އެކްސިޑެންޓް 11

"ރަސޫލު ސައްލަﷲ އަލައިހި ވަސައްލަމް ހަދީސްކުރެއްވިއެވެ." ދުނިޔޭގައި ޣުރަބާއެއް ނޫނީ ދަތުރުވެރިއެއްހެން އުޅޭށެވެ." ދަތުރުވެރިއަކު ހޮޓެލްގެ ކޮޓަރިއެއް ޒީނަތްތެރިއެއް ނުކުރާނެއެވެ. މަތިންދާބޯޓުގެ ސީޓަކާއިހެދީ އަރައިރުމެއް ނުފަށާނެއެވެ. އަމިއްލަ ގެކަމަށް ނުވާ ތަނެއް ދޫކޮށްފައިދާން ހިތާމައެް ނުކުރާނެއެވެ. މި ދުނިޔެއަކީ އެއްގޮތަކަށްވެސް ތިބާގެ ހަގީގީ މަންޒިލެއްނޫނެވެ. ވީމަ އެއީ އަމިއްލަ ތަނެއްގެ ގޮތުގައި ދެކެގެން މާ ބޮޑަށް ޒީނަތްތެރިކޮށް ދޯޅުނުވާށެވެ. ހަގީގީ މަންޒިލްވަނީ އެހެން އާލަމެއްގައެވެ." *** ބޯ އަރިކޮށްލަމުން ވިސްނަން އިނީ އެ ވާހަކަ ތެދުތެދަށް ބުނަންވީ ހެއްޔޭ ޟަމީރާއި ސުވާލުކުރަމުންނެވެ. "އެއްވެސް އެއްޗެކޭ ނުބުނޭ.."އިރުކޮޅެއްގެ ހިމޭންކަމަކަށްފަހު އޭނަ ބުނެލިއެވެ."އެންމެ ކުރިން ނުބުނޭ.....ހަމަ ފިނިފެންމަލަށް ބަލަން ހުރީ..." "އެފަހުން؟' އޭނަގެ ކަރުތެރެ ހިކުނެވެ. "އާއެކޭ ބުނީ..." ކާދިން އާދައިގެ ގޮތަކަށް ބުނެލިއެވެ. "ހުވަފެންތައް ރިފްލެޓްކޮށްދޭން ބޭނުންވާކަންތައްތަކާއި. ބިރުތަކާއި އަދި ކޮޅެއްގައި ނުޖެހި ހުރި ޚިޔާލުތައް...."އޭނަ ކާދިންގެ މޫނަށް ނުބަލަން މަސައްކަތްކުރިއެވެ."އޭގެ މާނައަކީ ކޮންމެހެން އަދި......." "އެއީ ހަމައެކަނި ހުވަފެނެއްނޫން.."ކާދިން އޭނަގެ ވާހަކަ މެެދުކަނޑައިލި ރާގުން ވާހަކަ ހުއްޓައިލަން މަޖުބޫރުވިއެވެ. "އެއީ އެހެން ވިއްުޔާ ދެން ކޯނޗެއްތަ؟" "ކުރިން ހަމަ ވެފައި އޮތް ހަގީގަތަކާއި ވައްތަރީ..ލައިކް..އަހަރެންގެ ހަނދާނަށް އެދުވަސް އަންނަފަދައިން..އިމޭޖިނޭޝަންއެއްނޫންކަން އެނގޭ..." އޭނަގެ މައިބަދައިގާ ފިނި ރާޅެއް ދުވެލިއެވެ. އިރުކޮޅަކަށް އޭނައަށްވެސް ވަދެވުނީ ހަމަ އެބަގީޗާގެ ތެރެއަށެވެ. ހަމަ އެ އަލިކަމުގެ ތެރެއަށެވެ. އެ ލަފުޒުތައް އޭނަގެ ކަންފަތުގައި ޖެހުނު ހިސާބަށެވެ. "މެރީ ޔޫ...." ދައުވަތު ނުދިނަސް އެ ލަފުޒުތައް ސިކުނޑި ތެރެއަށް ވަދެގަތެވެ. ސާފުކޮށް އަޑުއިވޭވަރަށެވެ. ކާދިންއާއި ކައިވެނިކޮށްފިއްޔާ އަރާމު ދިރިއުޅުމެއް ހޯދިދާނެއެވެ. ސިކުނޑިއަށް އަންނަން ފެށި ނުބައި ޚިޔާލުތަކުން މުންޖިވުންވެސް ފަސޭހައެއްނުވިއެވެ. ކާދިންއާއި ކައިވެނިކުރަން ކުރިން ނިންމީ އޭނައެވެ. މުޅިން އެހެން ނިޔަތެއްގައެވެ. ޚިޔާލު ބަދަލުވީ ކާދިންގެ ސޫރަ ފެނުމުންނެވެ. އަދި މިހާރު އެއީ ކާކުކަން ޔަގީންވާތީއެވެ. ދުވަހެއްގެ ކޮޅުންވެސް ފިރިއެއްގެ ގޮތުން ކާދިން ބަލައިގަންނަން އޭނަގެ ހިތާއި ފުރާނަވެސް ދެކޮޅެވެ. އޭނަގެ ދިރިއުޅުމުން ލޯބިވާ މަންމަ ވަކިކޮށްލި އިންސާނަކާއިއެކީ "ކައިވެނި" އެފަދަ މާތް ގުޅުމަކަށް ފުރުސަތު ދެވޭނީ ކިހިނެއްހެއްޔެވެ؟ އޭނަ ހަށިގަނޑު ސީދާކޮށްލިއެވެ."އަހަރެން މި ވާހަކަތައް ދައްކަންވާނީ ވިސްނައިގެން...ތި ބުނެދޭ ވާހަކަތަކުން އިހުސާސްވަނީ ޖަޒުބާތީ ކަމެއްގައި ބަދެވިފައިވާހެން.." "ޢަހަންނާއި ކައިވެނި ކުރަން ބޭނުންތަ؟"ކާދިން ދެވަނަ ފަހަރަށް ތަކުރާރުކޮށް އެ ސުވާލުކުރުމުން އޭނަ ސިއްސައިގެން ދިޔައެވެ. އެތައް އަހަރެއްގެ ތަމްރީނުތަކުން އޭނައަށް ވަކި އިމެއްގައި ހުންނަން ދަސްވެފައިވިއެވެ. އޭނަ މަސައްކަތްކުރީ ނަފްސާނީ މާހިރެއްފަދައިން ހަރަކާތްތައް ބެހެއްޓުމަށެވެ. ނަމަވެސް އޭނަގެ މަގު ކަސިޔާރުވިއެވެ. އޭނަ ކާދިންގެ މޫނަށް ބަލައިލީ ފަރުވާތެރިކަމާއެކުގައެވެ. ބަލިމީހަކަށް ބަލާނެ ނަޒަރަކުން ނޫނެވެ. ދެނެގަންނަޖެހޭ އަދި މަގުދައްކައިދޭން ޖެހޭ ކޭސްއެއްގެ ގޮތުގައެއްވެސް ނޫނެވެ. ކައިވެނިކުރުމުން ވެދާނެގޮތަކާއިމެދު ވިސްނުނީއެވެ. "ތިއީ މުނާސިބު ސުވާލެއްވެސް ނޫން...."އޭނައަށް ބުނެވުނީ ތަންކޮޅެއް މަޑުންނެވެ. ކާދިން މާޔޫސްވުމުގެ ބަދަލުގައި ކެތްތެރިކަން އިސްކުރިއެވެ. ހިނިތުންވެލިއެވެ. "ޓޭކް ޔޯ ޓައިމް.." ހީވަނީ އޭނައަށް ދުނިޔޭގެ އޮތްހާ ވަގުތެއް ލިބިފައިވާހެންނެވެ. ކަންޒާއަށް ބަލައިލެވުނީ ކުޑަދޮރުން ބޭރަށެވެ. ބަގީޗާގެ ތެރެއިން ކުޑަ ރަތްކަމެއް ފެނިލިއެވެ. ވައިރޯޅިއާއެކު ހޫރެމުންދާ ފިނިފެންމާތަކެވެ. ފުރަތަމަ ފަހަރަށް އޭނައަށް އިހުސާސްވީ އެ މާތަކަކީވެސް އޭނައަށް ކޮންޓްރޯލްވާ އެއްޗެއް ނޫންހެނެވެ. *** ޖެހިގެން އައި ދުވަހު އޭނަގެ ކޮއްކޮ އައިރް ގުޅީ ސްކޯލާޝިޕް ލިބުނު ވާހަކަ ބުނެލުމަށެވެ. ފައިސާ ހަމަޖެހެން އޮތީ ތަންކޮޅެއް ފަހުންނެވެ. އެކަމަކު އަވަހަށް ފައިސާ ދައްކަން ޖެހެއެވެ. އޭނަގެ އެކައުންޓްުގައި ލައްކައެއްހާ ރުފިޔާގެ މިންވަރުވެސްނެތެވެ. ފޯނު ބޭއްވުމަށްފަހު ސިޓިންރޫމްގައި ދެކޮޅަށް ހިނގަ ހިނގާ ހުއްޓާ ފަހަތުން ކާދިން ގޮވައިލި އަޑު އިވުމުން ސިހުނެވެ. އޭނައަތަށް ދިއްކޮށްލި ތާޒާ މޭވާ ޖޫސްތަށީގައިވެސް ހިފުނީ ބޭއިޚުތިޔާރުގައެވެ. "ވަރަށް ފިކުރުބޮޑުވެފައި ކަހަލަ ގޮތަކަށް ތިހުންނަނީ..." "އައިމް ފައިން..ކުޑަކޮށް ވަރުބަލިވެފައި މިިހިރީ...."އޭނަ އަވަސްއަވަހަށް ބުނެލި ނަމަވެސް އަޑުއައީ ހިމަވެގެންނެވެ."ހަމަ ވިސްނެނީ..." "ޚިޔާލުކުރުންވެސް ނުރައްކާތެރިކަމަށްވެދާނެ...އޭގެ ސަބަބުން އަހަރެމެން ފޭސްކުރަން ބޭނުންނުވާ ކަންތައް ވުޖޫދަށް ގެނުވާ..ނޫންތަ؟" "އެކަނިމާއެކަނި ފިކުރުކުރުމުން ބުރަދަން އިތުރުވެ އުފުލަން ކުޅަދާނައެއްނުވާނެ،......" ކަންޒާއަށް ބިއްލޫރިތަށީގައި ތަންކޮޅެއް ބާރަށް ހިފަހައްޓައިލެވުނެވެ. ކާދިންއަކަށް ނޭގެއެވެ. އޭނައަށް އެނގިގެން ނުވެސް ވާނެއެވެ. އޭނަ މަންމަގެ މަތިން ނޫނީ އެކްސިޑެންޓްގެ މަތިން ހަނދާންވެއްޖެއްޔާ ވާނީ ކިހިނެއް ހެއްޔެވެ؟ދެމީހުންވެސް ވަކީ އެކަކު އަނެކަކަށް އަނިޔާވެރިވެ ފޫނުބެއްދޭވަރުގެ ގެއްލުމެއް ދީފައެވެ. ކާދިން ފަކީރުގެ ހަނދާންތައް ގެއްލުވައިލީ އޭނައެވެ. އަނެއްކޮޅުން އޭނަގެ ލޯބިވާ މަންމަގެ ގާތިލަކީ މިއީއެވެ. ދެމީހުންނަކީ އެންމެ ނުގުޅޭ ޖޯޑެވެ. ނޭގުނަސް ހިތުގެ ކަނުގައި ފޮރުވިފައިވާނީ ނަފްރަތެވެ. "އަހަންނަށް އެހީވެވޭނެނަމަ...."ކާދިން އިތުރަށް ބުނެލިއެވެ. އޭނަ ދުރަށް ބަލައިލީ ކާދިންއާއި ހަތަރުކަޅި ހަމަކުރަން ޖެހިލުންވެފައެވެ. މި ރިޒޯޓްގެ ހިމޭންކަންވެސް ހީވީ ކުއްލިއަކަށް ބިއްލޫރިހާ ނާޒުކް އަދި ނުބައި ގޮތަކަށް އަތްލެވުނަސް ތެޅިގެންދާފަދަ އެއްޗެއް ހެންނެވެ. "ކަންޒާ...ކީއްވެ ހިމޭނުން ތިހުންނަނީ؟ ކޮންމެވެސް އެއްޗެކޭ ކިޔާބަލަ.......އަދިވެސް އަހަރެންގެ ހުށަހެޅުމަށް ޖަވާބެއްނުދެމެއްނު..." "އަދި ނުވިސްނިގެން މިއުޅެނީ.."އޭނައަށް އަތްތިލައަށް ބަލައިލެވުނެވެ. ކަންޒާއަށް ބަލައިލެވުނީ ކުޑަދޮރުން ބޭރަށެވެ. ބަގީޗާގެ ތެރެއިން ކުޑަ ރަތްކަމެއް ފެނިލިއެވެ. ވައިރޯޅިއާއެކު ހޫރެމުންދާ ފިނިފެންމާތަކެވެ. ފުރަތަމަ ފަހަރަށް އޭނައަށް އިހުސާސްވީ އެ މާތަކަކީވެސް އޭނައަށް ކޮންޓްރޯލްވާ އެއްޗެއް ނޫންހެނެވެ. *** ކަންޒާއަށް ކާދިންގެ ފަރާތުން މުޅިންވެސް ފެންނަމުންދަނީ ކަމުދާ ސިފަތަކެވެ. ހިތްހެޔޮކަމާއި ކެތްތެރިކަން އަދި ފުރިހަމަކަމެވެ. އޭގެ އިތުރުން އެ ހަމަޖެހޭކަމާއި އެހުންނަ ހިތްދަމައިގަންނަގޮތުގެ ސަބަބުން އޭނައަށް ކުށަށް އިއުތިރާފުވާން ކެރޭނެހެއްޔެވެ؟ އޭނަގެ ރުޅީގައި މި ދެއަތުން ކާދިންގެ ފުރާނައަށް ނުރައްކާވާވަރުގެ އަނިޔާއެއް ދެވުނުކަމަށް ބުނެވޭނެހެއްޔެވެ؟ ކާދިން ސެޝަންއަށް އައިއިރު ކަންޒާވެސް ފެންވަރާލައިގެން ނުކުތީއެވެ. ކްރީމްކުލައިގެ ބުރުގާއާއި ނިކަން ގުޅެއެވެ. މޫނުމަތިން ފެންނަނީ ފިނިފެންމަލެއްފަދަ ތާޒާކަމެކެވެ. ކާދިންއަށް ކަންޒާގެ މޫނުމައްޗަށް ވެރިވިކުލަވަރު ގެނުނެވެ. ކަކުލުހުޅުން ވާގު ދޫވެ ފައި އަރިއަޅައިލިއިރު އޭނައަށް ހިފެހެއްޓުނެވެ. "ކަންޒާ؟" އޭނައަށް ގޮވައިލެވުނެވެ. "އައިމް އޯކޭ..." ގަދަކަމުން ހީލިޔަސް ވަގުތުން ހިނިތުންވުން ގެއްލުނެވެ. "ނޫން...ތިބުނަނީ ރަގަޅަކަށް ނޫން...އަހަންނަށް ކަންޒާ ފެންނަ ކޮންމެ ފަހަރަކު އެކަން އެނގޭ.."އޭނަގެ ލޮލުން ކަންޒާގެ ލޮލަށް ފީނަމުން ދިޔައެވެ. ކޮންމެވެސް އެއްޗެއް ހޯދަން މަސައްކަތް ކުރާ ފަދައިންނެވެ."ކޮންމެވެސް ކަމެއް އެބަ ހިނގާ..މި ލޮލުގައި އެކަން ފޮރުވިފައިވަނީ..އަހަންނަށް އެބަފެނޭ ކަންޒާ...ކޮންކަމަކާއި ފިކުރުކުރަނީ؟ކޮންމެވެސް މީހަކާއި ހިއްސާކުރީމަ ސިކުނޑިއަށް ލުޔެއް ލިބިދާނެ..." "ނޫނޭ ތިއީ ހަމަ ކާދިންއަށް ހީވާގޮތް...އެންމެ ރަގަޅު..އަހަރެން އެއްބަސްވަން..އެންމެންގެ ދިރިއުޅުމުގައިވެސް އަޑިގަނޑަކަށްފަހު އުސްގަނޑެއްވާނެއޭ ބުނާ އުސޫލުން ހަމަ ދިރިއުޅުމުގައި އެފަދަ ދުވަސްތަކެއް ނާދެއޭ ނުބުނެވޭނެ...ސޯ..އިއްޔެ ކިހާ ހިސާބަކުން ނިންމީ؟" "ޑްރީމްއިން...."ކާދިން ހީލިއެވެ. *** މެހެރް މެދު ގޯތީގައި ހުރި ގަހެއްގެ ހިޔަލުގައިއިންއިރު ކޮންމެވެސް ވަރަކަށް އިރުގެ އަޅި އެޅި އިސްތަށިގަނޑަށް ރަންކުލައިން ބަބުޅައެވެ. އިށީދެލައިގެން އިނީ މޮޑެލްއެއްހެންނެވެ. މެހެރް ފުރިހަމަ މޭކަޕްގައި އިސްތަށިގަނޑު ސްޓައިލްކޮށްގެން ނޫނީ ކޮޓަރިންތެރެއިންވެސް ނުފެންނާނެއެވެ. އެހާވެސް ރީތިކަމަށް ސަމާލުކަންދެއެވެ. ކާދިން ކުރިމަތީގައި ހުރި ގޮނޑީގައި އިށީދެ ކޮފީތަށިން ކޯވަރެއް ބޯލިއެވެ. "ކާދިން...މަންމައަށްވެސް އެނގޭ ކަންޒާއަށް އިހުތިރާމްކުރާކަމާއި މަރުހަބާކިޔަން ބޭނުންވާކަން...." "ލައްބަ މަންމާ..އެއީ އަޅުގަނޑުގެ މެހުމާނެއް....އޭނައަށް އިހުތިރާމް ހައްގު..." އިހުތިރާމާއި ގަދަރަކީ އަދި މީހާ އާއިލީ މީހަކަށް ހަދާވަރުގެ ކަމެއްނޫން..އޭނަގެ އާއިލާ އެނގޭތަ؟ އެއީ މަންމަމެންގެ ޓައިޕަށްނުވާނެ.. ފަގީރު ހާލަތުގައި ބޮޑުވާ އަންހެންކުދިންނަކީ އަހަރެމެންނާއި އެއް ގިންތިއަކަށް ފެތޭނެ ބަޔެއްނޫން..ކޮންމެހެން ދެރަކޮށް ނިކަމެތިކޮށްލާކަށް ބުނާ އެއްޗެއްނޫން....ސަބަބަކީ އެކުދިންގެ ވިސްނުމުގައި ހުންނާނީ މުޅިންވެސް ދަހިވެތިކަމާއި ފައިސާ ހޯދުން..ލޯބި ހޯދާކަށް ނޫން މުއްސަންޖަކާއި ކައިވެނިކުރާނީ...އޭނައާއި މާގިނައިން އަނގަ ތަޅާ ގާތްކޮށް ގެންގުޅުން މަންމައަކަށް ނުފެނޭ..." "މަންމާ..އަޅުގަނޑު އެއްވެސް މީހަކާއި ވާހަކަދައްކަނީ އެމީހާގެ މުއްސަދިކަމާއި މަގާމަށް ބަލާފައެއްނޫން. ވާރުތަ މުދަލުން މިނެ ކިރާވަރަށްވުރެ އިންސާނުންނަކީ މާތްބަޔެއް..އެ މިހެއްގެ މުއްސަދިކަމަކުން ނޫން އަނެއްހެން މާތްވަނީ...ތަގުވާވެރިވީމަ.." "ކާދިން..ދަރިފުޅު..ތިއީ ހިތްހެޔޮކަމުގެ މިސާލެއް..އެކަމަކު ހިތްހެޔޮކަމަކީވެސް އަނެއްހެން މާ ބުއްދިވެރިކަމެއްނޫން... ފުދޭވަރެއްގެ ދުރުމިނުގައި ބަހައްޓަން ޖެހެނީ....އޭރުން ފުދޭވަރުވާނެ..........." "އަޅުގަނޑު ތިކަމާއި ވިސްނާނަން.." "މަންމަ ފަހަރެއްގައިވެސް ދަރިފުޅުގެ އުފާތަކަށް ހުރަސްއަޅާ މީހަކަށްވާކަށް ބޭނުމެއްނޫން...ދެން ރީތި އަންހެންކުއްޖެއްވީމަ ގާލްފްރެންޑަކަށްވިޔަސް އެންމެ ރަގަޅު....ކައިވެނިކުރަންވާނީ ގަދަރުވެެރި އާއިލާއެއްގެ ދަރިއަކާއި..."މެހެރް ބުނެލީއެވެ."ކޮން އިރަކުން ރިޒޯޓަށްދަނީ؟ އަބަދާއަބަދު އެހެން މީހުންނާއި އެކަހެރިވެ ވަކިން އުޅުމަކީވެސް އެންމެ ރަގަޅުގޮތެއްނޫން...." ކާދިން އޭނަގެ މަންމައާއި ވާހަކަދައްކަން އިރުކޮޅަކު އިނެވެ. މަންމަގެ އުފާތަކާއިމެދުވެސް އޭނަ ވިސްނައެވެ. މަންމަ ގެ ހުއްދަނެތި ކައިވެނިކުރަން އޭނަ ފަސްޖެހެނީވެސް އެހެންވެއެވެ. *** އިރު ފެންގަނޑުގެ ސަތަހައާއި ދިމާލަށް ތިރިވަމުން ދިޔައީ އުޑުމަތި އޮރެންޖާއި ފިނިފެންމަލުގެ ކުލައިން ޕެއިންޓްކޮށްލަމުންނެވެ. ކަންޒާ ކޮފީތަށި ހިފައިގެން ކުޑަދޮރުކައިރީގައި އިރުއޮއްސިގެންދާ ހިތްގައިމު މަންޒަރު ބަލަން އިނެވެ. ބަލާބަލާ ފޫހިނުވާފަދަ ރީއްޗެވެ. ކާދިން ގެ ޓަކިދިނުމުގެ އަޑާއިއެކު އަވަހަށް ތެދުވެ ޝޯލް ރީތިކޮށްލިއެވެ. ތުންފަތުގައި ލިޕްގްލޮސްއެއްލުމުން ރަތްކުލަ ގަދަވެ ވިދަންފެށިއެވެ. "އަދިވެސް އެހިސާބުގައިތަ؟"ކާދިން ގެނައި ފައިލްތައް މޭޒުމަތީގައި ބެހެއްޓިއެވެ. "ރޭގައި ނުނިދުނީ.. ޚިޔާލު ގިނަވެގެން ސިކުނޑި އޮބިނޯވެގެން އުޅެނީ.." ކަންޒާއަށް ބަލައިލިމީހަކަށްވެސް އެކަން އެނގޭހާ މޫނު ތަފާތެވެ. "އަހަންނަށްވެސް އެކަން ވިސްނޭ..ތިވަރަށް ނުވިސްނާ ކަންޒާ...މާލީގޮތުން ދަތްޗެއްވަންޏާ އަންގައިލަންވާނެ..." އޭނަގެ ކަނދުރާއަށް ވާންވެލިއެވެ. ކާދިންގެ ކޮންމެ ލަފުޒެއް ލޯގަނޑެއްފަދައެވެ. އެއިން މާޒީ ފެންނަނީ ކުށާއި ބިރާއި ފަޚުވެރިކަންފަދަ އޭނަ ފޮރުވަން މަސައްކަތްކުރާ ކަންތައްތަކުގެ ތެރެއިންނެވެ. ކަންޒާ އެހެން ބުނަން އުޅެފައި ހުއްޓައިލިއެވެ. "ކަންޒާ...."ކާދިން ގޮވައިލިއެވެ. "މްމްމް..ކާދިން..އަހަރެން ކަމަކަށް އެދެފިއްޔާ ރުޅި އަންނާނަންތަ؟" "އަހަރެންގެ ރުޅި އިމްތިހާންކުރާވަރުގެ ކަމެއް ވެއްޖެއްޔާ ނުރައްކާވެސް ވެދާނެ.."ކާދިން ސަމާސާ ރާގަކަށް ބުނެލިއެވެ. "އެއީ ކޮއްކޮމެން....ކިޔަވަން ބޭރަށް ދާންވެގެން އުޅެނީ....އާރާ ޔޫކޭ އިން މެޑިސިން ހަދަން ނިންމީ...އަތުގައި އެހާވަރަށް ފައިސާއެއްނެތް...އެހެންވެ ހިތަށް އެރީ ލޯނެއް ނަގާނީއޭ..........ކާދިންއަށް ހެލްޕް ވެވިދާނެތަ؟ ސަބަބަކީ އަހަންނަށް ލިބުނު މައުލޫމާތު ރަގަޅުކަމަށް ވަންޏާ ތިއީ މުހުސިނެއް...މުހުސިން ބޭނުންޖެހިފައިވާ މީހުންނަށް އެހީތެރިވެދޭނެ........." "އަހަރެން ނޫނެކޭ ބުނެފިއްޔާ؟" ކާދިންގެ ޖުމްލައިން އިން އޭނައަށް ލޯ ބޮޑުކޮށްލެވުނެވެ. ކާދިންއަކީ އާދައިގެ އިންސާނެއް ނޫނެވެ. އަނެއްކާ ކާދިން މަރުވުމުން އެ ސިފަ ޖެހިގެން އައި ޖިންނިއެއްހެއްޔެވެ؟ އެލޮލަށް ބަލައިލެވުމުންވެސް ގައިން ހީބިހިނަގާވަރުވެއެވެ. އެހާ ތޫނު ފުން ލޮލެކެވެ. ނުނިމޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ