ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ތެރޭގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް ފަދަ ބޭފުޅެއް ނެތް ކަމަށް އެމަނިކުފާނުގެ އަނބިކަނބަލުން އަދި ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.
އދ.މާމިނގިލީ ގައި ރޭ ބޭއްވި ކެމްޕޭން ޖަލްސާއެއްގައި ވާހަކަދައްކަވަމުން ނަހުލާ ވިދާޅުވީ އާއިލާއަށްޓަކާ ދޭންޖެހޭ ވަގުތު ވެސް ގާސިމް ވަނީ ރައްޔިތުންނަށްޓަކާ ގުރުބާން ކުރައްވާފައި ކަމަށާއި އެފަދަ ދެވަނަ ކެންޑިޑޭޓެއް މާމިނގިލީ ދާއިރާގެ އިތުރުން މަޖިލިސް އިންތިހާބަށް ކުރިމަތިލައްވާފައިވާ ހުރިހާ ބޭފުޅުންގެ ތެރޭގައި ވެސް ނެތް ކަމަށެވެ.
"އަޅުގަނޑު ދަންނަވާލަން އޮތީ މިފަދަ ދެވަނަ ކެންޑިޑޭޓެއް މި ދާއިރާ ކީއްކުރަން ހޮވާލާފައި ކުރިމަތިލާފައި ތިބި ހުރިހާ ބޭފުޅުންނަށް ގޮން ޖައްސަވާފައި މި ދަންނަވަނީ ލާހިކެއް ނޫން ނެރޭކަށް. މިފަދަ ދެވަނަ ޖަވާހިރެއް ނުލިބޭނެ. ހެޔޮހިތުން ރުހުމާއެކު ތިބޭފުޅުން ވޯޓު ލައްވަވައިގެން މި ނިއުމަތުން މަހުރޫމު ނުވެ އަވަހަށް ގާސިމް ހޮއްވަވާ ދެއްވާ" ނަހުލާ ވިދާޅުވިއެވެ.
ހިތްތިރިކަމާއި އޯގާތެރިކަން އެ ބަސް އައީވެސް ގާސިމްގެ ފަރާތުން ކަމަށާއި އަދި މީހުންނަށް އެހީތެރިވުމާއި އޯގާތެރިވުމާއި މީހުން ދެކެ ލޯބިވުން ދަސްވެ ހާލުގައި ޖެހިފައިވާ މީހުން ފެނުމުން ކުރާ އަސަރު އޭނާއަށް އިހުސާސްވީ ގާސިމްގެ ފަރާތުން ކަމަށްވެސް ނަހުލާ ވިދާޅުވިއެވެ.
އަދި ގާސިމްގެ ފަހަތުގައި ނިކުންނަން އޭނާއަށް ވުރެ ބޮޑު ހައްގުކަމެއް ލިބިގެންވާ އިތުރު ފަރާތެއް ނެތް ކަމަށާއި ކޮންމެ ކަމެއް ކޮންމެ ގޮތަކަށް އޮތް ނަމަވެސް ގާސިމްއާ ވަކިނުވާނެ ކަމަށްވެސް ނަހުލާ ވިދާޅުވިއެވެ.
"އަޅުގަނޑަށް ވަރަށް ފާޑުފާޑުގެ އަޑުއަޑު އިވޭ. އެކަމަކު އަޅުގަނޑަކީ ޖަހާހާ ބެރަކަށް ނަށާ މީހެއް ނޫންކަން ދަންނަވަން. އަޅުގަނޑަށް ވާހަކަ ދައްކަން އުނދަގޫ ވެދާނެ. ޕޯޑިއަމަކަށް އެރީމަ ދެފައިކޮޅު ތުރުތުރު ވެސް އަޅާފާނެ. އެކަމަކު ބަސް ހުސްނުވާނެ ވާހަކަ ދަންނަވަން" ނަހުލާ ވިދާޅުވިއެވެ.
ގާސިމް ފަދަ ޖަވާހިރެއް ކެންޑިޑޭޓުންގެ ތެރޭގައި ނެތް: ނަހުލާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ