ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ހުކުމް ކުރުމަށް ދެތިން ގަޑިއިރަށް ވެފައިވަނިކޮށް އެ މައްސަލަ ބައްލަވާ، ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް ސަސްޕެންޑު ކުރުމަކީ އާއްމު ރައްޔިތުންނަށް ލިބުނު ހައިރާން ކަމަކަށް ނުވާނެއެވެ.
ގާޒީ ހައިލަމް ބައްލަވަމުން ގެންދެވީ ދިވެހި ރާއްޖޭގެ ވެރިކަން ކުރައްވާފައިވާ ބޭފުޅެއްގެ މައްސަލައެވެ. އެހެން ނަމަވެސް މިއީ އަލަށް ހިނގި ކަމެއް ނޫނެވެ. ކޮންމެ ވެރިކަމެއް ވެސް ނިމުމާއި އެކު، ދެން އަންނަ ވެރިކަމެއްގައި އޮންނަނީ ނިމިގެންދިޔަ ސަރުކާރަކީ ”ވަގު“ ސަރުކާރެއްގެ ގޮތުގައި ލޭބަލް ކުރުމަށެވެ.
ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގެ ފަސް އަހަރުގެ ދައުރު ނިމިގެން ދިޔައީ ދިވެހި ރާއްޖެއަށް އެތައް ތަރައްގީއެއް ގެނުވަދީފައެވެ. އެއީ ވޭތުވެ ދިޔަ އެތައް އަހަރަކާއި ނުބައްދަލު ތަރައްގީއެކެވެ. އެހެން ނަމަވެސް، އެ ތަރައްގީގެ ފަހަތުގައި ވަނީ ކޮރަޕްޝަނާއި ވައްކަމުގެ އަމަލުތައް ކަމަށް ގަބޫލު ކުރާ މީހުންވެސް މަދެއް ނޫނެވެ.
ކޮންމެ މީހަކަށް ކޮންމެ ގޮތަކަށް ގަބޫލު ކުރެވުނަސް، މީހެއްގެ މައްޗަށް ތުހުމަތެއް ކުރެވުމަކީ އަދި ސާބިތުވުމެއް ނޫނެވެ. ޝަރުއީ ނިޒާމުގައި، މީހެއްގެ މައްޗަށް ކުށެއް ސާބިތު ނުވާހާ ހިނދެއްގައި އެމީހަކީ އެއީ މައުސޫމެކެވެ. އެއްގޮތަކަށް ވެސް ވަކި، މީހަކު ގޯސްކޮށް ވަކި މީހަކު ރަނގަޅެއް ނުކުރާނަމަވެ.
ރައީސް ޔާމީންގެ މައްޗަށް ކުރާ ތުހުމަތުގެ ޝަރީއަތް ކުރިޔަށް ގެންދިޔައީ ކުދިބޮޑު އެންމެނަށް ފެންނަ ގޮތަށެވެ. ޖިނާއީ މައްސަލަތައް ސާބިތު ކުރުމަށްޓަކާ ދައުލަތުގެ ފަރާތުން އެ ހުށަހަޅަން ޖެހޭ އެތައް ހެއްކެއް ހުށަހެޅިއެވެ.
ހަމަ އެ ބީދައިން އެ ދައުވާއިން ބަރީއަތް ވުމަށްޓަކައި ދައުވާ ރައްދުވާ ފަރާތުން ދިފާއުގައި ވެސް ހެކިތައް ހުށަހެޅިއެވެ. ރައީސް ޔާމީންގެ މައްޗަށް، ތުހުމަތެއް ކުރެވި އެންމެ ފުރަތަމަ ފުލުސް އޮފީހަށް ހާޒިރުކޮށްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. އެއަށްފަހު ދައުވާ ކުރުމަށް ފޮނުވާ، ހުރިހާ އަޑުއެހުމެއް ނިމި، ހުކުމާއި ހަމައަށް ވެސް އާދެވެނެވެ. އެއާއި އެކު، ދިވެހި ރާއްޖޭގެ ރައްޔިތުންގެ ނަޒަރު ހުއްޓުނީ ނޮވެމްބަރު މަހުގެ 5 ވަނަ ދުވަހަށެވެ.
ދިވެހި ރާއްޖޭގައި މި ވަގުތު ހުރި ހަމައެކަނި އިދިކޮޅު ލީޑަރަކީ ރައީސް ޔާމީނެވެ. އެމަނިކުފާނުގެ ސިޔާސީ މުސްތަގުބަލު ބިނާވެގެން ވަނީ އެ ހުކުމުގެ މައްޗަށެވެ. ސިޔާސީ ގޮތުން ކުޅެމުން އައި ތާސް ގަނޑެއް މުޅިން އެހެން ގޭމަކަށް ބަދަލުވެގެން ދިޔައީ ހީވެސް ނުކުރާ ދަނޑިވަޅެއްގައެވެ. ރައީސް ޔާމީންގެ މައްޗަށް ކުރާ ދައުވާގެ، ހުކުމް އިއްވުމަށް 24 ގަޑިއިރަށްވެފައި ވަނިކޮށް ނޮވެމްބަރު މަހުގެ 4 ވަނަ ދުވަހަށް އިރުއަރައިގެން އައީ ”ވަރުގަދަ ސްކްރީން ޝޮޓަކާއި“ އެކުއެވެ.
އޭގެ ކުރީދުވަހު، ފާހަގަކުރި ނޮވެމްބަރު 3، 1988 ގެ ތަހުނިޔާ ވިދާޅުވެ ހައިލަމް ފޮނުއްވާފައިވާ ފޮޓޯއެކެވެ. އެ ފޮޓޯއިން ފެންނަނީ ނޮވެމްބަރު 3 ގެ، ޝަހީދު ހުސެއިން އާދަމް އެވެ. ޗޭނު ޖަހައި ދަމާ ބަޔަކު ގެންދަނީއެވެ. ކޮންމެ މީހަކަށް ވެސް އެ ފޮޓޯއިން ފެންނާނީ ޝަހީދު ހުސެއިން އާދަމްއެވެ. ފޮޓޯއަށް ރަނގަޅަށް ނަޒަރު ހިންގާލުމުން ފެނިގެންދަނީ ޗޭނު ޖަހާފައިވާ މީހުންގެ ތެރޭގައި އެ ދުވަހުގެ ޙާއނު ހާޖަރާގޭ، ލުތުފީ އާއި އެކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އާއި، ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދެވެ. އެ ކުރެހުމުގައި ”އެ އިއްޒަތާއި ގަދަރު، ފޭރިގެންފިއޭ މިއަދު“ ލިޔެފައިވެއެވެ.
ސްކްރީން ޝޮޓުދައްކާގޮތުން، ފޮޓޯއަށް ހަތަރު މީހަކު ”ލައިކް ރިއެކްޓު“ ކޮށްފައިވެއެވެ. ފޮޓޯ އާއްމުވުމާއި އެކު މުޅި ސޯޝަލް މީޑިއާ އާއި ސަރުކާރުގެ އިސްފަރާތްތައް ކެކި އުތުރިއެރިއެވެ. މައްސަލަ ބަލަން ގޮވާ، ހައިލަމް ވަގުތުން ވަގުތަށް މަގާމުން ދުރުކުރުމަށް ވެސް ގޮވާލިއެވެ.
މި ދެންނެވި މައްސަލަ ބެލުމަށް ނިންމީ، ފަނޑިޔާރުންނާއި ގުޅުން ހުރި މައްސަލަތައް ފަހަކަށް އައިސް ވަރަށް ”ފޯރީގައި“ ބަލަމުން އަންނަ ޖުޑީޝިއަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެވެ. ހައިލަމްގެ މައްސަލަ ބެލުމަށް ވަގުތުން، ތަހުގީގީ ކޮމިޓީއެއް އެކުލަވާލިއެވެ. އޭރުވެސް، ސަރުކާރުގެ މަގާމުތަކާއި، ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ މެމްބަރުން ގެންދެވީ ހައިލަމްއަށް ފާޑުކިޔަމުންނެވެ. ރާއްޖޭގެ ކޯޓެއްގެ އިސް ގާޒީއަކަށް އެފަަދަ ފޮޓޯއެއް ”ދައުރު“ ނުކުރެވޭނެ ކަމަށް ބުނެއެވެ.
ފޮޓޯ އާއި ގުޅިގެން، މާފަށް އެދި ހައިލަމް ބަޔާނެއް ނެރުނެވެ. އެހެން ނަމަވެސް އެ ބަޔާން ވެގެން ދިޔައީ އިތުރު ހުޅުގަނޑަކަށެވެ. ރައީސް، ސޯލިހް އާއި ރައީސް ނަޝީދުގެ ކަރުގައި ޗޭނު ޖަގައި ގެންދާ މަންޒަރު ފެންނަ ފޮޓޯއަށް މާފަށް އެދެމުން ހައިލަމް ވިދާޅުވީ ކްރިމިނަލް ކޯޓުގެ މުވައްޒަފުން އިޖްތިމާއީ ކަންކަމުގައި މަޝްވަރާ ކުރުމަށާއި، ހިޔާލު ބަދަލުކުރުމުގެ ގޮތުން ހަދާފައިވާ ވައިބާ ގްރޫޕުގައި ނަސްރުންގެ ދުވަހުގެ ތަހުނިޔާ ކިޔުމުގެ ގޮތުން ކުރެވުނު ޕޯސްޓަކީ ހާޖަރާގެ ލުތުފީ ހުރިކަން އެނގުމުން ދެން އެ ފޮޓޯގައި ތިބީ ކޮން ބައެއްތޯ ބެލުމެއް ނެތި ލެވިފައިވާ ފޮޓޯއެއް ކަމަށެވެ. އަދި އެ ގްރޫޕަށް ފޮޓޯލީއިރު، އެ ފޮޓޯގެ ކުރެހުމުގައި ރައީސް ޞާލިހާއި، ރައީސް ނަޝީދުއަށް ނިސްބަތް ކުރެވޭ ފަދަ ކުރުހުމެއް ހުރިކަން އެނގިފައި ނުވާ ކަމަށް ގާޒީ ހައިލަމް ނެރުއްވި ބަޔާނުގައި ވިދާޅުވެފައި ވެއެވެ. ހައިލަމް ވިދާޅުވީ ގޮތުން ފޮޓޯ ގްރޫޕަށް ލާފައި ވަނީ ”މާ ބޮޑު ވިސްނުމަކާ ނުލަ“ އެވެ.
ހައިލަމް ވަނީ މިހުރިހާ ކަމަކާއި އެކު ރައީސް ޔާމީންގެ ޝަރީއަތް ކުރިޔަށް ގެންދިޔައިރު ސަރުކާރުގެ އިސްމީހުން ގުޅާ މައްސަލައިގެ ކަންކަން ހޯދުމަށް މަސައްކަތް ކުރިކަމަށް ވިދާޅުވެފައެވެ. އެހެން ކަމުން، އަދި މިއީ ކިހިނެއް ވާ ކަމެއްތޯ ބަލަން ޖެހެއެވެ. ސަރުކާރުން އެ ބަޔާނަށް ”ރިއެކްޓު“ ކުރަން ޖެހޭނެއެވެ.
ހައިލަމް ބަޔާން ނެރުނަސް، އަދި މާފަށް އެދުނަސް އޭރު އޮތީ ވާނެ ”ހައެއްޗެއް، ވެ ނިމިފަ“ އެވެ. އިނގިރޭސި ބަހުން ބުނާނަމަ ”ދަ ޑެމޭޖް ވޯޒް، އޮލްރެޑީ ޑަން“ އެވެ.
ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ހުކުމް އިއްވުން ނޮވެމްބަރ މަހުގެ 5 ވަނަ ދުވަހަށް ތާވަލްކޮށްފައި ވަނިކޮށް، އެ ދުވަހުގެ ހެނދުނު ޖޭއެސްސީގެ ބައްދަލުވުމަށް ހާޟިރުވުމަށް ހައިލަމް އަށް އެންގިއެވެ. ނަމަވެސް، ހައިލަމް ޖޭއެސްސީއަށް ހާޒިރުވެފައި ނުވެއެވެ.
އެކަމާއި ގުޅިގެން ހައިލަމްއަށް ޖޭއެސްސީގެ ނުރުހުން އަނެއްކާވެސް އަމާޒުވީއެވެ. މައްސަލައާ ގުޅިގެން ހައިލަމް ސަސްޕެންޑްކުރީ މައްސަލައިގެ ޒާތުން ހައިލަމް މަސައްކަތަށް ނުކުމެ އުޅުމަކީ ޝަރުއީ ދާއިރާގެ އިތުބާރު ގެއްލޭ ފަދަ ކަމަކަށްވާތީއެވެ. ހައިލަމް ސަސްޕެންޑްކޮށްފައިވަނީ 60 ދުވަހަށްވުރެ ދިގު ނޫން މުއްދަތަކަށެވެ.
މައްސަލައެއްގެ ހުކުމާ ހަމައަށް ގޮސްފައިވަނިކޮށް މައްސަލަ ބައްލަވާ ގާޒީއަކު އެ މައްސަލައެއް ބެލުމަށް ނުކުޅެޖިއްޖެ ހާލަތެއްގައި އަމަލު ކުރާނެ ގޮތް ޖިނާއި އިޖުރާއަތުގެ ގާނޫނުގެ 152 ވަނަ މާއްދާގައި ވަނީ ބަޔާންކޮށްފައެވެ. ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގެ ކަނބޮޑުވުމަކީ ވެސް އެއީއެވެ.
މި މާއްދާގައި ބުނެފައިވާ ގޮތުން އެފަދަ ހާލަތެއްގައި ކޯޓު ހިންގުން ހަވާލު ކުރެވިފައިވާ އެހެން ގާޒީއަކު މައްސަލައިގެ ޝަރީއަތަ ކުރިޔަށް ގެންދިއުމަށް ކަނޑައެޅިދާނެއެވެ. ނުވަތަ ޝަރީަތް އަލުން ބޭއްވުމަށް ވެސް ނިންމިދާނެއެެވެ. ނަމަވެސް އެ ނިންމުމުގެ ބާރު 152 ވަނަ މާއްދާގެ ދަށުން ދީފައިވަނީ ކޯޓު ހިނގުމާއި އެ ވަގުތަކު ހަވާލުވެ ހުންނަވާ ގާޒީއަކަށެވެ. މާއްދާގައިވާ ގޮތުން އެ ގާޒީ އެ ދެ ގޮތުން ކުރެ ނިންމަވާ ގޮތެއް މައްސަލާގައި ހިމެނޭ ދެ ފަރާތަށް އަންގަން ވާނެ އެވެ.
މި މާއްދާގައިވާ ގޮތުން، ޝަރީޢަތް ހިނގަމުން ދަނިކޮށް، ނުވަތަ ޝަރީޢަތުގެ އަޑުއެހުން ނިމި، ޙުކުމް އިއްވަންވެފައި ވަނިކޮށް، ފަނޑިޔާރު ބަލިވެއްޖެނަމަ، ނުވަތަ އެ ފަނޑިޔާރަކު މަރުވެއްޖެ ނަމަ، ނުވަތަ ފަނޑިޔާރުގެ ދަޢުރުގެ މަޤާމު ހަމަވެއްޖެނަމަ، ނުވަތަ ޝަރީޢަތެއް ފެށުމުގެ ކުރިން މެދުވެރިނުވާ، ނުވަތަ އެނގިފައިނުވާ، އެ ފަނޑިޔާރެއްގެ މަސްލަޙަތު ފުށޫއަރާ ކަމެއް މެދުވެރިވުމުގެ ސަބަބުން، އެ ޝަރީޢަތް ހިންގުމަށް ފަނޑިޔާރަކު ނުކުޅެދިއްޖެ ޙާލަތެއްގައި، ނުވަތަ އެ ޝަރީޢަތެއް ހިންގުމަށް އެނޫންވެސް ގޮތަކުން ނުކުޅެދިއްޖެ ނަމަ، އަންނަނިވި ދެ ގޮތުން ކުރެ ގޮތަކަށް އެ މައްސަލައިގައި ޢަމަލު ކުރުމަށް ކޯޓަށް ކަނޑައެޅިދާނެއެވެ. އަދި އެގޮތަށް ކަނޑައަޅާ ގޮތް، ސަބަބާއި އެކު، މައްސަލައިގައި ހިމެނޭ ދެ ފަރާތަށް ކޯޓު ހިންގުމާއި ހަވާލުވެހުރި ފަނޑިޔާރަކު އަންގަންވާނެއެވެ.
(ހ). އެ ކޯޓަށް ހާއްޞަ ކުރެވިފައިވާ އެހެން ފަނޑިޔާރަކު އެ މައްސަލައިގެ ޝަރީޢަތް ކުރިއަށް ގެންދިއުމަށް ކަނޑައެޅުން، ނުވަތަ،
(ށ). އެ މައްސަލައިގެ ޝަރީޢަތް އަލުން ބޭއްވުމަށް ކަނޑައެޅުން.
އެހެން ގާޒީއަކާ މައްސަލަ ހަވާލުކުރި ނަމަވެސް އިޖުރާއަތް ފުރިހަމަ ކުރުމަށް އަޑުއެހުމެއް ބާއްވާނެ އެވެ. އަލުން ޝަރީއަތް ކުރަން ނިންމައިފިނަމަ، އަނެއްކާވެސް ދިގު މަރުހަލާއަކަށެވެ. ހެކިންގެ ހެކި ބަސް އަލުން ނަގައި، އެ ވާހަކަތައް އަލުން ދައްކަން ޖެހޭނެ އެވެ.
މި ދެ ގޮތުން ކުރެ ގޮތެއް ކަނޑައެޅުމުގެ ބާރު މިހާރު ވަނީ ކުރިމިނަލް ކޯޓުގެ ގާޒީ އަލީ ރަޝީދު ހުސެއިނަށް ލިބިފަ އެވެ. ޖޭއެސްސީއިން ގާޒީ ހައިލަމް ސަސްޕެންޑްކުރީ ކުރިމިނަލް ކޯޓުގެ ހިންގުން ގާޒީ އަލީ ރަޝީދާ ހަވާލުކުރުމަށް ނިންމުމަށްފަހު އެވެ. އެހެންކަމުން ޔާމީންގެ މައްސަލާގެ ޝަރީއަތަށް ދެން ވާނެ ގޮތެއް އެނގިގެންދާނީ ގާޒީ އަލީ ރަޝީދު ނިންމަވާ ނިންމުމަކުންނެެވެ.
ގާޒީ އަލީ ރަޝީދަކީ މިދިޔަ ފެބުރުއަރީ މަހު ކުރިމިނަލް ކޯޓަށް ޖޭއެސްސީއިން ބަދަލުކުރި ގާޒީއެކެވެ. އޭގެ ކުރިން އޭނާ މަސައްކަތް ކުރެއްވީ ސިވިލް ކޯޓުގަ އެވެ. ގާޒީ އަލީ ރަޝީދަށް ކުރިމިނަލް ކޯޓުގެ ހިންގުން ހަވާލުކޮށްފައިވާއިރު އޭނާ ވަނީ ހައިކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމަށް ވެސް ކުރިމަތިލައްވާފަ އެވެ.
މިހުރިހާ ކަމެއް ގުޅިފައި ވަނީ ދިވެހި ރާއްޖޭގެ ޝަރުއީ ނިޒާމު އިސްލާހު ކުރުމާއި އެވެ. 2008 ވަނަ އަހަރު ރާއްޖޭގެ ވެރިކަމަށް ވަޑައިގަތުމަށްފަހު ރައީސް ނަޝީދުގެ އެބްމެ ބޮޑު ”މަސައްކަތަކީ“ ވެސް އެއީއެވެ. އަޅައިގަތީ އަބްދުﷲ ގާޒީއަކާއި އެވެ.
ޝަރުއީ ނިޒާމު އިސްލާހު ކުރުމާއި، ޖޭއެސްސީގެ މަސައްކަތާއި މު ހުރިހާ ކަމެއް ގޮސް ގުޅޭކަމަށް ބައެއް ފަރާތްތަކުން ދެކެނީ ވެސް ރައީސް ނަޝިދާއެވެ. މަޖިލީހުގެ ރައީސްގެ ގޮތުގައި ހުންނަވާ، ސިޔާސީ ޕާޓީއެއްގެ ލީޑަރުކަމަށް އެ ވާދަ ކުރައްވަނީއެވެ. ޖޭއެސްސީ މެދުވެރިކޮށް ގާޒީންގެ މައްސަލަ ބައްލަވައި ނުފޫޒު ފޯރުވުމުގެ ފަހަތުގައި ވަނީ ރައީސް ނަޝީދުކަމަށް ގިނަ ބަޔަކު ތުހުމަތު ކުރެއެވެ.
މިއީ އެއްކަލަ އެބުނާ ”އެއް ބާރުން އަނެއް ބާރަށް، އަތް ބޭނުން“ ކަމަށް އިދިކޮޅުން ސިފަ ކުރެއެވެ. ދިވެހިރާއްޖޭގެ ރައްޔިތުން މަޖިލީހަކީ، ދައުލަތުގެ ތިން ބާރުގެ ތެރެއިން އެއް ބާރެވެ. އެއީ ދައުލަތުގެ ބާކީ އޮތް ދެބާރާއި، ދައުލަތުގެ މުއައްސަސާތަކާއި، ރައްޔިތުންގެ ދިރިއުޅުން އެއާ އެއްގޮތަށް ބައްޓަންކުރަންޖެހޭ ޤާނޫނުތައް އެކުލަވައިލުމުގެ މަތިވެރި ޒިންމާ ހަވާލުވެފައިވާ ބާރެވެ. އެހެން ކަމަށް ވާނަމަ، އެއްވެސް ނުފޫޒެއް ބާރެއް އޮވެގެން ނުވާނައެވެ.
މިހުރިހައި ކަމެއް މިހެން ހުރުމުން ދަންނަވަން ޖެހެނީ އިސް ގާޒީ ހައިލަމް ކުރެއްވި ޕޯޓުގައިވާ ބަސްކޮޅެވެ. އެ އިއްޒަތާއި ގަދަރު ފޭރިގެންފިއެވެ. މައްސަލައަކީ އަސްލު ޕޯސްޓަރެއް ނޫނެވެ. މައްސަލަ އަކީ ބައްލަވަމުން ގެންދެވި މައްސަލައެވެ. މައްސަލައަކީ ގޮނޑި ކޮށްކޮއަކަށްވެ ވިދާޅުވި ގޮތަށް ހކުމް ނުކިޔުމެވެ. ނަތީޖާއަކީ މިއަީއެވެ. ހައިލަމްގެ އަތުން ރައީސް ޔާމީންގެ ހުކުމް ވެސް ފޭރިގަތީއެވެ. އެ އިއްޒަތާއި ގަދަރު ވެސް ފޭރިގަތީއެވެ.
ރައީސް ޔާމީންގެ ހުކުމާއި، ފޭރިގަތް ގާޒީ ހައިލަމްގެ އެ އިއްޒަތާއި ގަދަރު!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ