އެކައުންޓުތަކެއް ފްރީޒްކޮށް ނުވަ ކިލޯގެ މަސްތުވާތަކެއްޗާއި އެކު ބަޔަކު ހައްޔަރުކޮށްފި

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް ވިޔަފާރި ކުރާ ކަމުގެ ތުހުމަތުގައި ނުވަ ކިލޯގެ މަސްތުވާތަކެއްޗާއި އެކު ނުވަ މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ ޑްރަގް އެންފޯސްމެންޓް ޑިޕާޓްމެންޓުން މި އޮޕަރޭޝަން ހިންގީ މިދިޔަ ޖެނުއަރީ މަހުގެ30 ވަނަ ދުވަހު އެވެ. މި އޮޕަރޭޝަންގައި ކޯޓު އަމުރެއްގެ ދަށުން 10 ގެއެއް ބަލައި ފާސް ކުރި ކަމަށް ފުލުހުން ބުންޏެވެ.
މި ގެތަކުން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ފައިސާގެ އިތުރުން މަސްތުވާތަކެތި ބަންދު ކުރަން ބޭނުން ކުރާ އާލާތްތައް ފުލުހުން ހޯދާފައިވެ އެވެ. އަތުލައިގެން މަސްތުވާތަކެތީގެ ތެރޭގައި ނުވަ ކިލޯގެ ހެރޮއިންނާއި ހަތަރު ގްރާމްގެ ކޮކެއިން ހިމެނެ އެވެ.
މީގެ އިތުރުން ހައްޔަރު ކުރި މީހެއްގެ އެކައުންޓުގައި ގިނަ އަދަދަކަށް ފައިސާ ހުރުމުން ފުލުހުން ވަނީ އެއީ މަސްތުވާތަކެތީގެ ވިޔަފާރި ކޮށްގެން ހޯދާފައިވާ ތަކެތި ކަމަށް ތުހުމަތުކޮށްފައި އެވެ. އަދި ކޯޓު އަމުރެއްގެ ދަށުން އެ އެކައުންޓުތައް ވަނީ ފްރީޒް ކޮށްފައި އެވެ.
މި މައްސަލައިގަ ފުލުހުން ހައްޔަރު ކުރި މީހުން:
އަރުޝަދު ހާލިދު/ ގދ. ހޯޑެއްދޫ، އަލޯރާ (24)
އަލީ ޒުބައިރު/ ގދ. ހޯޑެއްދޫ، ގުލޭނޫރަންމާގެ (50)
އަހުމަދު ސުނައިން/ ގދ. ހޯޑެއްދޫ އިރުމަތީގެ (23)
އަހުމަދު ގިޔާސް/ ގދ. ހޯޑެއްދޫ، މެޑްރިޓް ހައުސް (25)
ހުސައިން ޒަހީން/ ލ. ކަލައިދޫ، މަތަރެސް (25)
އިސްމާއިލް ވިޝާލް/ ކ. މާލެ، މ ދާޜުލްގަރާރު (25)
އަސްލަމް ނާޒިިމް/ ކ. މާލެ މއ ވައިލެޓްމާގެ (37)
އަހުމަދު އިމްސާހު/ ޅ. ނައިފަރު، މިސްކިތްދޮށުގެ (32)
މުހައްމަދު ސިދުރަތު/ ގއ. ގެމަނަފުށި ސުރައްޔާމަންޒިލް (27)
މީގެ ތެރެއިން ކުށުގެ ރެކޯޑު ނެތީ ގައިސް އާއި ސިދުރަތުގެ އެވެ. އެހެން މީހުންގެ މަސްތުވާތަކެއްޗާއި ވައްކަމުގެ އިތުރުން ބިރު ދެއްކުމާއި މާރާމާރީގެ މައްސަލަތަކުގެ ކުށުގެ ރެކޯޑު އެބަހުއްޓެވެ.
ފުލުހުން ބުނީ ފެބްރުއަރީ މަހުގެ ފަސް ވަނަ ދުވަހު އެމީހުންގެ ބަންދުގެ މުއްދަތު ޖެގުމަށް ކޯޓަށް ހާޒިރު ކުރުމުން ޝަރުތަކެއް ކުރުމަށް ފަހު ސިދުރަތު ފުލުހުންގެ ބަންދުން ދޫކޮށްލުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ. އެހެން އެންމެ ތިބީ ފުލުހުންގެ ބަންދުގައި އެވެ.
ފުލުހުން ބުނީ މި މައްސަލައިގެ ތަހުގީގު މިހާރު ނިމުމަކާއި ގާތްވެފައިވާ ކަމަށެވެ. އަދި އަންނަ ހަފްތާގައި މި އެންމެންގެ މައްޗަށް ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުވާނެ ކަަމަށެވެ.
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ