އަޑުގަދަކުރަން ފެށުމުން އެމްޑީޕީގެ މެމްބަރު މީކާއީލް މަޖިލީހުގެ ތަޅުމުން ނެރެފި

ހާރިޖީ ވަޒީރު ޑރ.ޢަބްދުﷲ ހަލީލު ސުވާލުތަކަށް ސީދާ ޖަވާބު ނުދެއްވާކަމަށް ވިދާޅުވެ، އަޑުގަދަކުރައްވަން ފެއްޓެވުމުން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމްގެ ނަން އިއްވައި މަޖިލީހުގެ ތަޅުމުން ނެރެފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި މިއަދު އޮތީ މެމްބަރު މީކާއީލް ހާރިޖީ ވަޒީރު ޑރ.ޢަބްދުﷲ ހަލީލަށް ސުވާލު ކުރެއްވުމެވެ. މީކާއީލް ސުވާލު ކުރައްވާފައިވަނީ، ދާދި ފަހަކުން ރާއްޖެއަށް ޒިޔާރަތްކުރި ސައުދީ ޝާހީ އާއިލާއަށް ނިސްބަތްވެ ވަޑައިގަންނަވާކަމަށް ބުނާ  ފަހަދް ސައުދު އަލްޝަލަންއާ ގުޅޭގޮތުންނެވެ. ސައުދު ރާއްޖެއަށް ކުރެއްވި ދަތުރުގައި ވަނީ ފައިނޭންޝަލް ސެންޓަރަށް އިންވެސްޓްކުރުމަށެވެ.
މީކާއީލްގެ ސުވާލުގައި ވަނީ ސައުދަކީ ސައުދީ ޝާހީ އާއިލާގެ ބޭފުޅެއްތޯއާއި، ބައްދަލުވުމުގައި ސައުދީ އެމްބަސީން ބައިވެރި ނުވީ ކީއްވެތޯ އާއި އަދި އެކަމުގެ ސަބަބުން ދެ ޤައުމުގެ ގުޅުމަށް އަސަރުކޮށްފައިވޭތޯ އެވެ. މީކާއީލް ކުރެއްވި ސުވާލުތަކުގެ ޖަވާބުގައި މިނިސްތަރު ވިދާޅުވެފައިވަނީ އެބޭފުޅާއަކީ ސައުދޫ ޝާހީ އާއިލާގެ އަންހެން ބޭފުޅެއްގެ ދަރިކަލެއް ކަމަށާއި، އިދިކޮޅު ފަރާތްތަކުން ރާއްޖެ އަންނަ އިންވެސްޓަރުންނާ ދިމާކުރުމާއި އެބޭބޭފުޅުންގެ އަގު ވައްޓާލުމަށް މަސައްކަތްކުރާތީ ކަންބޮޑުވެ ވަޑައިގަންނަވާކަމަށެވެ. މިއީ ޒިންމާދާރު މަގާމްތަކުގައި ތިއްބަވާ ބޭފުޅުންގެ އަމަލުތައް ހުންނަންވާނޭ ގޮތެއް ނޫންކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ހަލީލްގެ އެ ޖަވާބަށްފަހު މީކާއީލް ވަނީ މަޖިލީހުގައި އަޑުގަދަކޮށް ހަޅޭލަވައި ނިޒާމީ ނުކުތާ ނަގައި ކުރެއްވި ސުވާލަށް ސީދާ ޖަވާބު ނުދެއްވުނުކަމަށް ވިދާޅުވެފައެވެ. މީކާއީލް އެންމެފަހުން އަޑުގަދަކުރައްވަން ފެއްޓެވުމުން ރިޔާސަތުން ވަނީ މެމްބަރު މީކާއީލްގެ ނަން އިއްވައި މަޖިލީހުގެ ތަޅުމުން ނެރެފައެވެ.
މީކާއީލް ކުރައްވަމުން ގެންދެވި ސުވާލުތަކަށް ޖަވާބުދެއްވަމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް ޢަބްދުއްރަހީމް ވަނީ، މީކާއީލްގެ ސުވާލަށް މިނިސްޓަރު ޖަވާބު ދެއްވިކަމަށް ގަބޫލުކުރައްވާކަމަށް ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ