ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ވިލާ ޝިޕިންގ އަށް ދޫކުރި ކ. ބޮލިދިއްފަރާއި ކ. ވާވެއްދި ފަޅު ސަރުކާރުން އަތުލީ އެއްބަސްވުމާ ޚިލާފަށް ކަމަށް ކަނޑައަޅައި ސިވިލް ކޯޓުން ކުރި ހުކުމް ހައިކޯޓުން ބާތިލްކޮށްފި އެވެ.
ގާސިމްގެ ވިލާ ކުންފުނީގެ އަތުން ބޮލިދުއްފަރާއި ވާވެއްދި ފަޅު، 2013 ވަނަ އަހަރުގެ ޑިސެމްބަރު 12 ވަނަ ދުވަހު ސަރުކާރުން ނެގީ، ސަރުކާރާއި ވިލާ ރިޒޯޓްސްއާ ދެމެދު ސޮއިކޮށްފައިވާ އެމެންޑަޑް އެންޑް ރީ-ސްޓޭޓެޑް ލީޒް އެގްރިމަންޓާ ޚިލާފަށް ކަމަށް ކަނޑައަޅައި، އެ ނިންމުން ސިވިލް ކޯޓުން ބާތިލް ކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ.
ބޮލިދުއްފަރާއި ވާވެއްދި ފަޅުގެ މައްސަލާގައި ވިލާ ކުންފުންޏާ އެއްކޮޅަށް ސިވިލް ކޯޓުން ކުރި ހުކުމް ހައިކޯޓުން އަންގާރަ ދުވަހު ބާތިލް ކުރީ ދައުލަތުން އެ މައްސަލަ އިސްތިއުނާފު ކުރުމުންނެވެ.
އެ ދެ ފަޅު ވިލާ ކުންފުންޏަށް ދިނީ ލ. ކައްދޫގައި ޓޫރިސްޓް ހޮޓަލެއް އެޅުމަށް އެ ރަށުން ބިމެއް އދ. ފެންފުށީ، ފިނިވާގޭ، އަލީ އިބްރާހިމަށް ދީފައި ވަނިކޮށް، އެ ތަން ދޫކުރުމުގެ އެއްބަސްވުމާ ދައުލަތުން ޚިލާފްވުމުން އެކަމުގެ ބަދަލެއްގެ ގޮތުން 9.7 މިލިއަން ޑޮލަރު އޭނާ އަށް ދައްކަން ސުޕްރީމް ކޯޓުން ހުކުމް ކުރުމުން، އެ ފައިސާ ސަރުކާރުން އަލީ އިބްރާހިމަށް ދައްކަން ނުޖެހޭ ގޮތަށެވެ.
ސުޕްރީމް ކޯޓުން އެގޮތަށް ހުކުމް ކުރިއިރު، އެ ފައިސާ ދައްކަން ސަރުކާރަށް ދަތިވާތީ އާއި ކައްދޫ އިން ކުރިން ދިން ބިން ސަރުކާރުން ބޭނުން ވާތީ އަލީ އިބްރާހިމްގެ ފަރާތުން ގާސިމް މެދުވެރިއަކަށް ވެގެން ސަރުކާރާ އެކު މަޝްވަރާކޮށް، ނިންމީ ވިލާ ކުންފުނީގެ ރިސޯޓްތަކާއި ވިލާ އެއާ އިން ދައުލަތަށް ދައްކަންޖެހޭ ޓެކްސް ފައިސާ އެއިން އުނި ކުރުމާ އެކު ބޮލިދުއްފަރާއި ވާވެއްދިފަޅު އަލީ އިބްރާހިމަށް ދިނުމަށެވެ. އެ ދެ ފަޅު އަލީ އިބްރާހިމަށް ދިނުމުން އޭނާ ވަނީ އެ ތަން ވިލާ ކުންފުނީގެ ދަށަށް ބަދަލުކޮށްފަ އެވެ.
އޭގެ މުގާބިލުގައި އަލީ އިބްރާހިމާއި ވިލާ ކުންފުނި ވެސް ހިމެނޭ ގޮތަށް ސަރުކާރާ ދެކޮޅަށް އެފަދަ މައްސަލައެއްގައި ދައުވާއެއް ނުކުރަން ސަރުކާރުން ޝަރުތުކޮށް އެއްބަސްވުމެއް ހެދި އެވެ. ނަމަވެސް، އެއްބަސްވުން ނިމުމަކަށް ގެނެސް، އެ ދެ ފަޅު ސަރުކާތުން އަތުލީ ވިލާ ކުންފުނީގެ ހިއްސާ އޮންނަ ވޯލްޑް ލިންކް ޓްރެވަލް (ޑަބްލިއުއެލްޓީ) އިން ސަރުކާރާ ދެކޮޅަށް 127 މިލިއަން ޑޮލަރު (1.9 ބިލިއަން ރުފިޔާ) ހޯދަން ސިވިލް ކޯޓުގައި ދައުވާއެއް ކުރުމުންނެވެ.
ވިލާ ކުންފުނީގެ ފަރާތުން ވަކާލާތު ކޮށްފައިވަނީ، ޑަބްލިއުއެލްޓީ ކުންފުންޏަކީ އަލީ އިބްރާހީމާއި ސަރުކާރާ ދެމެދު ވެވުނު އެއްބަސްވުމުގައި ހިމެނޭ ފަރާތެއް ނޫން ކަމަށެވެ. އެހެންކަމުން ޑަބްލިއުއެލްޓީ އިން ދައުވާއެއް ކުރުމަކީ އަލީ އިބްރާހީމަށް ސަރުކާރުން ދިން ފަޅުތަކުގެ އެއްބަސްވުން އުވާލަންޖެހޭ ސަބަބެއް ނޫން ކަމަށް ވިދާޅުވެ ވިލާ ކުންފުނީގެ ވަކީލުން ވަކާލާތު ކުރައްވާފައި ވެއެވެ.
ނަމަވެސް، ހައިކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ، ޑަބްލިއުއެލްޓީ ކުންފުނީގައި ވިލާގެ 70 އިންސައްތަ ހިއްސާ އޮތް ކަމަށާއި އެހެންކަމުން ޑަބްލިއުއެލްޓީ ކުންފުންޏަކީ އަލީ އިބްރާހީމާ ގުޅުން ހުރި ފަރާތެއް ކަމަށް ބަލަންޖެހޭ ކަމަށެވެ. އަދި އެހެންކަމުން އެ ދެ ފަޅު ދޫކުރުމުގައި އަލީ އިބްރާހީމާއި ސަރުކާރާއެކު އެއްބަސްވި އެއްބަސްވުމާ ޚިލާފުވީ ކަމަށް ހުކުމުގައި ބުނެފައި ވެއެވެ.
ބޮލިދުއްފަރާއި ވާވެއްދި ފަޅުގެ މައްސަލާގައި ގާސިމާ އެއްކޮޅަށް ދަށު ކޯޓުން ކުރި ހުކުމް ހައިކޯޓުން ބާތިލް ކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ