ރާއްޖޭގައި ބޮޑީ ބޯޑަރުން އުފެއްދުމަށް ހިންގާ ޕްރޮގްރާމުގެ އައު ބެޗެއް މާލޭގައި ތަމްރީންކޮށް، "ރޯޑް ޓު ކޮމްޕީޓް"ގެ ނަމުގައި ޚާއްސަ ކުލިނިކެއް ބާއްވައިފިއެވެ.
ކުޑަ ކުދިންނަށް އަމާޒުކޮށްގެން ކުރިޔަށް ގެންދާ ގްރާސްރޫޓް ޓްރޭނިން ޕްރޮގްރާމް "ހުދުފޮނު" ގެ ކުލިނިކުތައް މިދިޔަ އަހަރުވެސް މާލެއާއި ރާއްޖޭގެ ދެ ސަރަހައްދެއްގައި ކުރިޔަށް ގެންދިޔައެވެ. މިއަހަރުގެ ފުރަތަމަ ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާ، ބައިވެރިވި ކުދިންނަށް ސެޓްފިކް ހަވާލުކޮށްފައިވާއިރު މޯލްޑިވްސް ބޮޑީ ބޯޑިން އެސޯސިއޭޝަންގެ ރައީސް ހުސެއިން ނިޒާމް ވިދާޅުވީ މި ކުލިނިކުން ވަރަށް ގާބިލު ހުނަރު ހުރި ކުދިން ފެނިގެން ދިޔަކަމަށެވެ.
ހުކުރު ދުވަހު ހެނދުނު ވަރުނުލާ ރާޅުގަނޑުގައި ހިންގި މި ޕްރޮގްރާމަށް އިޝާރަތް ކުރައްވާ ނިޒާމް ވިދާޅުވީ މިކްލިނިކް ތެރެއިން ވަރަށް ޕޮޓެންޝަލް ހުރި ކުދިންތައް ތިބިކަން ފާހަގަކުރެވުނުކަމަށެވެ.
"ކުލިނިކެއް ޖެއްސިން. ކުރިންވެސް ޖައްސާ ގޮތަށް ޖޫނިއާ ކުދިންތައް އުޅޭތީ މިފަހަރު އަޅުގަނޑުމެން މި ހެދި ގޮތަކީ ރޯޑް ޓު ކޮމްޕީޓް ކިޔާފަ ހުދުފޮނު ޑިވެލޮޕްމެންޓް ޕްރޮގްރާމް އަޅުގަނޑުމެން މި ޖެއްސީ. އެކުދިންގެ ތެރޭގައި ސީޑްތަކެއް ޖައްސާލިއިރު ވަރަށް ރަނގަޅު ވަރަށް ޕޮޓެންޝަލް ކުދިންތަކެއް އަސްލު އެބައުޅޭ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ދެން އޮތް މަސައްކަތަށް މިވަނީ މި ކުދިން ހަމަ މުބާރާތްތަކުގައި ވީހާވެސް ގިނައިން އެކްސްޕީރިއަންސް ހޯދައިދީ، ގިނަ ކަންތައްތައް ކިޔައިދީ ދެން އިތުރަށް ކުރިޔަށް ގެންދަން" ނިޒާމް ވިދާޅުވިއެވެ.
އަދި މި ޕްރޮގްރާމުގައި ކުޑަކުދިންނަށް ކިޔަވައިދިން އިންސްޓްރަކްޓަރުންނަކީ މިހާރު މިތިބި އެތުލީޓުންކަން ފާހަގަކޮށް ނިޒާމް ބުނީ، އަލަށް އަންނަ ކުދިންނާ އެބެހެއްޓި ގުޅުމާއި އެކުދިން ގޮވައިގެން ހީޓްތެރޭގައި ކުރި މަސައްކަތާއި އަޅާ ބަލާއިރު ހަމަ ވަރަށް ވަރަށް ކާމިޔާބު" އެމްބީބީއޭގެ ރައީސް ވިދާޅުވިއެވެ. ނިޒާމްވަނީ ކުޅިވަރު ވުޒާރާ އާއި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި ޒުވާނުން ބާރުވެރިކުރުމާއި، ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވަޒީރު އަބްދުﷲ ރާފިއު މިފަދަ ކަންކަމަށް ދެއްވާ އެއްބާރުލެއްވުން ފާހަގަކުރައްވާފައެވެ.
މިދިޔަ އަހަރުވެސް ވަރަށް ކާމިޔާބުކަމާއެކު ހުދުފޮނު ޕްރޮގްރާމުގެ ކުލިނިކުތަކެއް ބޭއްވިއެވެ. އެގޮތުން ށ. ކަނޑިތީމާއި ނ. ޅޮހި ހިމެނޭ ގޮތަށް ދެ ޖިންސުގެ ކުދިންނަށް ހުޅުވާލައިގެން ދެ ޓްރޭނިން ސެޝަން ކުރިޔަށް ގެންދިޔައެވެ. އަދި ހުދުފޮނުގެ ބައިވެރިއަކު ލީގުގައި ވާދަކޮށް ތިންވަނަވެސް ހާސިލުކުރިއެވެ.
މާލެއާއި އެކި ރަށްރަށުގައި މިއަހަރުވެސް ހުދުފޮނު ޕްރޮގްރާމު ހިންގައި އައު އެތުލީޓުން މި ކުޅިވަރުގެ ތެރެއަށް ނެރުމަށް އެމްބީބީއޭއިން ވަރަށް ބޮޑަށް މަސައްކަތް ކުރާނެއެވެ.
މާލޭގައި ހުކުރު ދުވަހު ހިންގި މި ޕްރޮގްރާމް ނިންމި ކުދިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ ކުޅިވަރު ވަޒީރު އަބުދުﷲ ރާފިޢުއެވެ.
ބޮޑީ ބޯޑަރުން ބިނާކުރަން "ރޯޑް ޓޫ ކޮމްޕީޓް"ގެ ނަމުގައި ޚާއްސަ ޕްރޮގްރާމެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ