2012 ވަނަ އަހަރު ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރު ކުރެވުނީ ކޮންޓްރެކްޓް އުސޫލުން މީހަކު މެރުމުގައި ގާޒީ ބައިވެރިވި ތުހުމަތުގައި ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވެފައި މިވަނީ އެމަނިކުފާނުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ކުރެވުނު މައްސަލައިގައި ތައްޔާރު ކުރި ޚުލާސާ ބަޔާނުގައެވެ. ނަމަވެސް ޝަރީޢަތުން އެކަށީގެންވާ ފުރުޞަތު ނުދެއްވުމުން މިބަޔާން ނިންމައި، އެދުވަހުގެ ޝަރީޢަތުގެ މަޖިލީހަށް މިބަޔާން ވަނީ އިއްވޭ ގޮތް ނުވެފައެވެ.
އެމަނިކުފާނުގެ ފަރާތުން ތައްޔާރު ކުރައްވާފައިވާ ޚުލާސާ ބަޔާނުގައި ވިދާޅުވެފައި ވަނީ މީހަކު މެރުމުގެ ތުހުމަތުގައި ޖަލުގައި ހުރިމީހެއްގެ މައްސަލައާ ގުޅޭ ލިޔުމެއް ހޮސްޕިޓަލުން ނުލިބޭކަމަށް ބުނެ ޤާޟީ ޢަބްދުﷲ މުޙައްމަދު އެމީހާ ދޫކޮށްލުމުން، އޭނާ އެހެން މީހަކު މެރިކަމުގެ ޚަބަރު ލިބިވަޑައިގެން ކަމަށެވެ.
އަދި މިއީ ސީދާ ކޮންޓްރެކްޓް މެރުމެއްގެ ގޮތުގައި ފުލުހުންނަށްވެސް އަދި ހޯމް މިނިސްޓަރަށްވެސް ސިފަކުރެވުނު ކަމަށް ޚުލާސާ ބަޔާނުގައި ވެއެވެ.
“ވަޅިޖަހާ މީހާ ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށްވާތީ، ވަޅިޖަހާ މީހާ އަށް ކޮންޓްރެކްޓް ދިން މީހާ މި ކޮންޓްރެކްޓްގެ ތެރޭގައި ޤާޟީ ޢަބްދުﷲ މުޙައްމަދުވެސް ހިމަނައި، ވަޅިޖަހާ މީހާ ދޫކޮށްލުން ޤާޟީ ޢަބްދުﷲ މުޙައްމަދުގެ ދައުރެއް ކަމުގައި ހަމަޖެއްސީއެވެ. އަޅުގަޑަށް މަޢުލޫމާތު ލިބުނީ ވަޅިޖަހާ މީހާ ދޫކޮށްލިއިރު އޭނާ އޭރުވެސް ހުރީ މީހަކުމެރި ކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށުގަކަމެވެ. ޤާޟީ ޢަބްދުﷲ މުޙައްމަދު އޭނާ ދޫކޮށްލުމަށް ނިންމުމުން ދެން ފުލުހުންނަކަށް އޭނާ ހިފެހެއްޓޭކަށް ނެތެވެ. އޭނާ ނުކުމެ އެހެން މީހެއް ގަޔަށް ވަޅި ޖަހައި އެހެން މީހަކު މަރާލީއެވެ. މަރުގެ ތުޙުމަތުގައި ހައްޔަރުކުރެވޭ އެހެން މީހުން، ޝަރީޢަތް ނިމެންދެން ބަންދުގައި ބަހައްޓާއިރު، އެ މައްސަލައިގެ ތުޙުމަތު ކުރެވޭ މީހާ ދޫކޮށްލާފައިވަނީ ސީދާ އެ މަޤްސަދަށްޓަކައި ކަމަށް ފުލުންގެ އިދާރާއިން ދެކި، އެ މަޢުލޫމާތު އަޅުގަނޑަށް އެގޮތަށް ދީފައިވެއެވެ.” ޚުލާސާ ބަޔާނުގައި ވެއެވެ.
ރައީސް ނަޝީދުގެ ފަރާތުން ތައްޔާރުކޮށްފައިވާ ބަޔާނުގައި ވަނީ މިކަން މިގޮތަށް ހިނގާފައި ވުމުން، ޤާޟީ ޢަބްދުﷲ މުޙައްމަދުގެ މައްސަލަ ތަޙްޤީޤްކޮށްދިނުމަށް އެދި މޯލްޑިވްސް ޕޮލިސް ސަރވިސްގައި ދަންނަވާފައި ވާނެ ކަމަށެވެ. އެހެން ނަމަވެސް ޤާނޫނާ ޤަވާއިދާ ޚިލާފަށް އެކަން ކުރުމަށް ދަންނަވާފައި ނުވާނެ ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.
“ކަމިޝަނަރަ އޮފް ޕޮލިސް އަރިހުގައި އަޅުގަނޑު އެއްވެސް ޙާލެއްގައި ދެންނެވީ ގާނޫނާއި ގަވާއިދާއި ޚިލާފަށް އެކަން ކުރުމަކަށްނޫނެވެ. ރާއްޖޭގައި ކަނޑައެޅިފައިވާ ގާނޫނީ ހަމަތަކުގެ ތެރެއިން އެކަން ކުރުމަށެވެ. ރާއްޖޭގެ ރައީސުލްޖުމުހޫރިއްޔާ، ކަމާބެހޭ ފަރާތުގައި ވަކި ކަމެއްކުރާން ބުނުމުން ދެން އެކަމެއް ހިންގާ ވުޒާރާތަކާއި އިދާރާތަކުން އެކަން ހިންގަން ޖެހޭނީ ގާނޫނީ ހަމަތަކުގެ މަތިންނެވެ. 2008 ވަނައަހަރުގެ ފަހުކޮޅުގައި އަޅުގަނޑު މާލީ ވަޒީރު އަރިހު ދިވެހި ދައުލަތުގެ އާމްދަނީ 6 ބިލިއަން ރުފިޔާއިން 11 ބިލިއަން ރުފިޔާއަށް އިތުރުކުރުމަށް ދަންނަވާފައިވާނެއެވެ. އޭގެ މާނައަކީ އެމަނިކުފާނު ސިފައިން ބޭނުން ކޮށްގެން ތަން ތަން ލޫޓުވުމެއް ނޫނެވެ.” ޚުލާސާ ބަޔާނުގައި ނަޝީދު ވިދާޅުވެފައިވެއެވެ.
މި މައްސަލައިގައި އަބްދުﷲ ގާޒީގެ މައްޗަށް ތުޙުމަތުކުރެވުނު ކަންކަމުގެ ތަޙްޤީޤަށް ޤާޟީ ފުލުސް އޮފީހަށް ހާޒިރުކުރުމަށް ފުލުހުން މަސައްކަތް ކޮށް، ހާޟިރުކުރެވޭ ގޮތް ނުވުމުން، އޭނާ ހާޟިރު ނުކޮށް ތަޙްގީގު ހިންގޭން އޮތް މިންވަރަށް ތަޙްޤީޤް ހިންގުނުއިރު، ޤާޟީ އަކީ ގައުމުގެ ސަލާމަތަށް ހުރި ނުރައްކަލެއްގެ ގޮތުގައި ފުލުހުންނަށް ޤަބޫލު ކުރެވުނު ކަމަށް ނަޝިދުގެ ބަޔާނުގައި ވެއެވެ.
“މިވާހަކަ އަޅުގަނޑަށް އެންގުމުން އަޅުގަނޑު ދެންނެވީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލަކުން ސަލާމަތް ވުމަށް ކުރަން ހުރި ކަންކަން ކުރުމަށް އަޅުގަނޑު ހޯމް މިނިސްޓަރަށް އަންގާފައިވާނެއެވެ. އެއްވެސް އިރެއްގައި އެއްވެސް ބޭފުޅެއްގެ ގާތުގައި ވަކި ގޮތަކަށް ވަކިކަމެއްކޮށް، ވަކި ފިޔަވަޅެއް އެޅުމަށް އަޅުގަނޑު އަންގާފައެއް ނުވާނެއެވެ.” ބަޔާނުގައި ވެއެވެ.
ބަޔާން ނިންމަވާލައްވަމުން ވެސް ނަޝީދު ވިދާޅުވެފައި ވަނީ ޤާޟީ ޢަބްދުﷲ މުޙައްމަދު ގަދަބާރުން ތަނަކަށް ގެންދަން ނިންމާފައި ނުވާނެ ކަމަށާއި ފަދަ ކަމެއް ކުރުމަށް އަމުރެއްވެސް ކޮށްފައި ނުވާނެ ކަމަށެވެ. އަދި ގާޒީގެ މައްސަލަ އެމަނިކުފާނާ ހަމައަށް އައުމުން ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް އެންގީ ޤާނޫނުގައިވާ ގޮތުގެ މަތިން ގާޒީއާ މެދު ފިޔަވަޅު އަޅަން ކަމަށެވެ.
އެގޮތުން ބައެއްފަހަރު ޖުޑިޝަލް ސަރވިސަސް ކޮމިޝަނަށް އަނެއް ބައިފަހަރު ފުލުހުންގެ އިދާރާ އަށް، މައްސަލަ ހުށަހަޅާފައިވާނެ ކަމަށާއި، މިކަންކަން މާރަގަޅަށް ފުލުސް އޮފީހުންނާއި ޖުޑިޝަލް ސަރވިސަސް ކޮމިޝަނުންނާއި އަދި ރައީސް އޮފީހުގެ ލިޔެކިޔުން ތަކުން ސާފުވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.
އަބްދުﷲ ގާޒީ ހައްޔަރު ކުރީ ކޮންޓްރެކްޓަށް މީހަކު މެރުމުގައި ބައިވެރިވި ކަމުގެ ތުހުމަތުގައި - ނަޝީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ