އީރާނުގެ ހަނގުރާމައާ ގުޅިގެން ސްވިޓްޒަލޭންޑުން އެމެރިކާއަށް ހަތިޔާރު ވިއްކުން ހުއްޓާލައިފި
އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައާ ގުޅިގެން، ސްވިޓްޒަލޭންޑުން އެމެރިކާއަށް ހަތިޔާރު އެކްސްޕޯޓުކުރުން ހުއްޓާލައިފިއެވެ. ސްވިޓްޒަލޭންޑުގެ ސަރުކާރުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އީރާނުގެ ހަތިޔާރުއެޅި ހަމަނުޖެހުމުގައި ބައިވެރިވާ ގައުމުތަކަށް ހަނގުރާމައިގެ އާލާތްތައް އެކްސްޕޯޓުކުރުމުގެ ހުއްދަ، ހަނގުރާމަ ނިމެންދެން ނުދެވޭނެ ކަމަށެވެ. އެހެންކަމުން، މިވަގުތު އެމެރިކާއަށް ހަތިޔާރު އެކްސްޕޯޓުކުރުމުގެ ހުއްދަ ދެވެން ނެތްކަމަށް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. މި ނިންމުން ނިންމާފައިވަނީ އެ ގައުމުން ޒަމާނުއްސުރެ ގެންގުޅެމުން އަންނަ ވަކިފަރާތަކަށް ނުޖެހުމުގެ ސިޔާސަތުގެ ދަށުންނެވެ. ފެބްރުއަރީ 28 ވަނަ ދުވަހު ފެށި މި ހަނގުރާމައާ ގުޅިގެން، ސްވިޓްޒަލޭންޑުން ވަނީ އީރާނުގެ ހަނގުރާމައާ ސީދާ ގުޅުންހުރި އެމެރިކާގެ އަސްކަރީ މަތިންދާބޯޓުތަކަށް އެ ގައުމުގެ ވައިގެ ސަރަޙައްދުވެސް ބަންދުކޮށްފައެވެ. މިގޮތުން، ފާއިތުވި ހަފުތާބަންދުގައި އެމެރިކާއިން ހުށަހެޅި ދެ ހުއްދައެއް ވަނީ ބާތިލުކޮށްފައެވެ. ތަފާސްހިސާބުތައް ދައްކާގޮތުން، ފާއިތުވި އަހަރު އެމެރިކާއަކީ ސްވިޓްޒަލޭންޑުން ދެވަނައަށް އެންމެ ގިނައިން ހަތިޔާރު އެތެރެކުރި ގައުމެވެ. އެގޮތުން 119 މިލިއަން އެމެރިކާ ޑޮލަރު (94.2 މިލިއަން ފްރޭންކް) ގެ ހަތިޔާރު އެމެރިކާއަށް ވިއްކާފައިވެއެވެ. ނަމަވެސް، ހަނގުރާމަ ފެށުނު ފަހުން އެމެރިކާއަށް ހަތިޔާރު ވިއްކުމުގެ އާ އެއްވެސް ހުއްދައެއް ދޫކޮށްފައިނުވާކަމަށް ސްވިޓްޒަލޭންޑުން ބުނެއެވެ. މީގެ އިތުރުން، އިސްރާއީލާއި އީރާނަށް ހަތިޔާރު ވިއްކުމުގެ ހުއްދަ ފާއިތުވި އަހަރުތަކުގައިވެސް ދީފައިނުވާކަން އެ ގައުމުގެ ސަރުކާރުން ވަނީ ފާހަގަކޮށްފައެވެ. އަދި އެމެރިކާއަށް މިހާރު ދޫކޮށްފައިވާ ހުއްދަތައްވެސް، ވަކިފަރާތަކަށް ނުޖެހުމުގެ ގާނޫނުގެ ދަށުން ތަޖުރިބާކާރުންގެ ޓީމަކުން މުރާޖަޢާކުރަމުން ގެންދާނެކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ