ށ. އަތޮޅު ފެންވަރުގައި އެ އަތޮޅު ބިލެތްފަހީގައި ކުލަގަދަކޮށް ޤައުމީ ދުވަސް ފާހަގަކުރުމުގެ ހަރަކާތްތަކެއް މިއަދު ނިމުމަކަށް އައިސްފައިވާއިރު، ބިލެތްފަހިން ވަނީ މި ދުވަހަށް ވަރަށް ރަނގަޅަށް ތައްޔާރުވެ، އިންތިޒާމްތައް ހަމަޖައްސާފައެވެ. ބިލެތްފަހީގައި ފާހަގަކުރި މި ދުވަހުގެ ހަރކާތްތައް ކާމިޔާބުކަމާއެކު ނިންމާލެވުމުގެ ސިއްރަކީ ވެސް އެޔެވެ.
29 އޯގަސްޓް އިން 30 އޯގަސްޓް އަށް ކުރިއަށް ގެންދިޔަ މި ހަރަކާތްތަކުގެ ޝަރަފްވެރިންގެ ގޮތުގައި ބިލެތްފައްސަށް ވަޑައިގަތީ މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސް އާދަމް ޝަރީފް އުމަރާއި، މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ ޑރ. މަރްޔަމް މާރިޔާއެވެ.
މި ހަރަކާތްތަކަށް ށ.އަތޮޅު ރަށްރަށުގެ ރައީސުންނާއި، ބައެއް ކައުންސިލަރުންނާއި ބައެއް އަންހެނުންކޮމެޓީތަކުގެ މެމްބަރުން އަދި އަތޮޅުގެ ކަމުވޮށިގެންވާ ފަރާތްތައް ވަނީ ބިލެއްފައްސަށް ޒިޔާރަތްކޮށް މި ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވެފައެވެ.
އިއްޔެ ބިލެތްފަހީގައި މި ހަރަކާތްތައް ފެށިގެން ދިޔައިރު، ޝަރަފްވެރީންނަށާއި، މެޚްމާނުނަށް މަރުޙަބާ ކިޔުމުގެ ކަންތައް ވެސް ކުރިއަށް ގެންދިޔައީ ގައުމީވަންތަކުމެ ކުލަތަކުގައި އެ ރޫހްގައެވެ. މުޅި މާހައުލު ފެންނާން އޮތީ ޤައުމީ ވަންތަ ސިފައެއްގައެވެ.
ބިލެތްފަހީގައި އިއްޔެ ވަނީ މި ދުވަސް ފާހަގަކުރުމަށް ޚާއްޞަ ހަވީރެއް ކުރިއަށް ގެންގޮސްފައެވެ. ޤައުމީ ދުވަސް އަތޮޅު ފެންވަރުގައި ފާހަގަކުރުމަށް ކުރިޔަށް ގެންދެވުނު މި ހާއްސަ ހަވީރުގައި ބިލެތްފަހީގެ އެންމެ ހާއްސަ މަސައްކަތަށް ކަމުގައިވާ ކިއްސަރު ވަޑާމާއި ރުކުފަތީގެ މަސައްކަތަށް ދައްކުވައިދީފަވެއެވެ.
މި ހަވީރަށްފަހު ބޭއްވި ސަގާފީ ޖާފަތަކީ ވެސް ވަރަށް ފުރިހަމަ ޖާފަތެކެވެ. އިހުގެ ސަގާފީ ގޮތްތައް ގެނެސްދިން މި ޖާފަތުގައި އިހުގެ ކެއުންތައް ތައްޔާރުކޮށްފައި ހުންނަ ގޮތްތައް ދައްކުވައިދީފައިވާއިރު، ޖާފަތުގެ ކަންކަން އިންތިޒާމްކޮށްފައި ވަނީ ސަގާފީ ގޮތްތައް ދެމެހެއްޓުމާއެކުގައެވެ.
މި ދުވަހަށް ޚާއްޞަކޮށް ބޭއްވި ޖަލްސާ ބާއްވާފައި ވަނީ މިއަދު ހެނދުނެވެ. މި ޖަލްސާގައި އެ އަތޮޅުގެ އެންމެ ހިންގުންތެރި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކަށް ކޮންމެ އަހަރަކު ދޭ "މާރެސް އެވޯޑު" ދީފަވެއެވެ.
މި ދުވަސް ފާހަގަކުރުމަށް ށ.އަތޮޅު ކައުންސިލުން ކަނޑައެޅި މައިގަނޑު މަޤްޞަދަކީ އަތޮޅު ރައްޔިތުންގެ މެދުގައި ޤައުމިއްޔަތު ދިރުވައި އާލާކޮށް އިޖްތިމާޢީ ގުޅުން ބަދަހިކުރުމެވެ.
ބިލެތްފަހީގައި ޤައުމީ ދުވަސް ފުރިހަމަކާއި ކުލަގަދަކޮށް ފާހަގަކުރުމުގެ ތެރެއިން ރަށުން ވަނީ ރައްޔިތުންގެ އެއްބައިވަންތަކަމާއި އެކުވެރިކަން ފެނިފައެވެ. އެގޮތުން ރަށުގެ ކުދި ބޮޑު އެންމެން ވަނީ ރަށުތެރެ ޤައުމީ ދުވަހަށް ތައްޔާރުކުރުމަށް މުއައްސަސާތަކުގެ އެހީތެރިކަމާއެކު އެކި އެކި ގޮތްގޮތުން އެހީތެރިވެދީފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މި އަހަރުގެ ޤައުމީ ދުވަސް ޤައުމީ ފެންވަރުގައި ފާހަގަކޮށްފައި ވަނީ ހއ. އުތީމުގައެވެ. އެރަށުގައި މި ހަރަކާތްތައް ކުރިއަށް ގެންގޮސްފައި ވަނީ ވެސް ވަރަށް ފުރިހަމައަށެވެ.
Thiladhun © 2019 – 2023| Made with ❤️ in #Thiladhunmathi
Thiladhun © 2019 – 2022
Made with ❤️ in #Thiladhunmathi
ޤައުމީ ދުވަސް ބިލެތްފަހިން: ސަގާފީ ޖާފަތާއި ހާއްސަ ހަވީރު ވެސް އެހާމެ ފުރިހަމަ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ