ގާޒީ ނިހާޔަތު ސަސްޕެންޑް ކޮށްފި

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަމުންދާ މައްސަލައަކާއި ގުޅިގެން ސިވިލް ކޯޓުގެ ގާޒީ މަރިޔަމް ނިހާޔަތު ވަޒީފާއިން ސަސްޕެންޑް ކޮށްފި އެވެ.
ޖޭއެސްސީގެ ވެބްސައިޓުގައި މިއަދު އާންމުކޮށްފައިވާ ބަޔާނެއްގައި ބުނެފައިވަނީ ޖޭއެސްސީއަށް ހުށަހެޅިފައިވާ ނިހާޔަތާ ގުޅުންހުރި މައްސަލަ ބަލަމުންދާތީ އޭނާ ވަޒީފާ އިން ނުނިކުމެ މަޑުކުރެއްވުމަށް އެންގީ މިއަދު ކަމަށެވެ.
ކޮމިޝަނުން މިގޮތަށް ނިންމީ ނިހާޔަތާ ގުޅޭގޮތުން ލިބިފައިވާ ޝަކުވާއާއި، އޭނާ ތަހުގީގަށް ދީފައިވާ ބަޔާނާއި، ޝަކުވާގެ ބާވަތަށާއި، މިހާތަނަށް ތަހުގީގަށް ލިބިފައިވާ މައުލޫމާތުތަކުގެ މައްޗަށް ބެލުމަށްފަހު ކަމުގައިވެސް ކޮމިޝަނުން ބުންޏެވެ.
"ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނުގެ 38 ވަނަ މާއްދާގެ (ރ) ގެ ދަށުން ތަހުގީގު ކޮމިޓީން މި މައްސަލައިގެ ތަހުގީގު ފުރިހަމަކޮށް، އެ ކަމުގެ ރިޕޯޓު ކޮމިޝަނަށް ހުށަހަޅައި ގާނޫނުގައިވާ ގޮތުގެ މަތީން ލިބިދެވެންޖެހޭ ފުރުސަތުތަކަށްފަހު ކޮމިޝަނުން ވަކިގޮތެއް ކަނޑައަޅަންދެން ސިވިލް ކޯޓުގެ ގާޒީ އަލްއުސްތާޒާ މަރިޔަމް ނިހާޔަތު މިއަދުން ފެށިގެން ވަޒީފާއަށް ނުނިކުމެ މަޑުކުރުމަށް ކޮމިޝަނުން ނިންމި އެވެ،" ޖޭއެސްސީގެ ވެބްސައިޓުގައިވެ އެވެ.
ނިހާޔަތުގެ މައްސަލައެއް ބަލަމުންދާ ކަމަށް ޖޭއެސްސީ އިން ބުނި ނަމަވެސް އެއީ ކޮން މައްސަލައެއް ކަމެއް ސާފުވެފައެއް ނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ