މިދިޔަ އާދީއްތަ ދުވަހު ކެލިފޯނިއާގެ ލީވައި ސްޓޭޑިއަމްގައި ބޭއްވި ސުޕަ ބޯލް ހާފްޓައިމް ޕާފޯމަންސްގައި ލަވަކިއުންތެރިޔާ ބޭޑް ބަނީ ވަނީ ވަރުގަދަ ޕާފޯމަންސެއް ހުށަހަޅާފަ އެވެ. ޕުއޭޓޯ ރީކޯއަށް ނިސްބަތްވާ ބެނިޓޯ އެންޓޯނިއޯ މާޓިނޭޒް އޮކާސިއޯ ނުވަތަ ސްޓޭޖް ނަމުން ނަމަ ބޭޑް ބަނީއާ އެކު މަގުބޫލު ލަވަކިއުންތެރިޔާ ރިކީ މާޓިން، ކާޑީ ބީ، ލޭޑީ ގާގާ އަދި އެކްޓަރު ޕެޑްރޯ ޕެސްކަލް އާއި ޖެސިކާ އަލްބާ ވެސް ވަނީ ބައިވެރިވެފަ އެވެ.
އެމެރިކާގެ ސުޕަ ބޯލްގެ ހާފް ޓައިމް ޝޯ އަކީ ހަމައެކަނި އެމެރިކާގެ މީހުން ބަލާ އުޅޭ ޝޯއެއް އެކަންޏެއް ނޫނެވެ. މިފަހަރު އެމެރިކާގައި މިލިއަނަކަށްވުރެން ގިނަ މީހުން ލައިވްކޮށް އެ ޝޯ ބަލާފައިވާ އިރު، ދުނިޔޭގެ އެކި ކަންކޮޅުތަކުން ވެސް މި ޝޯއަށް ވަރަށް ބޮޑު ޝައުގެއް އޮވެ އެވެ. އެގޮތުން ރާއްޖޭގައި ވެސް މި އަހަރުގެ ޝޯއަށް ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަ އެވެ. ސަބަބަކީ ބޭޑް ބަނީގެ ލަވަތައް އަޑުއަހާ ފޭނުން ދުނިޔޭގެ ރާއްޖޭގައި އުޅެ އެވެ.
މިފަހަރުގެ ސުޕަ ބޯލް ހާފް ޓައިމް ޝޯގައި ބޭޑް ބަނީ ވަނީ ލެޓިން އެމެރިކާގެ މިއުޒިކާއި ސަގާފަތް ފާހަގަ ކޮށްފަ އެވެ. މިއީ ތާރީހީ ޕާފޯމަންސެއް ކަމަށް އެ ޝޯ ބެލި ގިނަ ބަޔަކު ބުނެފައިވެ އެވެ.
ބޭޑް ބަނީ ވަނީ މި މަހު ކުރީކޮޅު ބޭއްވި ގްރެމީ އެވޯޑްސްއިން ވެސް ތާރީހީ ކާމިޔާބީއެއް ހޯދައިފަ އެވެ. އޭނާގެ 'ޑެބީ ޓިރާރް މާސް ފޯޓޯސް' އަލްބަމްއަށް އަހަރުގެ އެންމެ އަލްބަމްގެ އެވޯޑް ލިބުމުން އޭނާ ވެގެން ދިޔައީ ސްޕެނިޝް ބަހުން ނެރުނު އަލްބަމަކުން މި އެވޯޑް ހޯދި ފުރަތަމަ އާޓިސްޓަށެވެ.
"ޝޯ ވަރަށް މަޖާ ވެފައި އަދި ފަސޭހަ ވާނެ،" މިދިޔަ ހަފުތާގައި އެންއެފްއެލްއިން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި އޭނާ ބުންޏެވެ. "މީހުން ކަންބޮޑުވާން ޖެހޭނީ ހަމައެކަނި ނެށުމާ މެދު."
ބޭޑް ބަނީ ޝޯ ފެށީ 'ޓިޓީ މީ ޕްރެގުންޓޯ'އާ އެކު ވަރަށް ހޫނު ގަދަ ޕާފޯމަންސަކުންނެވެ.
ބޭޑް ބަނީ އަކީ އޭނާގެ ފޯރިގަދަ ލަވަތަކެކޭ އެއްވަރަށް ހެދުން އެޅުމުގެ ސްޓައިލް ވެސް ވަރަށް ތަފާތުކޮށް ގެންގުޅޭ އާޓިސްޓެކެވެ. ސުޕަ ބޯލް ހާފްޓައިމް ޝޯ ފަދަ ބޮޑު ހަފްލާއަކަށް ބޮޑު ޑިޒައިނަރަކު ލައްވާ އޭނާގެ ހެދުން ފަސޭހައިން ތައްޔާރުކޮށްލެވުނީހެވެ. އެކަމަކު ބޭޑް ބަނީ އިހުތިޔާރު ކުރީ ފާސްޓް ފެޝަން ބްރޭންޑެއް ކަމަށްވާ ޒާރާ އެވެ. ޒާރާ އަކީ ދިވެހިންގެ ތެރޭގައި ވެސް މަގުބޫލު ބްރޭންޑެކެވެ.
ޒާރާއިން ޑިޒައިން ކުރި އޭނާގެ ލުކް ވަރަށް 'ސިމްޕަލް' އެވެ. އޭނާގެ ދެ ސްޓައިލިސްޓުން ކަމަށްވާ ސްޓޯމް ޕަބްލޯ އާއި މާވިން ޑަގްލަސް ލިނާރެސް އެހީތެރިވެފައިވެ އެވެ. ބޭޑް ބަނީގެ މުޅި 'އައުޓްފިޓް' ހުރީ މަތިން ތިރިޔަށް މަޑު ކްރީމު ކުލައެއްގައި، ޒަމާނީ އަދި ސާދާ ސްޓައިލްއެއްގަ އެވެ.
އޭނާ ލައިގެން ހުރީ ގަމީހަކާއި ޓައީއަކާއި ކުޅިވަރު ޖާޒީއެއްގެ ސްޓައިލުގައި ހުރި މައްޗެކެވެ. އަދި ޗީނޯ ހަރުވާޅަކައި ސްނީކާސް ގުޅުވާލައިފައި ހުއްޓެވެ. ޖާޒީގައި އޮކާސިއޯ 64 ޖަހާފައި ވެ އެވެ. ބައެއް މީހުން ލަފާ ކުރި ގޮތުގައި 64 އަކީ އޭނާގެ މަންމަ ލައިސޯރީ އޮކާސިއޯ އުފަންވި އަހަރެވެ.
ބޭޑް ބަނީ ވަނީ ގްރެމީ އެވޯޑްސްއަށް ސްކިއަޕަރެލީގެ ފުރަތަމަ ފިރިހެނުންގެ ކަލެކްޝަނުން ހެދުމެއް ލައިފަ އެވެ. އޭނާ ސުޕަ ބޯލްއަށް ޒާރާގެ އުފެއްދުމެއް ލުމުގައި ވަކި މަގުސަދެއް ވެ އެވެ. ޒާރާ އަކީ ސްޕެއިންގެ ފެޝަން ރީޓެއިލް ބްރޭންޑަކަށް ވެފައި އޭނާގެ ގިނަ ލަވަތަކަކީ ސްޕެނިޝް ބަހުން ކިޔާ ލަވަތަކަކަށް ވުމުން މި މަގުސަދު ބޮޑަށް ހާމަ ވެގެންދެ އެވެ.
"ބެނީޓޯ ވަނީ ވަރަށް ރަނގަޅު ޕާފޯމަންސެއް ދައްކާފައި. ހެދުން ވެސް ލައިފައި ހުރިލެއް ވަރަށް ރީތި،" ޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
ޝޯގައި ބޭޑް ބަނީ ދެ ހެދުމެއް ލައިފައިވެ އެވެ. ދެވަނަ ހެދުމަކީ ކްރީމް ކުލައިގެ ޑަބަލް ބްރެސްޓެޑް ބްލޭޒަރެކެވެ. އެއާ އެކު ގުޅުވާފައި ހުރި އެކްސެސަރީޒްއަކީ ހެދުމާ ގުޅޭ ކްރީމް ކުލައިގެ އަންގި އާއި އޮދުމަ ޕިގޭގެ 'ރޯޔަލް އޯކް' ގަޑިއެކެވެ. މި ސްވިސް ބްރޭންޑުގެ 37 އެމްއެމްގެ އަގު ބޮޑު ގަޑީގައި 18 ކެރެޓްގެ ރީނދޫ ކުލައިގެ ރަން ކޭހެއް އަދި މެލަޗައިޓް ޑައިލްއެއް ވެ އެވެ. ބޫޓުގެ ގޮތުގައި އޭނާ ބޭނުންކުރީ އެޑިޑާސްއާ ގުޅިގެން އުފައްދާފައިވާ އޭނާގެ އަމިއްލަ ސްނީކާސް ޖޯޑެކެވެ.
ބޭޑް ބަނީ އަކީ ސްޕެނިޝް ބަހުން ހާފްޓައިމް ޝޯއެއް ޕާފޯމްކުރި ފުރަތަމަ ލަވަކިޔުންތެރިޔާ އެވެ. އަދި މިކަން ވެގެންދިޔައީ އެމެރިކާގައި 'ކޮންސާވެޓިވް' ވިސްނުން ގެންގުޅޭ ގިނަ ބަޔަކަށް ކަމުނުދިޔަ ނިންމުމަކަށެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ސުޕަ ބޯލް ހާފްޓައިމް ޝޯއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. "ސުޕަ ބޯލް ހާފްޓައިމް ޝޯ އެއްގޮތަކަށްވެސް ކަމަކުނުދޭ. މި ޝޯ އަކީ އެމެރިކާގެ ހައިބަތާއި ކާމިޔާބީ އާއި އުފެއްދުންތެރިކަމުގެ މިންގަނޑުތައް ދައްކުވައިދޭ ކަމެއް ނޫން،" ޓްރަމްޕް ލިޔުއްވާފައިވެ އެވެ.
ޓްރަމްޕް ވިދާޅުވީ ބޭޑް ބަނީ ކިޔާ އެންމެ ލަފުޒެއް ވެސް، އެއްވެސް މީހަކަށް ނުވިސްނޭ ކަމަށާއި އޭނާގެ ހުތުރު ނާޗަރަންގީ އަކީ އެމެރިކާ އާއި ދުނިޔޭގެ އެކި ކަންކޮޅުތަކުން ބަލާ، ނޭދެވޭ ގޮތަށް ކުޑަކުދިންނަށް ނުފޫޒު ފޯރުވާނެ ކަމެއް ކަމަށެވެ.
އެމެރިކާގައި 4 އަހަރާއި 4 އަހަރުން މަތީގެ 45 މިލިއަން މީހުން ސްޕެނިޝް ބަހުން ވާހަކަ ދައްކަ އެވެ. އެއީ އެ ގައުމުގެ އާބާދީގެ %14 އެވެ.
އެމެރިކާގައި ސިޔާސީ ބައިބައިވުން އޮތް މިންވަރު މި ޝޯއަށް ލިބުނު ރިވިއުތަކުން ހާމަވެގެން ދެ އެވެ.
ގްރެމީ އެވޯޑްސްގައި ބޭޑް ބަނީ އާއި އެހެނިހެން އާޓިސްޓުން ވަނީ 'އައިސް އައުޓް'އަށް ގޮވާލައިފަ އެވެ. އަދި ސުޕަ ބޯލް ޝޯގައި މިކަމާ ގުޅޭ އެކި މެސެޖުތައް ބޭޑް ބަނީގެ ޕާފޯމަންސުން ފެނިގެންދިޔަ އެވެ. އެތަނުން އެއް ހަރަކާތުގައި ބޭޑް ބަނީ އޭނާގެ ގްރެމީ އެވޯޑް ތަށި އުމުރުން 5 އަހަރުގެ ލިއެމް ކޮނެޖޯއަށް ދިނެވެ. ލިއެމް އަކީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު އައިސް އިން ހައްޔަރުކުރި ކުއްޖެކެވެ. އެ ކުއްޖާ ދޫކޮށްލީ މުޅި ގައުމުގައި މީހުން އެކަމާ ދެކޮޅަށް އިހުތިޖާޖު ކުރުމުންނެވެ.
މީގެ އިތުރުން ސުޕަ ބޯލްގައި ބޭޑް ބަނީ ވަނީ އެންމެ ފަހު މިނިޓްތަކުގައި ދެކުނު އެމެރިކާ އާއި ކެރީބިއަންގެ ގައުމުތަކުގެ ވާހަކަ ކިޔައިދީފަ އެވެ. މި ޕާފޯމަންސް ނިންމާލީ "ގޯޑް ބްލެސް އެމެރިކާ"އޭ ކިޔައިފަ އެވެ. "ނަފްރަތަށް ވުރެ ބާރުގަދަ ވާނެ ހަމައެކަނި އެއްޗަކީ ލޯބި" ކަމަށް ލިޔެފައިވާ މެސެޖެއް ވެސް ވަނީ ދައްކާލައިފަ އެވެ.
ސުޕަ ބޯލްގައި އޭނާގެ ޕާފޯމަންސަށް ފަހު ބޭޑް ބަނީގެ އިންސްޓަގްރާމް ބެލި ސަޕޯޓަރުންނަށް ހައިރާންކަން ލިބުނެވެ. އޭނާގެ ޕްރޮފައިލްގައި އެއްވެސް ޕޯސްޓެއް ނެތް އިރު އޭނާ އެންމެން 'އަންފޮލޯ' ކޮށްފައި ހުރުމުން ކައުންޓް 0 އަށް އަރާފައި، އަދި އޭނާގެ ޕްރޮފައިލް ފޮޓޯ ވެސް ގެއްލި، އޭނާގެ އެކައުންޓް މުޅިން ހުސްވެގެން ދިޔަ އެވެ.
އޭނާގެ ޕްރޮފައިލް ކުއްލިއަކަށް ހުސްވި ސަބަބެއް ބޭޑް ބަނީ އަދި އޭނާގެ ޓީމުގެ ފަރާތުން ވެސް އަދި ބުނެފައެއް ނެތެވެ. މިކަމުގެ ސަބަބުން ގިނަ ބަޔަކު ހައިރާންކޮށްލައި ގިނަ ސުވާލުތައް ވަނީ އުފެދިފަ އެވެ. އެއީ ސުޕަ ބޯލް ހާފްޓައިމް ޕާފޯމަންސްގައި އޭނާ ދެއްކި މެސެޖުތަކުގެ ސަބަބުން ކަމަށް ވެދާނެ ހެއްޔެވެ؟ ނުވަތަ އޭނާ ބޮޑު ކަމެއް އިއުލާން ކުރަން އުޅޭތީ އޭނާގެ ސޯޝަލް މީޑިއާ ޓައިމްލައިން ރީސެޓު ކުރީ ބާވަ އެވެ؟ މި ސުވާލުތަކަށް އަވަސް ޖަވާބެއް ލިބޭނެ ކަމުގެ އުއްމީދުގައި ގިނަ ފޭނުން ތިބީ ކެތްމަދުވެފަ އެވެ.
ބޭޑް ބަނީގެ ސުޕަ ބޯލް ސްޓައިލް ތަފާތު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ