"ޅެންވެރިންގެ ދުވަހުގެ ތަހުނިޔާ ރެޕް ލަވަ ލިޔާ ކުޅަދާނަ ދިވެހި ފަންނާނުންނަށް ވެސް އަރިސްކުރަން."
މިއީ ކުޅިވަރު/ތާރީހީ ލިޔުންތެރިޔާ މުހައްމަދު ހަމްދޫން، މި އަހަރުގެ ޅެންވެރިންގެ ދުވަސް، 15 ޖެނުއަރީއާ ގުޅުވައިގެން ފޭސްބުކްގައި ދިން މެސެޖެކެވެ.
އޭނާގެ އެ ޝުއޫރު ފާޅުކުރީ ޅެންވެރިންގެ ދުވަސް ފާހަގަކުރި އިރު ރެޕް ލަވަތައް ހަދާ ޅެންވެރިންގެ އަގުވަޒަންކުރުން، ދިވެހި ބަހާ ބެހޭ މިނިސްޓްރީގެ ފޮޓޯއަކުން ނުފެނުމާ އެކު ބައެއް މީހުންގެ ފާޑުކިޔުން އުފަންވެފައި އޮއްވަ އެވެ. ޅެންވެރިންގެ ދުވަސް ފާހަގަކުރަން ބޭއްވި ރަސްމީ ޖަލްސާގެ ކުރިން ދިވެހި ބަހުގެ މިނިސްޓަރު އާދަމް ނަަސީރު އިބްރާހިމް އިސްވެ އިންނަވައި، ބައެއް ޅެންވެރިންނާ އެކު ބޭއްވެވި ބައްދަލުވުމެއްގެ ވާހަކަ، އެ މިނިސްޓްރީގެ ސޯޝަލް މީޑިއާގައި ލިއުނެވެ. ފޮޓޯއިން ފެންނަނީ ޅެންވެރިންގެ ގޮތުގައި މަޝްހޫރު އަދި ދުވަސްވީ ބޭފުޅުންކޮޅެކެވެ.
ރެޕް ލަވަތައް އާންމުންނާ ހަމައަށް ގެނެސްދިނުމުގެ މައިގަނޑު އެއް ބައިވެރިޔާ ސިމްބޮލިކް ރެކޯޑްސްގެ އެކްސް އެކައުންޓްގައި މިނިސްޓްރީގެ ޕޯސްޓާ އެކު ސުވާލެއް ކުރި އެވެ:
"ޅެންވެރިއަކަށް ވަނީ ކިތައް ޅެން ހެދީމަތަ؟ ނޫނީ އުމުރުން ކިހާ ދުވަހެއް ވީމަތަ؟"
ސަރުކާރުގެ އިދާރާތަކުގެ އަމަލްތައް ހުންނަ ގޮތުން ހިތުގައިޖެހޭ ދިވެހިން ގިނަ ފަހަރަށް އެކަންކަމާ އަޅާނުލައި، އޮއްބާލައިގެން ތިބެ އެވެ. އެކަމަކު ބައެއް ޒުވާނުން ހިޔާރުކުރަނީ އެ ހިމޭންކަމެއް ނޫނެވެ؛ އެމީހުންގެ ނުރުހުން ސީދަލަށް ފާޅުކުރަނީ އެވެ.
ސިމްބޮލިކް ރެކޯޑްސްގެ ޕޯސްޓާ އެކު ބޮޑު ބަހުސެއް ފެށިއްޖެ އެވެ. ހަމްދޫން ކަހަލަ ލިއުންތެރިން ރެޕް ޅެންވެރިންނަށް މަރުހަބާގެ ބަސްތައް އަމުނާލި އެވެ. ބަހާއި ސަގާފަތަށް ލޯބިކުރާ އެކަމަކު ސިޔާސީ ޕޯސްޓްތަކުން ބޮޑު މަޝްހޫރުކަމެއް ހޯދާ ލޫކާސް ޖަލީލް ފަދަ މީހުން ރެޕް ޅެންވެރިން ހިމެނީ 'މި ޖީލުގެ ދިވެހި ޅެންވެރިކަމުގެ ދިރުމެއް'ގެ ގޮތުގަ އެވެ. އަބްދުﷲ ޖަމީލް ކަހަލަ ދިވެހި ބަހުގެ ތަޖުރިބާކާރުން އުފެއްދީ ސުވާލެކެވެ: ރެޕް ލަވަޔަކީ ޅެންތޯ އެވެ.
ޅެމަކީ ކޮބައިތޯ ސުވާލުކުރާ ނަމަ އެންމެ ފަސޭހައިން އަތުޖެހެން އޮތް އެންމެ ސާފު ބަސް އަންނަނީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް ޅެންވެރިޔާ/އަދީބު/ދީނީ އިލްމުވެރިޔާ އަލްމަރުހޫމް މުހައްމަދު ޖަމީލް ދީދީގެ އެމުނުމަކުންނެވެ.
ޖަމީލުގެ ބަސްފުޅަކީ މި އެވެ: ޅެމަކީ ވަޒަނަކަށް ފެތޭ ގޮތަށް ގާފިޔާ [ކާފިޔާ] ހަމަކޮށް ކިއިފައިވާ ބަސްތަކެކެވެ. ފުނަށް އަސަރު ފޯރާ ފަދަ ގޮތަކަށް ސިފަކޮށް ދައްކާ، ރީތި ހިޔާލުތަކެއް ފައުޅުކޮށް ބަޔާންކޮށްދޭ ބަސްތަކެކެވެ. ބައެއް ފަހަރަށް އެ ބަސްތައް ފަތިފައްޗަށް އެކުލަވައި އަމުނާލެވެ އެވެ. ބައެއް ފަހަރަށް އަމުނައިލުމެއް ނެތި އުކާލެވެ އެވެ.
ޖަމީލްގެ އެ ސާދާ ބަސްފުޅުގެ ބައެއް ބައިތަކުން މާނަ ނަގާ ނަމަ ރެޕް ލަވަތައް ވެސް ހިމެނޭނީ ޅެމުގެ ތެރޭގަ އެވެ. ރާއްޖެއަށް މަޝްހޫރު ރެޕް ލަވަތަކުގައި، ޖަމީލް ވިދާޅުވާ، 'ފުނަށް އަސަރު ފޯރާ ފަދަ ގޮތަކަށް ސިފަކޮށް، ދައްކާ، ރީތި ހިޔާލުތަކެއް ފައުޅުކޮށް ބަޔާންކޮށްދޭ ބަސްތައް' ހިމެނެ އެވެ. އެ ރެޕް ލަވަތައް އެތައް ބައެއްގެ އިހުސާސްތަކާ ކުޅެލަ އެވެ.
ރެޕް ލަވައެއްގެ ރީތި ބަސްކޮޅަކުން މިސާލު ނަގަމާ ހެއްޔެވެ؟
"ތިބާގެ މަސްތުގައިވެ މިހާ ދުވަސް
ފެނި މަށަށް ތިބާގެ އަސްލު ސޫރަ ވެއްޖެ ބާވެ ދަސް
އެހެނަކަސް ތިބާގެ ގަސްދު ނޭނގި ވެއްޖެ ހާދަ ލަސް"
އެކަމަކު ރެޕްގެ ހުރިހާ ލަވައެއްގައި މިހާ ރީތިކޮށް ބަސްތައް އަމުނާލާފައެއް ނުވެ އެވެ. ދިވެހި ބަހުގެ ޓީޗަރު އަދި ގައުމީ ޔުނިވަސިޓީގެ ލެކްޗަރާއެއް ކަމަށްވާ އަބްދުﷲ ޖަމީލްއަށް ރެޕް ލަވަތައް، ދިވެހި ޅެމުގެ ތެރޭގައި ހިމެނޭނެތޯ ނުވަތަ ނޫންތޯ ސުވާލުކުރެވެނީ އެހެންވެ އެވެ. އޭނާގެ ފޭސްބުކް ޕޯސްޓެއްގައި ބޮޑަށް ބަޔާންކުރީ ޅެމުގެ އާންމު ސިފަތަކެވެ.
ޖަމީލްގެ ޕޯސްޓުން އެނގެނީ ދިވެހި ރެޕްގައި ހިމެނޭ ރީތި އެތައް ލަވައެއް އޭނާގެ ވިސްނުމަށް އަރާފައިނުވާ ކަމެވެ. އެހެން ވެދާނެ އެވެ. ދިވެހި ޓީޗަރުންނާއި މަޝްހޫރު ޅެންވެރިން ދިވެހި ރެޕް ލަވަތައް އެޑުނޭހުމަކީ އެންމެ ގާތް ގޮތެވެ. އެހެންކަމުން އޭގެ ބައެއް ލަވަތަކުން ގެނެސްދޭ ވާހަކަތަކާއި އާންމުންގެ ތެރޭގައި އުފައްދާ ހިޔާލުތަކާއި ފަތުރާލަދޭ ޝުއޫރު ރަނގަޅަށް ވަޒަނެއް ނުކުރެެވެ އެވެ.
ޖަމީލްގެ ޕޯސްޓްގައި ލިއުނެވެ: ރެޕް ލަވައިގެ ގޮތުގައި ދަމާ ހާސަރުތަކަކީ ޅެން ކަމަށް ބަލައި އެ އަށް ދިވެހި އަދަބީ ގުލްޝަނުގައި ޖާގައެއް ނެތެވެ. އެހެނަސް އާ ހިޔާލާއި އާ އުފެއްދުމަށް ބަހުގައި އަބަދުވެސް ޖާގަ އޮންނަން ޖެހެ އެވެ. މި އުސޫލުން އެ ތަކެތި ވެސް ފޭރާން ހެޔޮކޮށްގެން ބަހުގެ ތެރެއަށް ވެއްދުމަކަށް އިންކާރެއް ނުކުރަމެވެ.
އޭނާގެ ހިޔާލަށް ލޫކަސް ރައްދުދިނެވެ. އާންމު ގޮތެއްގައި ޅެމެއް ކަމަށް ބަލާ މިންގަނޑުގެ މުހިންމު ބައިތަކަކީ ބަނޑުވައްއަކުރު އެއްގޮތްކުރުމާއި ފިލިކޯޅިތަކާއި ކާފިޔާ އެއްގޮތްކުރުމެވެ. ނަމަވެސް ދިވެހި ޅެމަށް މި ސިފަތައް އައީ މިދިއަ ގަރުނުގެ ކުރީކޮޅުގަ އެވެ. ރާއްޖޭގައި މީހުން ވަޒަންވެރިވެގެން އުޅޭތާ މިހާރު 2000 އަހަރަށް ވުރެ ގިނަ ވެއްޖެ އެވެ.
"ހަޟާރަތެއްގެ އެއް ސިފައަކީ ޅެމާއި ޅެންވެރިކަމެވެ. ރާއްޖޭގެ އިހުގެ ރާދަވަޅިތައް ފަދަ ތަކެތި ވެސް ހުރީ ޅެންބަހުން ކަމުގައިވެ އެވެ. ތާރީޚީ ވާހަކަތައް ފަހުގެ ޖީލަށް އައީ ވެސް ޅެންބަހުންނެވެ،" ޖަމީލަށް ރައްދުދިނުމުގެ ގޮތުން ލޫކަސް ލިއުނެވެ.
އެ ދުވަސްވަރު ދިވެހިން ގެންގުޅެފައި ހުންނާނެ ޅެމުގެ ބަހުރުވައިގައި ބަނޑުވައްއަކުރާއި ކާފިޔާ މުހިންމެއް ނުވާނެ އެވެ. އޭރު ހުންނާނީ އޭރުގެ ޅެމުގެ ސިފަތަކެވެ. އެތުރުންތަކެވެ.
ދިވެހި ބައެއް ރެޕްތައް އާދަޔާ ހިލާފަށް ރީއްޗެވެ. ރެޕްގެ ބައެއް ޅެންވެރިންގެ އަތުން ރަދީފު ދޫނުވާކަމަށް ވެ އެވެ. އެމީހުންގެ ހިޔާލުތަކާ ގުޅުވާލާނެ ބަސްތައް ފެނޭތޯ އަބަދުމެ މަސައްކަތްކުރެ އެވެ.
ކަންކަން ބަދަލުވާނެ އެވެ. އަޅުގަނޑު ނޫސްވެރިކަމުގެ ތެރެއަށް ވަން އިރު ނޫސްތަކުގައި ހިމެނޭ ގިނަ ހަބަރުތަކާއި ލިއުންތައް ހުރީ ދުނިޔޭގެ ނޫސްވެރިކަމުގައި ގެންގުޅުނު ސިފަތަކުން ބޭރުގަ އެވެ. އެކަމަކު އޭރުގެ ޒުވާން ނޫސްވެރިން ދިވެހި ނޫސްވެރިކަން ބަދަލުކޮށްލި އެވެ. އާ އުފެއްދުންތައް، އާ ގޮތްގޮތަށް ގެނެސްދިނެވެ. ނަމަވެސް ދިވެހި ލިއުންތެރިން ކަމަށް ރަސްމީ އިދާރާތަކުން ބަލާ ގިނަ މީހުންނާއި އޭރުގެ ޒުވާން ނޫސްވެރިންނާ އެއްވެސް އިރަކު މާ ބޮޑު ގުޅުންތަކެއް ނޯވެ އެވެ. ނޫސްވެރިންނަކީ ސަރުކާރުން ބާއްވާ ލިއުންތެރިންގެ ބައްދަލުވުންތަކަށް/ރަސްމިއްޔާތުތަކަށް، ބައިވެރިންގެ ގޮތުން، ދައުވަތު ލިބޭ ބަޔަކަށް ވެސް ނުވެ އެވެ.
އެކަމަކު އަޅުގަނޑުމެންގެ ޖީލުގެ ނޫސްވެރިންނަކީ އެ ޝަކުވާތަކުގެ ބުރަ ކޮނޑަށް ލައިގެން އުޅުނު ބައެއް ނޫނެވެ. އެ ނޫސްވެރިން ތިބީ އެ މީހުންގެ މަސައްކަތުގަ އެވެ.
މިހާރު ތަފާތުވެއްޖެ އެވެ. މިއީ ސޯޝަލް މީޑިއާގެ ޒަމާނެވެ. މިއީ ރެޕް ލަވަތަކުގައި ސީދަލަށް، ސާދާ ބަހުން ގައުމުގެ މައްސަލަތައް އޮއްސާލާ ޒަމާނެވެ. އާންމު ޅެންވެރިކަމުގައި ޅެންވެރިޔާގެ 'ބަނޑުގައި' މާނަ ރައްކާކޮށްގެން އަމުނާލާ ބަސްތަކާ ހިލާފަށް ރެޕް ޅެންވެރިން، ގައުމުގެ މައްސަލަތަކަށް ބިނާކޮށް، ރީތިކޮށް 'ބަވާލަނީ' އެވެ. ނުވަތަ 'ރަސްމީ ޅެންވެރިންނާއި' އަދީބުންނަށް ގަބޫލުނުކުރެވޭ ގޮތަށް، 'ހުތުރުކޮށް' އެއްޗެހި ގޮވާލަނީ އެވެ.
އެ ލަވަތައް އެތައް ހާސް ބަޔަކު އެބަ އަޑުއަހަ އެވެ. އޭގެ ނުފޫޒު ގަދަ އެވެ.
ދިވެހި ރެޕް ލަވަތައް ދިވެހި ޅެމަށް ވޭތޯ ނުވޭތޯ ބަހުސް މިފަހަރު މި އޮތީ ފެށިފަ އެވެ. އަޅުގަނޑަށް ވަރަށް ޝައުގުވެރި އެވެ. ހިޔާލު ތަފާތުވެދާނެ އެވެ. އެކަމަކު ދިވެހި އާންމު ލަވަ، ދިވެހި ޅެންވެރިކަމުގެ ގޮތްޕަކަށް ވާ ނަމަ ދިވެހި ރެޕް ލަވަތަކަށް ދިވެހި ޅެންވެރިކަމުގެ ތެރެއިން ޖާގަ ނުލިބެންވީ ސަބަބެއް ނެތެވެ. ދިވެހި ރެޕް ލަވަތަކުގެ ރާގުތަކުގައި ފުރާނަ އަޅުވަނީ ދިވެހި ބަސްތަކުންނެވެ. އެ ބަސްތައް އަތުރާލަދެނީ ހުނަރުވެރި ސިކުނޑިތަކަކުންނެވެ.
އެހެންކަމުން އެއީ ވެސް ޅެންވެރިން ކަމަށް ބަލަމާ ހިނގާށެވެ.
'އަސްލު' ޅެމާއި ދިވެހި 'ރެޕް ޅެން': ޝައުގުވެރި އާ ބަހުސެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ