ސްލީޕް އެޕްނިއާ: ފަރުވާކުޑަކޮށްފިނަމަ ފުރާނައަށް ނުރައްކާވާ ފަދަ ކަންތައްތައް މެދުވެރިވެދާނެ
ސްލީޕް އެޕްނިއާ އަކީ ނިދިފައި އޮންނަ އިރު، އެކި ފަހަރު މަތިން މަދުވެގެން 10 ސިކުންތަށް ނޭވާ ހުއްޓޭ ސިއްހީ ހާލަތެކެވެ. މީގެ ސަބަބުން ހަށިގަނޑަށް ބޭނުންވާ އޮކްސިޖަން ލިބުން މަދުވެ، އަލުން ނޭވާލުމަށްޓަކައި ހޭލުމަށް ސިކުނޑިން އަމިއްލައަށް އިޝާރާތް ކުރެއެވެ. މިއީ ފުރާނަ ސަލާމަތް ކުރުމަށް ސިކުނޑިން ކުރާ ކަމެއް ނަމަވެސް، މިގޮތަށް ތަކުރާރުކޮށް ހޭލެވުމުގެ ސަބަބުން ނިދީގެ ގުދުރަތީ ފުރިހަމަކަން ގެއްލިގެންދެއެވެ. ނަތީޖާއެއްގެ ގޮތުން، އަރާމު ނިދި ނުލިބި، ދިގު މުއްދަތުގައި ހިތަށާއި ސިކުނޑިއަށް ބޮޑެތި ބުރަތަކެއް އުފުލަންޖެހި، ސިއްހީ ގިނަ މައްސަލަތަކެއް ކުރިމަތިވެއެވެ. ސްލީޕް އެޕްނިއާގެ ބާވަތްތަކަށް ބަލައިލާއިރު ސިއްހީ މާހިރުން ވަނީ މި ބަލި މައިގަނޑު ތިން ބަޔަކަށް ބަހާލާފައެވެ. އެއީ އޮބްސްޓްރަކްޓިވް ސްލީޕް އެޕްނިއާ، ސެންޓްރަލް ސްލީޕް އެޕްނިއާ އަދި މިކްސްޑް/ކޮމްޕްލެކްސް ސްލީޕް އެޕްނިއާއެވެ. ސްލީޕް އެޕްނިއާ ހުންނަ މީހުންގެ ބަލި ހުރި ހަރުފަތް ދެނެގަތުމަށްފަހު ނިދާއިރު މާސްކެއްގެ އެހީގައި މެދުނުކެނޑި، އެއަ ޕްރެޝަރު ފޯރުކޮށްދޭ މެޝިން ނުވަތަ ސީޕެޕް މެޝިން ބޭނުންކުރުމަށް ޑޮކްޓަރުން ލަފާދެއްވާ--ފޮޓޯ/އީއެމްސީ އޮބްސްޓްރަކްޓިވް ސްލީޕް އެޕްނިއާ އަކީ، މި ބަލީގެ އެންމެ އާއްމު ބާވަތެވެ. މިއީ ނިދީގައި ކަރުގެ މަސްތައް މާބޮޑަށް ދޫވުމުގެ ސަބަބުން، ނޭވާލާ މަގު ބެދިގެން ދިމާވާ ހާލަތެކެވެ. ސެންޓްރަލް ސްލީޕް އެޕްނިއާ އަކީ، ސިކުނޑިއާއި ނޭވާލާ ނިޒާމާ ދެމެދު މުއާސަލާތު ކުރުމުގައި މައްސަލަ ޖެހުމުން ދިމާވާ ކަމެކެވެ. ނޭވާލުމަށް ބޭނުންވާ މަސްތަކަށް ސިކުނޑިން ފޮނުވަންޖެހޭ ސިގްނަލްތައް ފޮނުވުމުގައި މި ހާލަތުގައި ނާކާމިޔާބުވެއެވެ. ކޮމްޕްލެކްސް ސްލީޕް އެޕްނިއާ އަކީ، މަތީގައި ބަޔާންކުރި ދެ ބާވަތް (މަގު ބެދުމާއި ސިކުނޑީގެ ސިގްނަލްގެ މައްސަލަ) އެކުލެވިގެންވާ ހާލަތެކެވެ. އިންޑޮނީޝިއާގެ އީއެމްސީ ޓަންޖެރަންގް ހޮސްޕިޓަލްގެ ސްލީޕް ކްލިނުގައި މަސައްކަތްކުރައްވާ ޑރ.ލޭނީ ސްވަންޑަޖަނީ ތަނުޖާޖާ ވިދާޅުވިގޮތުގައި، ކުޑަކުދިންނާއި ދޮށީ އުމުރުގެ މީހުން ހިމެނޭހެން ކޮންމެ މީހަކަށް ވެސް މި ބަލި ޖެހިދާނެއެވެ. ނަމަވެސް އުމުރުން ދުވަސްވާ ވަރަކަށް ނުރައްކާ ބޮޑުވެއެވެ. މީގެ އިތުރުން، އާއިލީ ގޮތުން މި ބަލި ހުރުން ނުވަތަ މޫނުގެ ބައްޓަން ހުންނަ ގޮތުން، މާބޮޑަށް ފަލަވުން ނުވަތަ ބަރުދަން އިތުރުވުން، ޓޮންސިލް ދުޅަވުން އަދި ހިތުގެ ބަލިތަކާއި، ސްޓްރޯކް ނުވަތަ ލޭ މައްޗަށްދާ މައްސަލަ ހުންނަ މީހުން މީގެތެރޭ ހިމެނެއެވެ. މި ބައްޔަށް ފަރުވާ ނުދީފިނަމަ، ފުރާނައަށް ނުރައްކާވާ ފަދަ ކަންތައްތައް މެދުވެރިވެދާނެ ކަމަށް ޑރ.ލޭނީ ސްވަންޑަޖަނީ ވަނީ ވިދާޅުވެފައެވެ. އޭގެތެރޭގައި، ހާޓް އެޓޭކް ޖެހުން، ހިތުގެ ވިންދަށް އަސަރުކުރުން އަދި ކުއްލި މަރު، ހަކުރު ބަލި ޖެހުން، ސްޓްރޯކް ޖެހުމާއި ލޭގެ ޕްރެޝަރު މަތިވުން އަދި "މައިކްރޯ ސްލީޕް" ފަދަ ކަންކަން ހިމެނެއެވެ. މި ބަލިން ރައްކާތެރިކަން ހޯދުމަށް އަމިއްލައަށް ކުރެވިދާނެ ކަންކަމުގެތެރޭ، ބަރުދަން ލުއިކުރުމާއި ކަސްރަތު ކުރުން ހިމެނޭ--ފޮޓޯ/އިންޑިއަންއެކްސްޕްރެސް މި ބަލި ހުންނަ މީހުންގެ ކިބައިން އާއްމުކޮށް ފެންނާނެ އަލާމާތްތަކުގެތެރޭ، ރޭގަނޑު ތަކުރާރުކޮށް ހޭލެވުން ނުވަތަ ނޭވާ ހާސްވެގެން ކުއްލިއަކަށް ހޭލެވުން، ގަދައަށް ގުގުރި ދެމުން، ނިދީގައި ނޭވާ ހުއްޓޭކަން ކައިރީގައި ތިބޭ މީހުންނަށް ފާހަގަކުރެވުން، ދުވާލު ގަޑީގައި މާބޮޑަށް ނިދި އައުމާއި، ވަރުބަލިވުމާއި، ވަރުދެރަވުން އަދި ހެނދުނު ހޭލާއިރު ބޮލުގައި ރިއްސުމާއި މިޒާޖަށް ބަދަލު އައުންފަދަ ކަންކަން ހިމެނެއެވެ. މި ބަލީގެ ނުރައްކާހުރި މިންވަރު ދެނެގަތުމަށް ސިއްހީ އެހީތެރިއެއްގެ އިރުޝާދުގެ ދަށުން އެކަމަށް ޚާއްސަ ޓެސްޓުތަކެއް ހަދައި، އެކަމަށް ޚާއްސަ ފަރުވާ ހޯދިދާނެ ކަމަށް ޑރ. ލޭނީ ސްވަންޑަޖަނީ ވިދާޅުވެއެވެ. މި ބަލީގެ މައިގަނޑު ފަރުވާއަކީ ނޭވާލާ މަގު ހުޅުވައިދީ، ލޭގެ އޮކްސިޖަން ހަމަހަމަކޮށް ބެހެއްޓުމެވެ. މިކަމަށް ފަރުވާ ހޯދުމަށް ނިދާއިރު މާސްކެއް މެދުވެރިކޮށް ވައި ފޮނުވައިދީ ނޭވާލާ މަގު ހުޅުވައިދޭ މެޝިނެއް ބޭނުންކުރެވިދާނެއެވެ. މީގެއިތުރުން އޯރަލް އެޕްލަޔަންސް ބޭނުންކޮށް އެއް އަރިއަކަށް ނިދުމަށް އާދަކުރެވިދާނެއެވެ. ބައެއް ހާލަތްތަކުގައި ނޭފަތުގެ ނުވަތަ ކަރުގެ މަސްތަކަށް އޮޕަރޭޝަން ކޮށްގެން މަގު ހުޅުވައިދިނުމުގެ ޚާއްސަ އޮޕަރޭޝަންތައް ވެސް ކުރެވޭ ކަމަށް ސިއްހީ މާހިރުން ވިދާޅުވެއެވެ. މި ބަލިން ރައްކާތެރިކަން ހޯދުމަށް އަމިއްލައަށް ކުރެވިދާނެ ކަންކަމުގެތެރޭ، ބަރުދަން ލުއިކުރުމާއި ކަސްރަތު ކުރުން، ނިދާ ގަޑިތައް އެއްގޮތެއްގައި ހިފެހެއްޓުމާއި، ނިދުމުގެ ކުރިން ފޯނު ފަދަ ތަކެތި ބޭނުން ނުކުރުން އަދި ދުންފަތުގެ އިސްތިއުމާލު ކުރުމާ ދުރުވުން ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ