ކޮވިޑް-19 ކޮންޓްރޯލް ކުރަން ގިނަ ގައުމުތަކުން ވަރުގަދަ ފިޔަވަޅުތަކެއް އަޅާފައި ވީނަމަވެސް ނަތީޖާއެއް ނުފެނި، ބަލި ކޮންޓްރޯލް ނުކުރެވި، ރެކޯޑް އަދަދެއްގެ މީހުން ފާއިތުވި 24 ގަޑިއިރުގެ ތެރެގައި ފައްސި (ޕޮޒިޓިވް) ވެއްޖެއެވެ.
މިހާތަނަށް ލިބިފައިވާ މައުލޫމާތައް ބަލާއިރު މިއަދު 35418 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. އެހެންކަމުން ބައްޔަށް ފައްސިވި މީހުންގެ ޖުމްލަ މިހާރު 340408 އަށް އަރައެވެ. މިއަދު 1566 މީހަކު 40 ގައުމަކުން މަރުވިއެވެ. މިހާތަނަށް މަރުވި މީހުންގެ ޖުމްލަ 14573 އަށް އަރައެވެ. މިހާތަނަށް 97571 މީހުން ބަލިން ރަނގަޅު ވެފައި ވާއިރު މިހާރު ވެސް ބަލި ޖެހިފައި 228264 މީހުން އެބަތިއްބެވެ. ބަލި ޖެހިފައި ތިބި މީހުންގެ ތެރެއިން 10535 މީހެއްގެ ހާލު ވަރަށް ސީރިއަސް އެވެ.
މިއަދު އެންމެ ގޯސްވެފައި ވަނީ އެމެރިކާގެ ހާލަތެވެ. އެމެރިކާ އިން މިއަދު އެކަނި ވެސް 14550 މީހަކު ވަނީ ފައްސިވެފައެވެ. އެގައުމުން ފައްސިވި މީހުންގެ ޖުމްލަ މިހާރު 38757 އަށް އަރައެވެ. މިއަދު އެމެރިކާ އިން 98 މީހަކު މަރުވެފައި ވެއެވެ.
އިޓަލީވިލާތުގެ ހާލަތައް ބަލާއިރު ކޮވިޑް-19 ޖެހިގެން މިއަދު ވެސް އިޓަލީވިލާތުން އިތުރު 651 މީހަކު މަރުވިއެވެ. މިއަދު އެގައުމުން މަރުވި މީހުންނާއި އެކު އެގައުމުން ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ ޖުމްލަ 5476 އަށް ވަނީ އަރާފައެވެ. އިޓަލީވިލާތުން މިއަދު އިތުރު 5560 މީހުން ވަނީ ކޮވިޑް-19 އަށް ފައްސި ވެފައެވެ. އެގައުމުން މިހާތަނަށް ފައްސިވި މީހުންގެ ޖުމްލަ 59138 އަށް އަރައެވެ. މިހާރު ވެސް 3000 މީހުންގެ ހާލު ދެރަކަމަށް އިޓަލީވިލާތުގެ ސަރުކާރުން ބުނެއެވެ.
ފަރަންސޭސިވިލާތާއި، ޖަރުމަންވިލާތާއި، ސްޕޭންގެ ހާލަތު ވެސް މިއަދު ވަނީ އިތުރަށް ގޯސް ވެފައެވެ.
ރާއްޖެ އިން މިއަދު ލިބުނު ޚަބަރުތަކަށް ބަލާއިރު ކޮވިޑް-19 ގެ އަލާމާތްތައް ހުރި ބައެއް މީހުންގެ ނަތީޖާ މިރޭ ވަނީ ލިބިފައެވެ. އިތުރު މީހަކު ރާއްޖެ އިން ފައްސި (ޕޮޒިޓިވް) ވެފައެއް ނުވެއެވެ.
ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށް ފަހު މި މަހުގެ 12 ވަނަ ދުވަހު ޗައިނާ އަށް ދިޔަ ފަހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވި ބެލްޖިއަމްގެ ފުޓްބޯޅަ ކުޅުންތެރިޔާ މައުރޯނޭ ފެލައިނީއާ ކޮންޓެކްޓުވި މީހުން މާލެ ސަރަހައްދުގައި ތިބެދާނެ ކަމަށާއި އެއްވެސް ތަނަކުން އޭނާ އާއި ބައްދަލުވި މީހަކު ހުރިނަމަ އެކަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ 1676 އަށް އެންގުމަށް ސަރުކާރުން މިރޭ ވަނީ އެދިފައެވެ.
ކޮވިޑް-19 އާއި ގުޅޭ އިތުރު ޚަބަރުތައް "ވަގުތު" ބްލޮގް އިން ފެންނާނެއެވެ.
ކޮންޓްރޯލެއް ނުކުރެވޭ، ބަލި ޖެހޭ މީހުންގެ އަދަދު ރެކޯޑް މިންވަރަކަށް އިތުރުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ