ޓެރަރިޒަމާ އަނިޔާވެރި އަމަލުތައް ހިންގަނީ އަޅުކަމުގައި ﷲއާއި ކުއްތަން ނުވާ މީހުން: އަލްސުދައިސް

ޓެރަރިޒަމާއި އެނޫންވެސް އަނިޔާވެރި އަމަލުތައް ހިންގަނީ އަޅުކަންކުރުމުގައި މާތްﷲ އާއި ކުއްތަންވާންޖެހޭ މީންވަރަށް ކުއްތަން ނުވާ މީހުން ކަމަށް ދެ ހަރަމްފުޅު ބަލަހައްޓަވަމުން ގެންދަވާ ފަޟީލަތުއްޝައިޚް ޢަބްދުއްރަހްމާން އަލްސުދައިސް ވިދާޅުވެއްޖެއެވެ.
ޝައިލްޚް އަލްސުދައިސް މިމޭރުމުން ވިދާޅުވީ އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅުގައި މުސްލިމުންގެ ޘަޤާފީ މަރުކަޒުގައި ތަޤްރީރުކުރައްވަމުންނެވެ.
ޝައިޚް އަލްސުދައިސް ވިދާޅުވީ އިސްލާމް ދީނަކީ އެންމެ އޯގާތެރި ދީން ކަމަށެވެ. އެއްވެސް ނަސްލެއް އަދި ދީނެއް ތަފާތުކުރުމެއް ނެތި އެންމެހައި މީސްތަކުންނަށް އޯގާތެރިވުމުގެ ދީން ކަމަށެވެ. އެހެން ނަމަވެސް ބައެއް މީހުންނަށް އިސްލާމް ދީނުގެ ހަޤީޤަތް ނުއެނގެނީ ކަމަށެވެ.
ޝައިޚް އަލްސުދައިސް ވިދާޅުވީ މާތްﷲއަށް ބިރުވެތިވެހުރެ، މާތްﷲ އެންގެވި ގޮތުގައި މާތްﷲއަށް އަޅުކަންކުރާ މީހާ މާތްﷲ އެންމެ ބޮޑަށް ނަހީކުރައްވަވާފައިވާ ކަންކަން ނުކުރާނެ ކަމަށެވެ. "އެއްވެސް މީހެއްގެ ފުރާނަ، އަދުލުވެރި ޝަރީއަތަކާއި ނުލައި ދުއްވައިލުމަކީ މާތްﷲ އެންމެ ބޮޑަށް ނަހީ ކުރައްވަވާފައިވާ ކަންތައް. އެންމެ ގަދަ ފަދަ އަޒާބު ލިބޭނެ ކަންތައް. ވީމާ މިހަޤީޤަތްތައް ބަލައިގަނެގެން ނޫނީ ފުރިހަމަ މުސްލިމަކަށް ނުވާނެ."
ޝައިޚް އަލްސުދައިސް ވިދާޅުވީ މާތްﷲ ނަހީ ކުރައްވަވާފައިވާ ކަންކަން ކުރަން ހުއްދަ ކުރުމަކީ އެއްވެސް ބައަކަށް ނުވަތަ ޖަމާއަތަކަށް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. "އެހެންވީމާ ޖަމާއަތެއް ހަދައި ތަންތަން ގޮއްވުމާ މީހުން މެރުން ހުއްދަކުރެވޭނެ އެއްވެސް ގޮތެއް ނުއޮންނާނެ."
ދުނިޔޭގެ އާބާދީއަށް ބަލާއިރު މުސްލިމުންގެ ނިޞްބަތަކީ އެންމެ 6/1ކަން ފާހަގަ ކުރައްވަވައި ޝައިޚް އަލްސުދައިސް ވިދާޅުވީ މުސްލިމުންނަށް ކުރިއެރުން ލިބޭނީ، އަދި އިސްލާމް ދީނަށް މީސްތަކުން ލެނބުން އިތުރުވާނީ މުޖުތަމައުތަކުގެ މީހުންނާއި ގުޅި އެކުވެރިވެގެން އުޅެން މަސައްކަތްކުރި މިންވަރަކުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ