ރިސޯޓް ލީގު: ޕެނަލްޓީ ޖަހައިގެން ލިލީ ބީޗް ބަލިކޮށް ބާސެލޯ ފައިނަލަށް ރިސޯޓް ލީގު: ޕެނަލްޓީ ޖަހައިގެން ލިލީ ބީޗް ބަލިކޮށް ބާސެލޯ ފައިނަލަށް

ރާއްޖޭގެ ރިސޯޓުތަކުގެ މެދުގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ރިސޯޓް ލީގު 2025 ގެ އަރި ޒޯނުގެ ސެމީ ފައިނަލުގައި ލިލީ ބީޗް ރިސޯޓް އެންޑް ސްޕާ ބަލިކޮށް، ބާސެލޯ ވޭލް ލެގޫން އިން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި އެވެ.
މި މުބާރާތުގެ ލީގު ބުރުގެ އެއްވަނަ ޓީމުގެ ގޮތުގައި އެންމެ ފަހުގެ ޗެމްޕިއަން ކޮންރެޑް މޯލްޑިވްސް ވަނީ ފައިނަލުން ޖާގަ ކަށަވަރުކޮށްފަ އެވެ. މިއަދު ކުޅުނު ސެމީ ފައިނަލް މެޗުން ބާސެލޯ މޮޅުވީ ޕެނަލްޓީގައި 5-3 ގެ ނަތީޖާ އަކުންނެވެ.
މި މެޗުގެ ފުރިހަމަ ވަގުތު ހަމަވީ 1-1 ގެ ނަތީޖާ އަކުން އެއްވަރު ވެގެންނެވެ.
މި މެޗުގައި ފުރަތަމަ ގޯލު ޖަހައި ލީޑު ނެގީ ލިލީ ބީޗް އިންނެވެ. މެޗުގެ ދެވަނަ ހާފުގެ ނުވަވަނަ މިނިޓްގައި މި ގޯލު އެޓީމަށް ޖަހައިދިނީ ކެޕްޓަން މުހައްމަދު ރަޝީދު އެވެ. އެކަމަކު އޭގެ ތިން މިނިޓް ފަހުން ބާސެލޯގެ އަހުމަދު މައިސޫން ވަނީ ގޯލު ޖަހައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ.
ޕެނަލްޓީގައި ލިލީ ބީޗްގެ ތާބިއު އަދި އަހުމަދު ނާއިފް ފޮނުވާލި ޕެނަލްޓީ ނާކާމިޔާބުވީއިރު، ބާސެލޯ އިން ޕެނަލްޓީ ޖެހި މާއިލް މުހައްމަދު، މައިސޫން، އަހުމަދު ނަސީރު އަބްދުލް ހަކީމް އަދި އުސައިދު އަލީ ފޮނުވާލި ޕެނަލްޓީ ވަނީ ގޯލަށް ވައްދާލާފަ އެވެ.
މި ޒޯނުގެ މިދިޔަ އަހަރުގެ ފައިނަލުގައި ވެސް ވާދަކުރީ ކޮންރެޑާއި ބާސެލޯ އެވެ. އެ ފަހަރު ބާސެލޯ ބަލިކޮށް ކޮންރެޑުން ވަނީ ތަށި އުފުލާލާފަ އެވެ.
ރިސޯޓް ލީގުގެ އަރި ޒޯނުގެ އެންމެ ކާމިޔާބު ޓީމަކީ ކޮންރެޑް މޯލްޑިވްސް އެވެ. ކޮންރެޑުން ވަނީ އަރި ޒޯނުގެ ތަށި ހަތް ފަހަރު ކާމިޔާބުކޮށްފަ އެވެ. މީގެ އިތުރުން މި ޒޯނުގެ ތަށި ސަން އައިލަންޑުން ދެ ފަހަރު ހޯދިއިރު، ވިލަމެންދޫ އިން ވަނީ އެއް ފަހަރު މި ޒޯނުގެ ތަށި ހޯދައިފަ އެވެ.
އަރި ޒޯނުގައި މި ފަހަރު ޖުމްލަ ފަސް ރިސޯޓުން ވާދަކުރާނެ އެވެ. އެއީ މި ޒޯނުގެ މެޗުތައް ކުރިއަށްދާ ރިސޯޓް ކޮންރެޑް މޯލްޑިވްސްގެ އިތުރުން، ބާސެލޯ، ވިލަމެންދޫ، ކުރަމަތި އަދި ލިލީ ބީޗް އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ