ތިން ރައީސުން އަޅުގަނޑު ބުނި ގޮތް ހެދި، ޔާމީނެއް ނުހެދި – އަބްދުﷲ ސައީދު

ރާއްޖޭގައި ވެރިކަން ކުރެއްވި ތިން ރައީސުން ވެސް އޭނާ އެބޭފުޅުންނަށް ދެއްވި ލަފާގަބޫލުކޮށް އޭނާ ވިދާޅުވި ގޮތައް ކަންތައް ކުރެއްވި ކަމަށާއި ނަމަވެސް ކުރީގެ ރައީސް ޔާމީން އޭނާ ވިދާޅުވި ގޮތައް ކަންތައް ނުކުރެއްވި ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ވިދާޅުވެއްޖެއެވެ.
އަބްދުﷲ ސައީދު މިހެން ވިދާޅުވެފައި ވަނީ މިހާރު ލީކް ވެގެން އުޅޭ އޭނާގެ އޯޑިއޯ ގައެވެ.
މިދިޔަ އަހަރުގެ ފެބްރުއަރީ މަހު 01 ވަނަ ދުވަހު ނެރުއްވި އަމުރާއި ގުޅިގެން މިހާރު ވެސް ގޭބަންދުގައި ހުންނެވި އަބްދުﷲ ސައީދުގެ ލީކްވެފައިވާ އޯޑިއޯގައި އޭނާ ވިދާޅުވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމާއި ކުރީގެ ރައީސް މުހައްމަދު ވަހީދު އޭނާ ވިދާޅުވި ގޮތް ހެއްދެވި ކަމަށެވެ. އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް "މުޅިއަކުން އަޅުގަނޑު ބުނި ގޮތް ނުހަދަނީއެއް ނޫން" ކަމަށެވެ.
އަބްދުﷲ ސައީދުގެ އޯޑިއޯގައި އޭނާ ވިދާޅުވަނީ ޔާމީންގެ ވެރިކަން ވެއްޓުނީ އޭނާ ބުނި ގޮތް ނުހެދުމުން ކަމަށެވެ.
"އަޅުގަނޑު ބުނީ ސަރުކާރުން ޕޮލިޓިކަލް ޑެޑްލޮކް ދޫކޮށްލަން. އެއީ މަށަކީ އެކަޑަމިކަލީ އެކަންތައް ދަސްކޮށްފައި ހުރި މީހެއް." އަބްދުﷲ ސައީދު އޯޑިއޯގައި ވިދާޅުވެއެވެ.
އޯޑިއޯގައި އަބްދުﷲ ސައީދު ވިދާޅުވަނީ "ބުނި ގޮތް ހެދިނަމަ ޔާމީން ސަލާމަތްވާނެ" ކަމަށެވެ.
"ކަންތައް އަޅުގަނޑުމެން ބުނާ ގޮތައް ކުރީމަ ވާނީ. މައުމޫން ވެސް ކުރި އިރު ކުރާނެ. ވަހީދު ވެސް ކުރޭ. ނަޝީދު ވެސް ނުކުރެއެކޭ ނޫން މުޅިއަކުން. އަޅުގަނޑު ބުނާ ގޮތް ހެދު ނަމަ ޔާމީން ސަލާމަތްވާނެ." އަބްދުﷲ ސައީދު ވިދާޅުވެއެވެ.
އަބްދުﷲ ސައީދު ވިދާޅުވި ގޮތުގައި އީވާން ނަސީމް މަރުވި މައްސަލައިގައި ރިޔާސީ ކޮމިޝަނެއް އޭރުގެ ރައީސް މައުމޫން ހެއްދެވީ ވެސް އޭނާ ލަފާދެއްވެވުމުންނެވެ.
"އަޅުގަނޑު އީވާން ނަސީމް މައްސަލައިގައި ވެސް މައުމޫނަށް ލަފާ ދިނީ ހަމަ ވަގުތުން ރިޔާސީ ކޮމިޝަނެއް ހަދާފައި މިވެނި ދުވަހެއްގެ ތެރޭގައި ޝަރީޢަތް ނުކޮށްފިޔާ ވެރިކަން ވެއްޓޭނެއޭ. ރައީސް މައުމޫން އަޅުގަނޑުމެން ބުނި ގޮތް ހެދީމައޭ ނުވެއްޓުނީ. މަށަކީ ތަޙްޤީޤު ކޮމެޓީގައި އިން މީހެއް. އަޅުގަނޑު ތަޙްޤީޤު ކޮމެޓީގައި އިނީމާ ނޫންތޯ ބަޔާންތައް ނެގި އިރުވެސް ބުނީ ހާދަ އަދަބުވެރިއޭ. އެޓާނީ ޖެނެރަލް އޮފީސް އިން ވެސް ބުނީ ވާއޮ، ވާއޮ އޭ." އަބްދުﷲ ސައީދުގެ އޯޑިއޯގައި އޭނާ ވިދާޅުވެއެވެ.
(ތަފްސީލް އަންނަނީ)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ