ރޭގެ އެއްވުން ކޮންޓްރޯލް ކުރަން ބާރުގެ ބޭނުންނުކުރަން: ފުލުހުން

ރޭ އިދިކޮޅު އެމްޑީޕީން މާލޭގައި ބޭއްވި އިހުތިޖާޖުގެ ތެރެއިން ފުލުހުން ބާރުގެ ބޭނުންކުރުމުގެ ސަބަބުން މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދިވެހި ފުލުހުން ދޮގުކޮށްފި އެވެ.ސަރުކާރަށް 12 ކަމެއްގައި ޑިމާންޑުތަކެއް ކޮށް، އެމްޑީޕީން މާލޭގައި ސިލްސިލާކޮށް ކުރަމުން އަންނަ މުޒާހަރާތަކުގައި  ރޭ ކުރި މުޒާހަރާގައި މީހަކު ވެއްޓި، އުނދަގޫތަކެއް ވާތީ އޭނާ އުފުލާލައިގެން ގެންދާ ވީޑިއޯއެއް ވަނީ އާންމުވެފަ އެވެ. އެއީ ފުލުހުން "ކަރަންޓު މުގުރުން" ޖެހުމުން އަނިޔާވި މީހެއް ކަމަށް ތުހުމަތުކުރި ނަމަވެސް ފުލުހުން ބުނީ މުޒާހަރާ ކޮންޓްރޯލްކުރަން ރޭ ބާރުގެ ބޭނުމެއް ކޮށްފައި ނުވާނެ ކަމަށެވެ. އެކަމާ ގުޅޭގޮތުން ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖުގައި ވަނީ ރޭ އެއްވުމުން ހޮސްޕިޓަލަށް ގެންދިޔަ މީހާއަށް އަނިޔާވެފައިވަނީ އެއްވުމާ ގުޅިގެން ފުލުހުން އެޅި ފިޔަވަޅުތަކެއްގެ ސަބަބުން ކަމަށް ބުނެ ފަތުރާ ވާހަކަތައް ދޮގުކޮށްފަ އެވެ.ހަގީގަތާ ޚިލާފު ދޮގު މައުލޫމާތު ފެތުރުމުގެ ސަބަބުން ދައުލަތުގެ މުއައްސަސާތަކަށް އޮންނަ އިތުބާރު ކުޑަވެ، ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތަކަށް ނޭދެވޭ އަސަރުތަކެއް ކުރާނެކަން ފާހަގަކުރަމުން، ފުލުހުން ވަނީ މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމަށްފަހު ނޫނީ މައުލޫމާތު ނުފެތުރުމަށް މީޑިއާތަކަށާއި އާންމުންނަށް އިލްތިމާސްކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ