ޒަމާނީ ވަސީލަތްތަކާއެކު އިންޓަރނެޓްގެ ވިއުގައިން މުޅި
ދުނިޔެ ގުޅާލެވިއްޖެ އެވެ. ޒަމާން ބަދަލުވެ ސޯޝަލްމީޑިއާގެ ވަސީލަތްތައް ފުޅާވެ
ތަނަސްވެއްޖެ އެވެ. އެހެންކަމާއެކު ދީނީ މައުލޫމާތު ހޯދާނެ ވަސީލަތްތަކާއި
ގޮތްތައް ވެސް ނުހަނު ގިނަވެއްޖެ އެވެ. ދީނީ ކޮންމެ ސުވާލެއް ގޫގްލްކުރިޔަސް
ނުވަތަ އޭ އައި ގެ ވަސީލަތެއްގައި ސުވާލުކުރިޔަސް ވަރަށް ގިނަ ފަހަރަށް އަވަސް
ޖަވާބު ލިބެން ފަށައިފި އެވެ.
އިސްލާމީ ފިޤުހީ ސްކޫލްތަކަކީ ވަރަށް ގިނަ އެއްޗެކެވެ.
އިސްލާމީ ތައުލީމަކީ ހީކުރާވަރަށްވުރެ ފުޅާ ތަނަވަސްދާއިރާއެކެވެ. ދީނީ ތައުލީމުގެ
ދާއިރާގައި ދީނީ ނަސޭހަތްދޭ ކޮންމެ މީހަކީ އިލްމުވެރިއެއް ނޫނެވެ. އަދި އެފަދަ
ކޮންމެ މީހަކީ އިލްމުވެރިއަކަށްވާކަށް ވެސް ނުޖެހެ އެވެ. ނަމަވެސް މިޒަމާނުގެ
ސޯޝަލްމީޑިއާގެ ވަސީލަތްތައް ހުރި ގޮތުން، ވަރަށް ގިނަ ފަހަރަށް ބޮޑެތި ހަގީގީ
އިލްމުވެރިން އޮޅުންއަރާ ގޮތްވުމަކީ ރާއްޖެއަށާއި މުޅި އިސްލާމީ ދުނިޔެއަށް
ދިމާވެފައިވާ އާންމު މައްސަލައެކެވެ.
ވަކީން ހާއްސަކޮށް މަޝްހޫރުވުމުގެ ބޭނުމަށް
ދެއްކުންތެރިކަމާއި ސަމާލުކަން ހޯދައިގަތުން އާންމުވެފައިވާލެއް ބޮޑުކަމުން
ދީނީގޮތުން ކަންއޮތްގޮތް އާންމުންނަށް އޮޅޭގޮތަށް ނުވަތަ ބަލަންވާވަރަށް ނުބަލާ
ހެދިފައި ހުންނަ ކޮންޓެންޓްތައް ވައިގައި ހިފައިގެންދާ ފިތުނައަކީ އެކަމާ ބަޔަކު
ބަސް ބުނަންޖެހިފައިވާ މުސީބާތެކެވެ.
މި ލިޔުމުގައި އަޅުގަނޑު ތައާރަފުކޮށް އަރުވަން
ގަސްދުކުރަނީ މިޒަމާނުގެ ބޮޑެތި އިލްމުވެރިންކުރެ ބޮޑު އިލްމުވެރިއެކެވެ.
ރާއްޖޭގައި ފެތުރި ގަދަވެފައިވާ އިސްލާމީ ވަކި ފިޤުހީ ސްކޫލެއްގެ ވަރަށް ގިނަ
ވިސްނުންތަކާއި މި އިލްމުވެރިޔާގެ ބައެއް ފަތުވާތައް ތަފާތުވުމަކީ އެކަށީގެންވާ
ކަމެކެވެ. ނަމަވެސް މިޒަމާނުގެ ބޮޑެތި އިލްމުވެރިންނަކީ ކޮބައިކަމާއި އެ
އިލްމުވެރިން ކަންކަމުގައި ދީފައިހުރި ދީނީ ފަތުވާއަކީ ކޮބައިކަން އެނގުމަކީ
ކޮންމެ ދިވެއްސެއްގެ ހައްގެކެވެ.
ބޮޑު އިލްމުވެރިއެއްކަމުގައި އަޅުގަނޑު ދަންނަވާނީ
އެބޭކަލަކު ކުރައްވާފައި ހުންނަ އާދަޔާ ހިލާފު ބޮޑެތި މަސައްކަތްތަކަށް
ބަލައިގެންނެވެ. މިސާލަކަށް އަޅުގަނޑު މިދަންނަވާ އިލްމުވެރިޔާއަކީ ބޮޑު
އިލްމުވެރިއެއްކަމުގައި މިދަންނަވަނީ ސަބަބުތަކެއް ހުރީމަ އެވެ.
މި އިލްމުވެރިޔާ ސުޕަވައިޒަރެއްގެ ގޮތުން ހަރަކާތްތެރިވި
ބޮޑެތި މަޝްރޫއުތަކުގެ ތެރޭގައި އެންމެ ފުރަތަމަ ފަހަރަށް ހަދީސް ފޮތްތައް
ކޮމްޕިއުޓަރައިޒްކުރުމުގެ ޕްރޮޖެކްޓާއި އިސްލާމީ އިޤުތިސާދާ ބެހޭގޮތުން ތިރީސް
އަށެއް ވޮލިއުމްގެ މައްޗަށް ހެދުނު ދިރާސާ ޕްރޮޖެކްޓާއި، އިސްލާމީ ނަޒަރަކުން
އިންޓަރނޭޝަނަލް ރިލޭޝަންސްގެ މައްޗަށް އެކުލަވާލެވުނު ބާރަ ވޮލިއުމްގެ
ޕްރޮޖެކްޓާއި މިނޫންވެސް އިސްލާމީ އިގުތިސާދާއި ބައިނަލްއަގުވާމީ ސިޔާސަތު ފަދަ
ޒަމާނަށް މުހިންމުފައިވާ އެތައް ދާއިރާއެއްގެ ޕްރޮޖެކްޓްތައް ހިމެނެއެވެ.
ދިގު މުއްދަތަކަށް ފުޅާދާއިރާއެއްގައި އަރަބި ބަހުން
ނެރެވެމުންދާ ދީނީ ހަތް މަޖައްލާއެއްގެ އެޑިޓޯރިއަލްގައި މި އިލްމުވެރިޔާ
ހަރަކާތްތެރިވެވަޑައިގަންނަވަ އެވެ. މިދަންނަވާ މަޖައްލާތަކަކީ ހަމައެކަނި
އަޅުކަމާ ގުޅޭ ދީނީ ހުކުމްތަކަށް ހާއްސަވުމުގެ އިތުރަށް ދީނީ އިޖުތިމާއީ އަދި
އިގުތިސާދީ އަދި ދީނީ ވިސްނުން އައުކުރުމުގެ ފަލްސަފާތަކުގެ މައްޗަށް ނެރެވެމުންދާ
މަޖައްލާތަކެވެ.
މިސްރުގެ ވުޒާރަތުލްއައުޤާފުގެ ބެލުމުގެ ދަށުން ހިންގާ،
އިސްލާމީ ކަންތައްތަކާބެހޭ އެންމެ މަތީ މަޖިލީހުން ނެރެފައިވާ، ޤުރުއާނާ ބެހޭ
ހާއްސަ އެންސައިކްލޮޕީޑިއާގެ މަސައްކަތާއި ހަދީސް އިލްމާއި ބެހޭ ހާއްސަ
އެންސައިކްލޮޕީޑިއާގެ މަސައްކަތާއި އިސްލާމީ މުފައްކިރުންނާ ގުޅޭ
އެންސައިކްލޮޕީޑިއާގެ މަސައްކަތާއި އިސްލާމީ ސިވިލައިޒޭޝަނާ ގުޅޭ
އެންސައިކްލޮޕީޑިއާގެ މަސައްކަތަކީ ވެސް މި އިލްމުވެރިޔާގެ ބެއްލެވުމުގެ ދަށުން
ކާމިޔާބުކަމާއެކު ނިމިފައިހުރި ޕްރޮޖެކްޓްތަކެވެ.
މި އިލްމުވެރިޔާ ފިޤުހީ މުސްކުޅި ބޮޑު ދިހަ ފޮތެއް
ތަހުގީގުކުރެއްވުމުގެ މަސައްކަތްކުރައްވާފައިވެ އެވެ. ޒަމާނީ ފިޤުހީ މައްސަލަތަކާ
ގުޅޭ އިލްމީ ކަރުދާސް އަދި މަޒުމޫނު ގިނަ އަދަދަކަށް ލިޔުއްވާފައިވެ އެވެ. ދީނީ
އެކި މައުލޫތަކުގައި ތިރީހަށްވުރެ ގިނަ ފޮތް ލިޔުއްވާފައިވެ އެވެ. މިފޮތްތައް
ލިޔެވިފައިހުރީ ޒަމާނަށް އައި ބަދަލުތަކާއި ދުނިޔެ ހިނގަމުންދާ ގޮތް
އިހުމާލުކޮށްލުމަކާ ނުލައި އިސްލާމީ ތައުލީމާއި ތަރުބިއްޔަތު ފެތުރުމުގެ
ނަޒަރިއްޔާތަކުގެ މައްޗަށެވެ. ޒަމާނާ ގުޅިގެން އިސްލާމީ ފިކުރީ ހައްލުތައް
މުހިންމުވެފައިވާ ދާއިރާތަކުންނެވެ.
އެތަކެއް ފަތުވާ ކޮމިޓީއެއްގެ މެންބަރުކަމާއި އެތަކެއް
ސްކޫލްތަކެއް އަދި ފެކަލްޓީތަކެއްގެ މަންހަޖު އެކުލަވާލުމުގައި ވެސް އެމަނިކުފާނު
ބައިވެރިވެވަޑައިގެންފައިވެ އެވެ. ބައިނަލްއަގުވާމީ އިސްލާމީ އެތައް
ކޮންފަރެއްސައިގައި އިލްމީ އެތައް ހުށަހެޅުމެއް ހުށަހަޅުއްވާފައިވާ އަދި ބައިނަލް
އަޤްވާމީ އެތައް ކޮންފަރެންސެއްގައި ބައިވެރިވެވަޑައިގެން އިލްމީ މުއްސަނދިކަން
ހިއްސާކުރައްވާފައިވާ އަޅުގަނޑު މިދަންނަވާ އިލްމުވެރިޔާއަކީ 2003 ވަނަ އަހަރުން
ފެށިގެން 2013 ވަނަ އަހަރުގެ ނިޔަލަށް މިސްރުގެ މުފްތީކަންވެސް އަދާކުރެއްވި ޑރ
އަލީ ޖުމްޢާ އެވެ.
މިސްރުގެ އާދައިގެ އަވަށަކަށް 1952 ވަނަ އަހަރުގެ މާރޗް
މަހުން 3 ވަނަ ދުވަހު އުފަންވެވަޑައިގަތް ޑރ އަލީ ޖުމްޢާ އުމުރުފުޅުން
ދިހައަހަރުގައި ޤުރުއާން ހިތްޕުޅުން ދަސްކުރެއްވި އެވެ. އޭރުވެސް ދީނީ އެތައް
ބޮޑެތި މަސްދަރުތަކެއްގެ ތެރެއަށް ވަދެވަޑައިގެން ފިކުރީ މުއްސަނދިކަމުގެ
ބާރުވެރިކަން ހޯއްދަވަން ވަނީ ފައްޓަވާފަ އެވެ. އެޔަށްފަހު ޤާހިރާއަށް ވަޑައިގެން
ސާނަވީ ތައުލީމު 1969 ވަނަ އަހަރު ނިންމަވާލެއްވި އެވެ. އަދި ޢައިންޝަމްސް
ޔުނިވަރސިޓީއިން 1973 ވަނަ އަހަރު ބިޒްނަސްދާއިރާއިން ޑިގްރީއެއް ހާސިލުކުރެއްވި އެވެ.
އެޔަށްފަހު 1975 ވަނަ އަހަރު ޖާމިޢުލްއަޒްހަރާ
ގުޅިވަޑައިގެން ދީނީ އިލްމާއި ތައުލީމު އިތުރަށް ފުޅާކުރައްވައި ފުރިހަމަކުރެއްވި އެވެ.
ޖާމިޢުލްއަޒްހަރުގެ ޝަރީޢަތާއި ޤާނޫނުގެ ފެކަލްޓީން މާސްޓަރސް އަދި ޕީއެޗްޑީ
ފުރިހަމަކުރައްވާފައިވަނީ، އުޞޫލުލްފިޤުހުންނެވެ.
ދުނިޔޭގެ ފެންވަރުގައި އިސްލާމްދީނުގެ ހަގީގީ ވިސްނުންތައް
ކުރިޔަށް ނެރެ އެހެން ދީންތަކާމެދު އިސްލާމީ ހަގީގީ ވިސްނުމުން
މުއާމަލާތުކުރުމުގައި ގުނާލެވޭ ފާހަގަކުރެވޭ ބޮޑު ޝަޚްސިއްޔަތެއްގެ ގޮތުގައި
ބަލައި، 2011 ވަނަ އަހަރު ލިވަރޕޫލް ޔުނިވަރސިޓީން އޮނަރަރީ ޑޮކްޓަރޭޓްކަމުގެ
ޝަރަފުވެސް ޑރ އަލީ ޖުމްޢާއަށް އަރުވާފައިވެ އެވެ.
ޑރ ޢަލީ ޖުމްޢާ ތަފާތުވަނީ، ދީނީ ތައުލީމާއި މުސްކުޅި
ފިޤުހު އެނގިވަޑައިގަންނަވާތީއެވެ. ބިޒްނަސްދާއިރާއިން ޑިގްރީ ހައްދަވާފައިވާތީ،
ވިޔަފާރިއާ ގުޅޭ ކަންކަން ދީނީ ހުކުމްތަކަށް ހުށަހަޅުއްވަނީ، އެ ދާއިރާ
އެނގިވަޑައިގެން ހުންނެވި ވިޔަފާރިއާއި އިގުތިސާދު މަސައްކަތްކުރާ ގޮތް
އެނގިވަޑައިގަންނަވާ ބޭފުޅެއްގެ ހައިސިއްޔަތުންކަމަށްވާތީ އެވެ. މީގެ އިތުރަށް
ޖާމިޢުލްއަޒުހަރުގެ ޝަރީޢާ އެންޑް ލޯ ފެކަލްޓީން ކިޔަވާވިދާޅުވެފައިވާތީ، ޑރ އަލީ
ޖުމްޢާއަކީ ގާނޫނީ ބެކްރައުންޑްވެސް ހުރި ބޭކަލެކެވެ. އިންޓަރނޭޝަނަލް ރިލޭޝަންސް
ދާއިރާއާ ގުޅޭ ކަންކަން ދީނީ ހުކުމްތަކަށް ހުށަހަޅުއްވަނީ އެދާއިރާވެސް
އެނގިވަޑައިގެން ހުންނަވަ އެވެ.
އަޅުގަނޑު ދޭން އޮތް ނަސޭހަތަކީ، ޓިކްޓޮކާއި
ފޭސްބުކްވީޑިއޯތައް ދޫކުރައްވައި، މިފަދަ ބޮޑެތި އިލްމުވެރިން ހައްދަވާފައިހުރި
ބޮޑެތި ދިރާސާތަކުން ދީނީ ތައުލީމު އުގެނުމަށެވެ. ދީނީ މައުލޫމާތު ނެންގެވުމަށެވެ.
ކުރު ފަތުވާއެއް ނަންގަވާނަމަވެސް މިފަދަ އިލްމުވެރިން ވިދާޅުވެފައިވަނީ ކީކޭތޯ
ބެއްލެވުމަށެވެ.
ޒަމާނީ ބޮޑެތި އިލްމުވެރިންގެ ތެރެއިން ޑރ.އަލީ ޖުމްޢާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ