ހުރިހާ ފަރާތްތަކުން ގާނޫނު އަސާސީއާ އެއްގޮތަށް އަމަލުކުރުމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު ގޮވާލައްވައިފި އެވެ.
ރާއްޖެއިން ބޭރުގައި ހުންނަވައިގެން މައުމޫން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ސަރުކާރާއި ދައުލަތުގެ މުއައްސަސާތަކާއި ސިޔާސީ ޕާޓީތަކާއި ދިވެހި ރައްޔިތުން މަސައްކަތްކުރަން ވާނީ ގާނޫނު އަސާސީއާ އެއްގޮތަށް ކަމަށެވެ. އެހެން ނަމަވެސް އެއީ ކޮން ކަމަކާ ގުޅުވައިގެން މައުމޫން ކުރެއްވި ޓްވީޓެއް ކަމެއް ނޭނގެ އެވެ.
މައުމޫން އެ ގޮތަށް ގޮވާލެއްވިއިރު ކުރީގެ ރައީސް މުހައްމަދު ނަޝީދު މުހިއްމު ބައްދަލުވުންތަކަކަށް މީގެ ހަފުތާއެއްހާ ދުވަސް ކުރިން ލަންކާ އަށް ވަޑައިގަތުމަށް ފަހު އެނބުރި އިނގިރޭސި ވިލާތަށް ފުރާވަޑައިގަތުމުގެ ކުރިން އިންޑިއަން އެކްސްޕްރެސް ނޫހަށް ވިދާޅުވި ގޮތުގައި މައުމޫން ވެސް މިހާރު ހުންނެވީ އިދިކޮޅު ފަރާތްތަކާ އެކު އެވެ. ވެރިކަން ކުރާ ޕީޕީއެމްގެ ރައީސްކަން ވެސް ކުރައްވާ މައުމޫން އެ ގޮތަށް ހުންނަވަނިކޮށް އެ މަނިކުފާނަށް ފުރަގަސް ދިނުމަކީ، ނަޝީދު ސިފަކުރެއްވި ގޮތުގައި، އެޅޭނެ "ޅައެއްޗެކެވެ. އެކަމާ ބެހޭ ގޮތުން މައުމޫން އަދި ވިދާޅެއް ނުވެ އެވެ.
"އުފާ ފާގަތި ދިރިއުޅުމަކާއި ތަރައްގީ އަށް އޮތް އެންމެ ރަނގަޅު މަގަކީ އަޅުގަނޑުމެން ދެކޭ ގޮތުގައި ޑިމޮކްރެސީ. އެކަމަށް އަބަދު ވެސް ވަކާލާތުކުރަމުން މި އަންނަނީ. މައުމޫން ވެސް އެ މަގުގައި ހުންނެވީ...،" ލަންކާގައި ހުންނަވައިގެން ނަޝީދު ދެއްވި ހަމައެކަނި އިންޓަވިއުގައި ވިދާޅުވި އެވެ.
ރައީސް ނަޝީދު އެގޮތަށް ވިދާޅުވެފައިވާއިރު، ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު މައުމޫން އާއި ނަޝީދުގެ އެ ހަބަރާއެކު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ އިންތިގާލީ ސަރުކާރަކީ ނަޝީދު ވެރިކަމަށް އެނބުރި ވަޑައިގަތުމަށްޓަކައި ރާވާ މަކަރުވެރި ރޭވުމެއް ކަމަށެވެ.
"ކޮލެރާ އާއި ޝިގެއްލާގައި ހުރީ ވަރަށް ކުޑަ ތަފާތެއް، އެ ދެ އެއްޗަކީ ވެސް ވަރަށް ވޭން ހުރި ދޭތި،" މައުމޫނަށާއި ނަޝީދަށް އިޝާރާތްކުރައްވައި އުމަރު ވިދާޅުވެފައިވެ އެވެ.
ހުރިހާ ފަރާތްތަކުން ގާނޫނުއަސާސީއާ އެއްގޮތަށް އަމަލުކުރުމަށް މައުމޫން ގޮވާލައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ