މާލޭގައި ކޮވިޑް-19 ފެތުރޭ މިންވަރު ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި މައްޗަށް ހިނގައިދާނެ ކަމަށް ސިއްހީ މާހިރުން ލަފާކުރައްވާ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
ކޮވިޑް-19 ފެތުރުމުގެ ހާލަތު އޮތް ގޮތާއި އެބަލި ފެތުރުން ކޮންޓްރޯލް ކުރަން ސަރުކާރުން ކުރަމުން އަންނަ މަސަައްކަތްތަކާ ބެހޭ ގޮތުން ގައުމާ މުޚާތަބު ކުރައްވައި މިއަދު ހަވީރު ރައީސް ދެއްވި ބަޔާނުގައި ވިދާޅުވީ ކުރިއަށް މިއޮތް ދެ ހަފުތާގެ ތެރޭގައި މާލޭގައި މި ބަލި ފެތުރޭ މިންވަރު މިހާރަށް ވުރެ މައްޗަށް ދާނެ ކަމަށް ސިއްހީ މާހިރުން ލަފާ ކުރައްވާތީ މި ދެހަފްތާފައި ފަރުވާތެރިކަމާއި ވިސްނުންްތެރިކަމާ އެކު މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.
"އެހެންވީމާ، ކުރިއަށް މި އޮތް ދެ ހަފުތާއަކީ، އަޅުގަނޑުމެން ވަރަށް ފަރުވާތެރިކަމާއި ވިސްނުންތެރިކަމާ އެކު މަސައްކަތް ކުރަންޖެހޭ ދެ ހަފުތާ. އެ ދުވަސްކޮޅުގެ ތެރޭގައި އަޅުގަނޑުމެންނަށް ކުރެވޭ މަސައްކަތްތަކުން، މި ބަލިން އަވަހަށް އަރައިގަތުމުގެ އުންމީދު ވަރަށް ބޮޑު،" ރައީސް ވިދާޅުވި އެވެ.
"މިކަމުގައި ކުރިމަތިވާ ދަތިތައް، ކެތްތެރިކަމާ އެކު ތަޙައްމަލްކުރި ގައުމުތަކުގެ ރައްޔިތުން މިހާރު އެ ތައްޔާރުވަނީ، އާންމު ދިރިއުޅުމަށް އެނބުރި ދިއުމަށް،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އިތުރު މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވަމުން ދިޔަޔަސް ބަލި ފެތުރުން ހުއްޓުވުމަށް ކުރާ މަސައްކަތް އިރާދަ ކުރެއްވީތީ ކޮންޓްރޯލުން ނެއްޓިގެން ނުދާ ކަމަށާއި ސިއްހީ މާހިރުންގެ އުއްމީދު ނުގެއްލޭ ކަމަށެވެ.
"ކޮވިޑް-19 ގެ ސަބަބުން، ރާއްޖެ މިވަނީ ވަރަށް ބޮޑަށް ސިއްހީ ހިދުމަތްތެރިންނަށް ބޭނުންވެފައި. ހިދުމަތުން ރިޓަޔާ ކުރައްވައިގެން ތިއްބެވި، ވަރަށް ގިނަ ސިއްހީ ހިދުމަދުމަތްތެރިން މިހާރު ވެސް އަޅުގަނޑުމެންގެ ތެރޭގައި އެބަތިއްބެވި،" އެމަނިކުފާނު ވިދާޅުވި އެވެ.
ބަލި ފެތުރުން ކޮންޓްްރޯލްކުރަން ރާއްޖޭގައި މަސައްކަތްކުރަމުން އަންނަ ސިއްހީ ޚިދުމަތްތެރިންނަށް ތައުރީފު ކުރައްވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ ސިއްހީ ޚިދުމަތްތެރިންނަކީ އިލްމާއި ތަޖުރިބާ ލިބިވަޑައިގެން ތިއްބެވި، ވަރަށް ހުޝިޔާރު ބޭފުޅުންތަކެއް ކަމަށެވެ. ކުރިން އަންދާޒާކުރި ހަލުވިމިނުގައި ރާއްޖޭގައި ބަލި ނުފެތުރި އޮތީ މާތް ﷲގެ ވާގިފުޅާ އެކު، ސިއްހީ ޚިދުމަތްތެރިން ދެއްވާ ލަފަޔާ އެއްގޮތަށް ސަރުކާރުން އެޅި ފިޔަވަޅުތަކާއިި ރައްޔިިތުން ދެއްވި އެއްބާރުލުމުގެ ސަބަބުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ރައްޔިތުންގެ އެއްބާރުލުމަށް ތަކުރާރުކޮށް އިލްތިމާސް ކުރައްވަމުން ރައީސް މިސާލު ދެއްކެވީ އެހެން ގައުމުތަކުންނެވެ. އެމަނިކުފާނު ވިދާޅުވީ ކެތްތެރިވި ގައުމުތައް މިހާރު ތައްޔާރުވަމުން އަންނަނީ އާއްމު ހާލަތަށް އެނބުރި ދާން ކަމަށެވެ.
"މިކަމުގައި ކުރިމަތިވާ ދަތިތައް، ކެތްތެރިކަމާ އެކު ތަހައްމަލްކުރި ގައުމުތަކުގެ ރައްޔިތުން މިހާރު އެ ތައްޔާރުވަނީ، އާންމު ދިރިއުޅުމަށް އެނބުރި ދިއުމަށް،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނުގެ ވާހަކަފުޅު ނިންމަވައިލެއްވީ ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ކުރާ މަސައްކަތުގައި ކާމިޔާބީ އަށް އެދިވަޑައިގެން އަދި ރައްޔިތުންނަށް ކެތްތެރިކަން މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވަމުންނެވެ.
ރާއްޖޭން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 500 އަށް ވުރެ މަތިވެފަ އެވެ. އަދި އެބަލީގައި އެކަކު ވަނީ މަރުވެފަ އެވެ.
ކުރިއަށް އޮތް ދެ ހަފްތާގައި ކޮވިޑް-19 ފެތުރޭ މިންވަރު އިތުރުވެދާނެ: ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ