ކޮލަމް ލަގަން: ރައްޔިތުން ހަނާވާއިރު އެމްޑީޕީ ނުކުޅެދިފައި

މި މަންޒަރު ޚިޔާލަށް ގެންނަވާށެވެ. އަހަރަކީ 2010 ވަނަ އަހަރެވެ. ދިވެހި ރާއްޖޭގެ ވެރިކަމުގައި ހުރީ ކެނެރީގެ މުހައްމަދު ނަޝީދެވެ. ރައްޔިތުންގެ ފުރިހަމަ ވޯޓުން ހޮވުނު ރައީސް އެކެވެ. ކުއްލިއަށް އެއް ދުވަހު ހެނދުނު ރައްޔިތުން ސިއްސައިގެން ދިޔައީ ސަރުކާރުން ދިން ޚަބަރަކުންނެވެ. ކާޑުގެ އަގު ގާތްގަނޑަކަށް 100 ޕަސެންޓް ބޮޑުކުރުމުން ރައްޔިތުންގެ ކަންބޮޑުވުންތައް ސޯޝަލް މީޑިއާގައި އޮއްސާލިއެވެ. އިދިކޮޅު ޕާޓީ ޑީއާރުޕީން އެކިރަށްރަށުން މީހުން ގެނެސްގެން ބޮޑު  މުޒާހަރާއަކަށް ތައްޔާރުވަނީއެވެ. މީޑިއާތަކުން ރައީސް ނަޝީދާއި އެމްޑީޕީ އަށް ވަރަށް ފާޅުގައި ބަވަނީއެވެ.
މަތީގައި އެވަނީ ރައީސް ނަޝީދުގެ ސަރުކާރުން ކާޑުގެ އަގު ބޮޑުކުރިނަމަ ކަންތައް ހިނގާނެ ގޮތްކަމަށް ލަފާކުރެވޭ ގޮތެވެ. ނަމަވެސް މިއަދު މަންޒަރު ތަފާތެވެ.
ވިސްނާލާށެވެ. މިއަދަކީ ރައީސް ނަޝީދުގެ ސަރުކާރު ދުވަސްވަރު ނަމަ ސަރުކާރު ނޭވާ ހޮޅިއަށް އެޅޭ ވަރަށް ސަރުކާރުން ޕްރެޝަރުކޮށްލާނެއެވެ. އެހެންނަމަވެސް މިއަދު ރައީސް ޔާމީންގެ ސަރުކާރުން ކަރަންޓާއި ކާޑުގެ ބާވަތްތަކުގެ އަގުބޮޑުކުރުމުން އެކަމާ ދެކޮޅަށް ބަޔާނެއް ނެރުން ފިޔަވާ އިތުރުކަމެއް ‘ބިރުފަހަނައަޅާ’ ގޮސްފައިވާ އެމްޑީޕީއަށް ކުރެވޭ ކަމެއް ނެތެވެ.
ކުރީގެ ރައީސް ނަޝީދު ހުންނެވީ އިނގިރޭސީ ސަރުކާރުގެ ފުރިހަމަ ހިމާޔާތުގައެވެ. ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ޓްވީޓެއްކޮށްލުން ފިޔަވައި މާބޮޑު ކަމެއް ނުކުރެވެއެވެ. ފަހަރެއްގައި ރައީސް ނަޝީދަށް އެ ނޫންގޮތެއް ނެތީ ކަމަށްވެދާނެއެވެ. އެހެންނަމަވެސް މި ރާއްޖޭގެ އެއްމެ ބޮޑު އިދިކޮޅު ޕާޓީގެ ލީޑަރޝިޕު މިއަށްވުރެ ޒިންމާދާރުވާންޖެހެއެވެ. ރައީސް އަބްދުﷲ ޔާމިން ސަރުކާރުން ބޭނުން އެއްޗެއް ހަދާއިރު އެމްޑީޕީ އަށް ކުރެވޭ ކަމެއްނެތެވެ. އެމްޑީޕީ އަށް ވެސް ދިވެހި ރައްޔިތުންގެ ފައިސާ އިން ޚަރަދުކުރެއެވެ. އިލެކްޝަންސް ކޮމިޝަނުން ޕާޓީތަކަށްދޭ ފައިސާ އަކީ ދިވެހި ރައްޔިތުންގެ ފައިސާއެވެ. އެހެންކަމުން ދިވެހި ރައްޔިތުންގެ ހައްގުގައި އެމްޑީޕީން ނުކުންނަށް ޖެހެއެވެ. ގޮންޖެހުންތައް އެބަހުއްޓެވެ. އެހެންނަމަވެސް އެމްޑީޕީގެ މައިގަނޑު މަގުސަދަކީ ރައީސް ނަޝީދު ހިމާޔަތްކުރުން އެކަނިކަމުގައި ވާނަމަ ސުވާލުއުފެދެއެވެ.
ކާޑުގެ ބާވަތްތައް އަގުބޮޑުވެ، ރައްޔިތުން ހަނާވާއިރު އިނގިރޭސިވިލާތުގެ އަރާމު ފިނީގައި ނުތިއްބަވާ ރައްޔިތުންގެ ހައްގުގައި މަސައްކަތްކޮށްދެއްވާށެވެ. އެމްޑީޕީ ވެސް 2018 ގެ އިންތިޚާބު ކާމިޔާބުކުރަން ބޭނުންވާނަމަ އިޚްލާސްތެރިކަން ދައްކާށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ