ޔުމްނާ މައުމޫން މިއަދު ފުލުސް އޮފީހަށް ހާޒިރުކޮށްފި

ޕީޕީއެމްގެ އޮފީހުން ތަކެތި މަދުވި މައްސަލާގައި ކުރީގެ ރައީސް މައުމޫނުގެ ދަރިކަނބަލުން ޔުމްނާ މައުމޫނު މިއަދު ފުލުސް އޮފީހަށް ހާޒިރުކޮށްފި އެވެ.
މައުލޫމާތު ސާފުކުރުމަށް ކަމަށް ބުނެ, އެޑިއުކޭޝަން މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަނބަލުން ޔުމްނާ މައުމޫނަށް ޕޮލިހަށް ހާޒިރުވުމަށް އެންގުމާ ގުޅިގެން މިއަދު 11:30 ގައި ފުލުސް އޮފީހަށް ހާޒިރުވުމަށްފަހު ނުކުމެ ވަޑައިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޔުމްނާ ވިދާޅުވީ، އޭނާ ހާޒިރު ކުރީ ޕީޕީއެމް އޮފީހުން ތަކެތި ގެންދިޔަ އިރު ބައެއް އެއްޗެހި މަދުވެގެން ކޮންމެވެސް ފަރާތަކުން މައްސަލަ ހުށައަޅުއްވާފައި އޮތުމުން އެކަމާ ގުޅޭގޮތުން ސުވާލު ކުރުމަށް ކަމަށެވެ.
ޔުމްނާ ވިދާޅުވީ، އޮކްޓޫބަރު 28 ވަނަ ދުވަހު ހަވީރު ބަޔަކު ތަޅު ކީހާލައިގެން ވަންނަ ކަމުގެ މައުލޫމާތު ލިބިގެން އެތަނަށް ގޮސް، އެތާ ތިބި ފުލުހުންނާ ވާހަކަ ދައްކާފައިވާނެ ކަމަށެވެ. އަދި އެތަނުން ތަކެތި ނެރޭ ކަމަށް ވަންޏާ ދެފަރާތުން ތިބެގެން އެތަން ހުޅުވައި ތަކެތި ނެރުމަށް ފުލުހުންގެ ކިބައިން އެދިފައިވާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
އޭނާ ވިިދާޅުވީ، މިދިޔަ އަހަރުގެ އޮކްޓޫބަރު 27 އަދި 28 ވަނަ ދުވަހު ކަންހިނގައި ދިޔަ ގޮތް ފުލުހުންނަށް ކިޔައިދީފައިވާނެ ކަމަށާއި، ތަކެއްޗަށް ވީ ގޮތާ މެދު ސުވާލު ކުރުމުން އެތަކެއްޗަށް ވީ ގޮތް ކިޔައިދޭން ދަތިވާނެ ކަމަށް ފުލުހުންނަށް ދެންނެވިން ކަމަށެވެ.
"އަޅުގަނޑުމެންނަކަށް ނެތޭ ޒިންމާ ވެވޭކަށް ފުލުހުން އެތާ ތިއްބެވި އޭ. ދެން އެހެން ބަޔަކުއޭ އެތަނަށް ތަޅު ކީހާލައިގެން ވަދެ ތަކެތި ނެރެގެން ގެންދިޔައީ. އެހެންވީމަ ތަކެއްޗަށް ވީގޮތް އަޅުގަނޑުމެންނާ ސުވާލު ކުރެއްވީމަ އަޅުގަނޑުމެންނަށް ވަރަށް ދަތިވާނޭ ތަކެއްޗަށް ވީ ގޮތް ތިބޭފުޅުންނަށް ދަންނަވަން،" ޔުމްނާ ވިދާޅުވި އެވެ.
އެ މައްސަލަ ނުނިމޭ ކަމަށް ފުލުހުން ވިދާޅުވި ކަމަށާއި، އިތުރަށް މައުލޫމާތު ސާފުކުރަން ބޭނުން ވެއްޖެ ހިނދެއްގައި އަންގާނެ ކަމަށް ފުލުހުން ވިދާޅުވިކަމަށް ޔުމްނާ ވިދާޅުވިއެވެ.
ސަރުކާރާއި ރައީސް މައުމޫނާއި ވަރަށް ބޮޑަށް ހިޔާލް ތަފާތުވެފައިވަނިކޮށް ޔުމްނާ މައުމޫން ވަނީ ސަރުކާރުން އިސްތިއުފާދެއްވާފައެވެ. އަދި ރައީސް މައުމޫން ވަނީ ސަރުކާރަށް އޮތް ތާއީދު އަނބުރާ ގެންދަވާ ރައީސް އަބުދުﷲ ޔާމީން ވެރިކަން ކުރައްވަމުން ގެންދަވާ އުސޫލްތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވާން ފައްޓަވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ