ސުޕްރީމް ކޯޓްގެ ފަނޑިޔާރުން ވަކިކުރުމަށް މެމްބަރުން ގޮވާލައިފި
ރާއްޖޭގެ އެންމެ މަތީ ކޯޓު، ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން މިއަދު ގޮވާލައްވައިފި އެވެ. ސުޕްރީމް ކޯޓުން މިދިޔަ ހޯމަ ދުވަހު ވަނީ، މަޖިލީހަށް ވެސް ރައްދުވާ ގޮތަށް އަމުރެއް ނެރެފަ އެވެ. އެ އަމުރުގައި ބުނެފައިވަނީ، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމާފައިވާ އެއްވެސް ނިންމެއްގެ މައްޗަށް ބިނާކޮށް ރައްޔިތުންގެ މަޖިލީހާއި އެ މަޖިލީހުގެ އެއްވެސް ކޮމިޓީއަކުން ނަމަވެސް ނިންމާ ކޮންމެ ނިންމުމެއް ބާތިލް ވާނެ ކަމަށެވެ. އެ އަމުރާ ގުޅިގެން މަޖިލީހުގެ ރިޔާސަތު ހުށަހައްޅުއްވާ މައްސަލައެއްގެ ގޮތުގައި މަޖިލިސް ރައީސް ރައީސް މުހައްމަދު ނަޝީދު މިއަދު މަޖިލީހުގެ ތަޅުމަށް މައްސަލައެއް ހުށަހެޅުއްވި އެވެ. މައްސަލައިގެ ބަހުސްގައި އެމްޑީޕީ މެމްބަރުންނާއި ބައެއް އަމިއްލަ މެމްބަރުން ވަނީ ސުޕްރީމް ކޯޓުގެ އެ އަމުރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަ ދައްކަވާފަ އެވެ. ބައެއް މެމްބަރުން ވިދާޅުވި ގޮތުގައި، ސުޕްރީމް ކޯޓުގެ އަމުރަކީ، ރައްޔިތުންގެ މަޖިލީހުގެ ބާރު ކަނޑުވާލުމުގެ ގޮތުން ނެރެފައިވާ ގާނޫނާ ހިލާފު އަމުރެއް ކަމަށެވެ. މައްސަލައަށް ބަހުސް ކުރައްވާ މެދު ހެންވޭރު ދާއިރާ މެމްބަރު އަލީ އާޒިމް ވިދާޅުވީ، ސުޕްރީމް ކޯޓުން ހޯމަ ދުވަހު ނެރުނު އަމުރަކީ ރައްޔިތުންގެ ބާރު ކަނޑުވާޅުމަށް ގާނޫނު އަސާސީއާ ހިލާފަށް ނެރުނު ޢައިރު ގާނޫނީ އަމުރެއް ކަމަށެވެ. އަލީ އަޒިމް ވަނީ މަޖިލީހުގެ ތަޅުމަށް ތިން ހުށަހެޅުމެއް ހުށަހަޅުއްވާފައެވެ. ފުރަތަމަ ހުށަހެޅުމަކީ ސުޕްރީމް ކޯޓުން އަމުރު ނެރުނު ފަނޑިޔާރުންގެ މައްސަލަ ޖޭއެސްސީން ބަލެމަށްފަހު ފިޔަވަޅު އެޅުމަށް މަޖިލީހަށް ފޮނުވުމަށާއި ޖޭއެސްސީގެ ގާނޫނާ އެއްގޮތަށް އެ ފަނޑީޔާރުން ފަނޑިޔާރުކަމަށް ޝަރުތު ހަމަތޯ ބެލުމަށާއި އަދި ފަނޑީޔާރުންގެ ކޮރަޕްޝަންގެ މައްސަލައެއް އުޅޭ ނަމަ އެކަން ވެސް ބެލުމަށެވެ. ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް: އޭނާ މިއަދު ސުޕްރީމް ކޯޓާ ގުޅޭގޮތުން ތިން ހުށަހެޅުމެއް ހުށަހެއްޅުވި --- ފޮޓޯ/ މަޖިލިސް އަލީ އާޒިމްގެ ހުށަހެޅުމަށް ގިނަ މެމްބަރުން ތާއިދު ކުރިއެވެ. އަލީ އާޒިމްގެ ހުށަހެޅުމަށް ތާއީދުކޮށް މޫސާ ސިރާޖު ވިދާޅުވީ، ސުޕްރީމް ކޯޓަށް ގާނޫނުން ލިބިދޭ ބާރުގެ ބޭރުން އެތަށް ކަމެއް ކުރަމުންދާ ކަމަށެވެ. އެގޮތުން ސުޕްރީމް ކޯޓުގެ މަސްލަހަތު ހިމެނޭ ކޮންމެ މައްސަލައެއްގެ ތެރެއަށް ސުޕްރީމް ކޯޓުން އަމިއްލަ އިސްނެންގެވުމާއެކު ވަންނަމުންދާ ކަމަށް ސިރާޖު ފާހަގަ ކުރެއްވި އެވެ. "އަޅުގަނޑުމެންނަށް ފެނިގެން މިދާނީ ހުރިހާ ކަމެއްގައި ސިޔާސީ ޖަގަހައެއްގެ ގޮތުގައި ސުޕްރީމް ކޯޓު އޮޕަރޭޓްވަމުންދާ ތަން. އެކަން ހުއްޓުވަން ޖެހޭ.،" ސިރާހު ވިދާޅުވިއެވެ. ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބުގައި ސަރުކާރުން ރައްޔިތުންނަށްވި އެންމެ ބޮޑު ވައުދަކީ، ޝަރުއީ ދާއިރާ އިސްލާހު ކުރުމަށާއި އަދުލު އިންސާފު ގާއިމުކުރުމުގެ ވައުދު ކަމަށެވެ. ސިރާޖު ވިދާޅުވީ، ސުޕްރީމް ކޯޓުގައި ތިއްބެވި ފަނޑިޔާރުން ވަކޮށްގެން ނޫނީ ޝަރުއީ ދާއިރާ އިސްލާހު ނުވާނެ ކަމަށެވެ. "އަޅުގަނޑުގެ ނަޒަރުގައި ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުން މިހާރަށް މިހާރަށް ވަކި ކުރަން ޖެހޭ. އެކަން ކޮށްގެން ނޫނީ އަޅުގަނޑުމެންނަށް އަދުލުވެރި އިންސާފުވެރި ފަނޑިޔާރުގެއެއް ނުލިބޭނެ،" މޫސާ ސިރާޖު ވިދާޅުވިއެވެ. ފޮނަދޫ ދާއިރާގެ މެމްބަރު މޫސަ ސިރާޖު: އެނާ ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރުމަށް ގޮވާލާފައި --- ފައިލް ފޮޓޯ މާފަންނު އުތުރު ދާއިރާ މެމްބަރު އިމްތިޔާޒު ފަހުމީ ވިދާޅުވީ، މީގެ ކުރިންވެސް ސުޕްރީމް ކޯޓުން "މާފިއާ އެއް ގޮތަށް" މަސައްކަތް ކޮށްގެން 18 ރައްޔިތުންގެ މަޖިލީހުގެ ބާރު ކަނޑުވާލި ކަމަށާއި އޭރު ދޫދިން ނަމަވެސް މިފަހަރު އެ ފުރުސަތު އެ ކޯޓަށް 19 މަޖިލީހުން ދީގެން ނުވާނެ ކަމަށެވެ. "ރައްޔިތުން އިންތިހާބުކޮށްފައިވާ ބާރުތަކުގެ މައްޗަށް އެންމެ ދެތިން މީހަކު ތިބި ބެގެން ޑިމަކްރަސީގެ އުސޫލުތަކާ ހިލާފު މުއަސަސާއަކުން ޢައިރު ގާނޫނީ އަމުރު ކުރުމުގެ ފުރުސަތު ދީގެން ނުވާނެ. އެކަން ބަދަލު ކުރަން ޖޭހެނެ. ފިލާވަޅެއް ދޭން ޖެހޭނެ،" އިމްތިޔާޒު ވިދާޅުވިއެވެ. ބަހުސްގައި ވާހަކަ ދައްކަވަމުން ތުޅާދޫ ދާއިރާ މެމްބަރު ހިސާން ހުސައިން ދިގު ގާރާރެއްވެސް މަޖިލީހަށް ހުށަހެޅިއެވެ. ހިސާން ހުށަހެޅުއްވި ގަރާރުގައި ބުނެފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ ބާރުތަކާއި އެހެން ވެސް މުއައްސަސާތަކުގެ އިމަށް ސުޕްރީމް ކޯޓުން އަރައިގަންނަ ނަމަ، އެކަމުގައި އެކަށީގެންވައި ފިޔަވަޅު ރައްޔިތުން މަޖިލީހުން ސުޕްރީމް ކޯޓާ މެދު އަޅުމަށެވެ. އެ ގަރާރަށް ބަހުސްގައި ވާހަކަ ދެއްކެވި ގިނަ މެމްބަރުން ތާއީދު ކުރެއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ