ކުރިއަށްއޮތް ހަތަރު ދުވަހު މޫސުން ގޯސްވާނެ -މެޓް

ހުޅަނގު މޫސުމުގެ ބާރު ގަދަވެ، ކުރިއަށް އޮތް ހަތަރު ދުވަހު ވެސް ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވެދާނެ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ބުނެފި އެވެ.
މެޓް އޮފީހުން ބުނީ ހުޅަނގު މޫސުމުގެ ބާރުގަދަވެ ކުރިއަށް އޮތް 4 ދުވަހުވެސް ރާއްޖޭގެ ސަރަހައްދުގައި ޚާއްސަކޮށް އުތުރާއި މެދުރާއްޖެ ތެރޭގައި ވައިގަދަވެ ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާކުރާ ކަމަށެވެ.
އެހެންވެ ކަނޑުދަތުރު ކުރާ މީހުން މޫސުމަށް ސަމާލުވުމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން އިލްތިމާސް ކުރެއެވެ.
މެޓްއޮފީހުން ހާމަ ކުރި ގޮތުގައި ގަޑިއަކު 17 މޭލާއި 27 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް ބެލެވޭއިރު ވިލާގަނޑުގައި ގަޑިއަކު 50 މޭލާއި 60 މޭލާ ދެމެދުގެ ބާރުމިނަށް ވައި އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި އުދައިގެ އަސަރު ކުރުން ވެސް އެކަށީގެންވެއެވެ.
ރާއްޖެއާ ދުރުން ބަންގާޅުކަނޑުގައި ކޮޅިގަނޑު އުފެދިފައިވާ ކަމަށާއި ކުރިއަށް އޮތް 24 ގަޑިއިރުތެރޭގައި އިތުރަށް ބާރުގަދަވެ ތޫފާނަކަށްވުމުގެ ފުރުސަތު އޮތް ކަމުން މި ކޮޅިގަނޑު ޖެހެމުން މި ދާނީ އުތުރުހުޅަނގު އުތުރަށް ރާއްޖެއާ ދުރަށް ކަމަށް ވެސް މެޓް އޮފީހުން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ