މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ދުނިޔޭގެ ހަކަތައިގެ ބާޒާރަށް އައި ބަދަލުތަކާ އެކު، 2019 ވަނަ އަހަރަށް ފަހު ފުރަތަމަ ފަހަރަށް އިންޑިއާއިން އީރާނުން ތެޔޮ ގަންނަން ފަށާފައިވާ ކަމަށް ތެލާ ބެހޭ އެ ގައުމުގެ މިނިސްޓްރީން މިއަދު ބުނެފި އެވެ.
އެ މިނިސްޓްރީން ބުނެފައިވަނީ، މެދުއިރުމަތީގެ ހާލަތުގެ ސަބަބުން ތެޔޮ ލިބުމަށް ހުރަސްތަކެއް ކުރިމަތިވެފައިވާ މި ދަނޑިވަޅުގައި، އިންޑިއާގެ ރިފައިނަރީތަކަށް ބޭނުންވާ ސާފުނުކުރާ ތެޔޮ އީރާނުން ހިމެނޭހެން މިހާރު ކަށަވަރުކުރެވިފައިވާ ކަމަށެވެ.
އީރާނުން އެތެރެކުރާ ތެލަށް ފައިސާ ދެއްކުމުގައި އެއްވެސް ކަހަލަ ހުރަހެއް ނެތް ކަމަށާއި، ކުރިއަށް އޮތް މަސްތަކަށް ބޭނުންވާ މިންވަރަށް ތެޔޮ ލިބޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
ދުނިޔޭގައި ތިންވަނައަށް އެންމެ ގިނައިން ތެޔޮ އެތެރެކޮށް ބޭނުންކުރާ އިންޑިއާއިން އީރާނުން ތެޔޮ ގަތުން ހުއްޓާލީ، އެމެރިކާގެ ފިއްތުންތަކާ ގުޅިގެން މެއި 2019ގަ އެވެ. ނަމަވެސް، މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ތެޔޮ ލިބުމުގައި ދިމާވެފައިވާ ދަތިތަކަށް ހައްލެއް ހޯދުމަށްޓަކައި، އެމެރިކާއިން ވަނީ މިދިޔަ މަހު އީރާނުގެ ތެލުގެ އުފެއްދުންތަކަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ވަގުތީ ލުޔެއް ދީފަ އެވެ.
ތެލާ ބެހޭ އިންޑިއާގެ މިނިސްޓްރީން ފާހަގަކުރި ގޮތުގައި، ވިޔަފާރީގެ ފައިދާއަށް ބަލައި ދުނިޔޭގެ ކޮންމެ ގައުމަކުން ވެސް ތެޔޮ ގަތުމުގެ އިހްތިޔާރު އިންޑިއާގެ ކުންފުނިތަކަށް އެބައޮތެވެ. މިހާރު ވެސް އިންޑިއާއިން 40އަށް ވުރެ ގިނަ ގައުމުން ސާފުނުކުރާ ތެޔޮ އެތެރެކުރެ އެވެ.
ސާފުނުކުރާ ތެލުގެ އިތުރުން، އިންޑިއާއިން ވަނީ އީރާނުން 44،000 މެޓްރިކް ޓަނުގެ އެލްޕީޖީ ނުވަތަ ކައްކާ ގޭސް ވެސް އެތެރެކޮށްފަ އެވެ. ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ އުޅަނދެއްގައި އިންޑިއާގެ މަންގަލޯރު ބަނދަރަށް ގެނައި މި ތަކެތި ބޭލުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.
އިންޑިއާއިން 7 އަހަރަށް ފަހު އީރާނުގެ ތެޔޮ ގަންނަން ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ