! އަދި ﷲ ތަޢާލާ ޤަބޫލުފުޅު ކުރައްވަވާ ފެންވަރުގައި އަޅުކަން ކުރަން ގަދައަޅައި މަސައްކަތްކުރާށެވެ!
 
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
 
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ