ރައްޔިތުން އޭނާ ހޮވާނެ ކަމަށާއި އެމްޑީޕީއަކީ އޭނާގެ ވެސް ޕާޓީ ކަމަށާއި އެޕާޓީން އޭނާއާ ދެކޮޅަށް އެއްވެސް ފިޔަވަޅެއް އަޅުއްވާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް ކާށިދޫ ދާއިރާގެ ކުރީގެ މެންބަރު، އަދި ރައީސް ސޯލިހުގެ ސްޕެޝިއަލް އެންވޯއީ އަބްދުﷲ ޖާބިރު ވިދާޅުވެއްޖެ އެވެ.
"ވަން އޮންލައިން"އަށް ދާދި ދެންމެ ދެއްވި އިންޓަވިއުއެއްގައި ޖާބިރު ވިދާޅުވީ ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުއްވީ ވަރަށް ގިނަ ރައްޔިތުންގެ އެދުމުގެ މަތީން ކަމަށާއި ކޯޓު ހުކުމަކާ ގުޅިގެން ޕާޓީން ފިޔަވަޅެއް އަޅުއްވާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.
"އަޅުގަނޑު މި ހުރިހާ ކަމެއް ވެސް މި ކުރަނީ ރައްޔިތުން ސިދާ ބޭނުންވާ ގޮތަށް. ކާށިދޫ ދާއިރާ ސިޓީއެއްގެ ފެންވަރަށް ތަރައްގީ ވެގެން ދިއުމަކީ އެތަނުގެ ހުރިހާ ރައްޔިތުން އެދޭ ގޮތް. އެކަން އިރާދަކުރެއްވިއްޔާ އެގޮތަށް ވާނެ." ޖާބިރު ވިދާޅުވި އެވެ.
ޖާބިރު ވިދާޅުވީ، ރައްޔިތުން އެދޭ ކަންކަން ކުރެވޭނީ އެކަންކަން ކުރެވޭ ފަދަ ގާބިލުކަމާއި ތަޖުރިބާ ވެސް ހުރެގެން ކަމަށާއި އެކަން އަމިއްލަފުޅު ވިޔަފާރީގައި ދައްކަވާފައިވާނެ ކަމަށެވެ. ރައްޔިތުން ވެސް އެދެނީ އެފަދަ ތަޖުރިބާއާއި ގާބިލުކަން ހުރި މެންބަރުންނަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ރައްޔިތުންނަށް ކަންކަން ކޮށްދެވޭނީ އެކަން ކޮސް ތަޖުރިބާ ހުރި ކަންކަން އެނގޭ މީހުންނަށް. އަޅުގަނޑު ވާނީ އަމިއްލަ ވިޔަފާރީގައި އެކަން ދައްކައިދީފަ. އެކަންކަން ރައްޔިތުން ވެސް ބަލައިގަނޭ." ޖާބިރު ވިދާޅުވި އެވެ.
ސިންތިޚާބު ތަކާ ބެހޭ ގާނޫނު ކުރީން އޮތް ގޮތުން ޕްރައިމަރީން ބަލިވެއްޖެ ނަމަ، އެ ކެންޑިޑޭޓަކަށް އިންތިޚާބުގައި ވާދައެއް ނުކުރެވޭނެ އެވެ. އެހެން އެކަން އޮތުމުން އެއީ ގެއްލޭ އަސާސީ ހައްގެއް ކަމަށާއި ގާނޫނު އަސާސީގެ ރޫހާ ވެސް ޚިލާފު ކަމެއް ކަމަށް ވިދާޅުވެ ޖާބިރު އަދި އެހެން ބައެއް ބޭފުޅުން އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން ވަނީ އެ އިންތިޚާބުތަކާ ބެހޭ ގާނޫނުގެ އެ މާއްދާ ބާތިލުކޮށްފަ އެވެ.
އެހެން ކަމުން މިހާރު އޮތް ގޮތުން ޕްރައިމަރީން ބަލިވި މީހުންނަށް ވެސް މި ފަހަރުގެ މަޖިލިސް އިންތިޚާބުގައި ވާދަކުރެވޭނެ އެވެ.
ރައްޔިތުން އަޅުގަނޑު ހޮވާނެ، އެމްޑީޕީއަކީ އަޅުގަނޑުގެވެސް ޕާޓީ، ފިޔަވަޅެއް ނާޅާނެ: ޖާބިރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ