ތޮއްޑޫގައި ވިލާ ގުރޫޕްގެ ޗެއާމަން ގާސިމް ބިނާކޮށްދެއްވި މަސްޖިދުލް އައިޝާ ހުޅުވައިފި

އއ. ތޮއްޑޫގައި ވިލާ ގުރޫޕްގެ ޗެއާމަން ގާސިމް އިބްރާހީމްގެ ދެކަނބަލުން ބިނާކޮށްދެއްވި މިސްކިތް "މަސްޖިދުލް އާޢިޝާ" މިއަދު ހުޅުވައިފި އެވެ.
މި މިސްކިތަކީ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމްގެ އަމިއްލަފުޅު ހަރަދުގައި ބިނާކޮށްދެއްވާފައިވާ މިސްކިތެކެވެ.
މިއަދުގެ މެންދުރު ނަމާދު ވަގުތާ ދިމާކޮށް މި މިސްކިތް ހުޅުވައިދެއްވީ ގާސިމް އިބްރާހިމް އަނބިކަނބަލުން އައިޝާގެ ބައްޕަ އެެވެ.
މިސްކިތް ހުޅުވުމަށްފަހު މިސްކިތުގައި އިމާމުވެ މެންދުރު ނަމާދުކޮށްދެއްވީ އައްޝައިހް އިލްޔާސް ހުސައިން އެވެ. އަދި މެންދުރު ނަމާދަށްފަހު އެ މިސްކިތުގައި ވަނީ ދީނީ ދަރުސެއް ބާއްވާފަ އެވެ. މީގެ އިތުރަށް ތޮއްޑޫ ރައްޔިތުންނަށް ގާސިމް އިބްރާހިމް ދެއްވާ ރޯދަ ވީއްލުމެއް މިއަދު ތޮއްޑޫ ސުކޫލުގައި ބޭއްވުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.
މިސްކިތް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ގާސިމް އިބްރާހިމް ވިދާޅުވީ އެމަނިކުފާނުގެ ހަމައެކަނި އެދުމަކީ މިސްކިތް ފަޅުފިލުވައިދެއްވައި ހުރިހާ ރައްޔިތުންވެސް ދީނީ ކަންކަމަށް އިސްކަންދިނުން ކަމަށެވެ.
ދިވެހި ރައްޔިތުންގެ ތަރައްގީއަށް އެކި ދާއިރާތަކުން އަބަދުވެސް ދީލަތި ކަމާއި އެކު އެހީތެރިކަން ފޯރުކޮށްދެއްވަމުން ގެންދަވާ ގާސިމް އިބްރާހިމް ބިނާކޮށްދެއްވި މި މިސްކިތަކީ 1800 މީހުންގެ ޖާގައިގެ މިސްކިތެކެވެ.
ފިރިހެނުންނާއި އަންހެނުންނަށްވެސް ނަމާދު ކުރެވޭގޮތަށް މި މިސްކިތް ބިނާކޮށްފައިވަނީ އެންމެ ޒަމާނީ ފެންވަރަށް ފުލް ކޮންކްރީޓްކޮށް މާބްލްސް އާއި ގްލާސް އެލްމެނިއަމް ބޭނުންކޮށްގެންނެވެ.
މިސްކުތުގައި އެއްފަހަރާ 50 އަށް ވުރެ ގިނަ މީހުންނަށް ވުޟޫ ކުރެވޭނެ އިންތިޒާމްވެސް ވަނީ ހަމަޖައްސާފަ އެވެ.
ރަމަޟާން މަހާއި ދިމާކޮށް މިސްކިތް މިއަދު ހުޅުވިގެން ދިޔަ ނަމަވެސް މި މިސްކިތް ރަސްމީކޮށް ހުޅުވުމަށް ހަމަޖެހިފައިވަނީ މައްކާގެ ޙަރަމްފުޅުގެ އިމާމަކު ގެނެސްގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ