މޫސުން ގޯސްވެ ރަށްރަށަށް ލިބެމުންދާ ގެއްލުންތައް ރައީސް ގެންދަވަނީ ވަރަށް ގާތުން ބައްލަވަމުން: ވަޒީރު އާދަމް ޝަރީފް
މޫސުން ގޯސްވެ ރަށްރަށަށް ލިބެމުންދާ ގެއްލުންތައް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންދަވަނީ ވަރަށް ގާތުން ބައްލަވަމުން ކަމަށް ސިޓީތަކާ އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު މިއަދު ވިދާޅުވެއްޖެއެވެ.ވަޒީރު އާދަމް ޝަރީފް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ރަށްރަށަށް ލިބެމުންދާ ގެއްލުންތައް ވަރަށް ގާތުން ބައްލަވަމުންދާ ކަމަށާއި، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކަމާ ގުޅުންހުރި އިދާރާތަކަށް އިރުޝާދު ދެމުންދާ ކަމަށެވެ."ސަރުކާރުގެ ކަމާ ގުޅުންހުރި މުވައްސަސާތަކުން ރަށްރަށުގެ ޙާލަތު ބަލާ، އެ އިދާރާތަކުން ފޯރުކޮށްދޭންޖެހޭ އެހީ ފޯރުކޮށްދެމުންދޭ. ރަށްރަށަށް ދިމާވަމުންދާ މައްސަލަތައް ޙިއްސާކުރެވޭނެ ފަސޭހަ ގޮތްތައް ހަމަޖައްސާ، ބޭނުންވާ އެހީތައް ދެނެގަނެ، ވަގުތީގޮތުން މައްސަލަ ޙައްލުކުރަން ބޭނުންވާ އެހީވެސް ފޯރުކޮށްދެމުންދޭ،" ވަޒީރު ވިދާޅުވިއެވެ.ވަޒީރުގެ ވާހަކަފުޅުގައި، އުދައިގެ އަސަރުކޮށްގެން ށ.ނަރުދޫ، ވ.އަތޮޅު، އއ.އަތޮޅު އަދި އދ.އަތޮޅުގެ ރަށްތަކުން ރިޕޯޓްކޮށްފައިވާ ކަމަށާއި، މިހާރު ކުރަމުންދާ ވިއްސާރައިގައި ފ.ނިލަންދޫއާއި ކ.ގުރައިދޫއަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށް ފާހަގަކުރެއްވިއެވެ."މި ދެ ރަށުގައިވެސް ފެންބޮޑުވުމުގެ ސަބަބުން ޖަންކްޝަންތަކުން ނަޖިސް ބޭރުވަމުން ދިއުމާ ގުޅިގެން އެ މައްސަލަ ރިޕޯޓްކޮށްފައިވާތީ އެކަން ބަލަމުންދޭ. އެމްއެންޑީއެފުން ޕަމްޕް ބަހައްޓައިގެން ބައެއް ރަށްރަށުން ފެން ހިންދަމުން ދޭ. އިތުރަށް އެހީތެރިކަން ދޭންޖެހޭ ޙާލަތަށްވެސް ކަމާ ގުޅުންހުރި އިދާރާތަކުން ތައްޔާރަށް ތިބި،" ވަޒީރު ވިދާޅުވިއެވެ.ވަޒީރު އާދަމް ޝަރީފް އިތުރަށް ވިދާޅުވީ، ގިނަ ރަށްތަކުގައި ފެން ބޮޑުވާން ދިމާވި އެއް ސަބަބަކީ ބިންހިއްކުންފަދަ މަޝްރޫޢުތަކާ ގުޅިގެން، ހުސްބިންތަކަށް ޖަމާވާ ފެން ރަށުތެރެއަށް ފައިބައިގެން ދާގޮތަށް ހުރުން ކަމަށެވެ. އެހެންކަމުން ކުރިމަގުގައި ރަށްރަށުގެ މަޝްރޫޢުތައް ހިންގުމުގައި މިފަދަ ޓެކްނިކަލް ކަންކަމަށްވެސް ސަރުކާރުން ރިޢާޔަތްކުރާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ