ނެއްލައިދޫ އިންޖީނުގެއަށް ގެއްލުން ދިނުމަށްފަހު ކަރަންޓް ކަނޑާލި ކަމަށް ފެނަކައިން ބުނެފި

ހދ. ނެއްލައިދޫ އިންޖީނުގެއަށް ބަޔަކު ވަދެ ގެއްލުން ދިނުމަށްފަހު ރަށުން ކަރަންޓް ކަނޑާލި ކަމަށް ފެނަކައިން ބުނެފިއެވެ.
ފެނަކައިން މިއަދު ނެރުނު ބަޔާނުގައި ބުނީ ނެއްލައިދޫ އިންޖީނުގޭގައި ހުރި 160 ކިލޯވޮޓްގެ ދެ ޖަނަރޭޓަރު ސެޓާއި 120 ކިލޯވޮޓްގެ ޖަނަރޭޓަރު ސެޓުން ކަރަންޓް ދެމުންދަނިކޮށް މަދު ބަޔަކު އިންޖީނުގެއަށް ވަދެ ކޮންޓްރޯލް ރޫމުގެ ދޮރުފަތް ހަލާކުކޮށް، ތިން ޖަނަރޭޓަރު ސެޓުން ނިއްވައިލާ ރަށުން ކަރަންޓް ކަނޑާލާފައިވާ ކަމަށެވެ.
އަދި މުވައްޒަފުންނަށް ބިރުދައްކައި ނުނިކުމެވޭނެހެން ދޮރުތައް ބަންދުކޮށްފައިވާ ކަމަށް ފެނަކައިގެ ބަޔާނުގައިވެއެވެ.
ބަޔާނުގައި ބުނެފައިވަނީ ނެއްލައިދޫގައި ކަރަންޓްގެ ހާލަތު ރަގަޅުކުރުމަށް މިދިޔަ މަހުގެ ފަހުކޮޅު 120 ކިލޯވޮޓްގެ ޖަނަރޭޓަރު ސެޓެއް ގެންގޮސް އިންސްޓޯލްކޮށްފައިވާ ކަމަށެވެ.
އަދި 160 ކިލޯވޮޓްގެ ޖަނަރޭޓަރު ސެޓްތައް އޯވަހޯލް ކުރުމަށް ބޭނުންވާ ސްޕެއާތައް ފޮނުވައި އެމަސައްކަތް މިހަފްތާ ތެރޭގައި ކުރުމަށް ނިންމާފައިވާ ކަމަށް ފެނަކައިން ބުނެފައިވެއެވެ.
މީގެއިތުރުން މިދުވަސްވަރަކީ ހޫނުގަދަ ދުވަސްވަރަކަށްވާތީ ހޫނުގަދަވުމުން ޓެމްޕަރޭޗަރު މަތިވުމުގެ ސަބަބުން މެންދުރު ގަޑީގައި ނެއްލައިދޫން ކަރަންޓް ކެނޑެމުންދާ ކަމަށާއި އެމައްސަލައަކީ އެކުންފުނިން ބަލަހައްޓާ ގިނަ ރަށްރަށަށް މިދުވަސްވަރު ޓެމްޕަރޭޗަރު ހުރި ގޮތުން ދިމާވާ ކަމެއްކަމަށް ފެނަކައިން ބުނެފައިވެއެވެ.
އެކުންފުނިން ބުނީ ހިދުމަތް އިއާދަކުރުމާއި ހިދުމަތް މެދުކެނޑުނަ ނުދިނުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ކުރަމުންދާނެ ކަމަށެވެ.
ފެނަކައިގެ ބަޔާން ދޮގުކޮށް ނެއްލައިދޫ ކައުންސިލުގެ ރައީސް އިބްރާހީމް ނާޒިމު ވިދާޅުވީ ކައުންސިލުން އިންޖީނުގެއަށް ދިޔަ ފަހުން މުޒާހަރާގެ ބައިވެރިން އިންޖީނުގޭ ތެރެއަށް ވަދެފައި ނުވާ ކަމަށާއި، ނަމަވެސް އޭރު ކަރަންޓު ނެތް ކަމަށެވެ.
ދޮރަށް ގެއްލުންދިން ކަމަށް ބުނާ މައްސަލައިގައި އެއްޗެއް ވިދާޅުވާން އެނގިނުލައްވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ދޮރުތައް ބަންދުކޮށް މުވައްޒަފުން ބައްދުކޮށްފައިވާ ކަމަށް ފެނަކައިގެ ބަޔާނުގައި ބުނާ ބުނުންވެސް އޭނާ ދޮގު ކުރެއްވިއެވެ.
އެގޮތުން ކައުންސިލުން ދިޔައިރު މުވައްޒަފުން ތިބީ އެތެރޭގައި ނޫން ކަމަށާއި މުވައްޒަފުން ބަންދު ކުރިކަމަށް ބުނާ ބުނުމަކީ ހަގީގަތެއް ނޫންކަމަށް ނާޒިމް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ