ރައީސް މައުމޫން، ޑރ. މަހާތިރްއާ ބައްދަލުކުރައްވައިފި

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް، މެލޭޝިއާގެ ބޮޑުވަޒީރ ޑރ. މަހާތިރް ބިން މުހައްމަދާއި ބައްދަލުކުރައްވައިފިއެވެ. ރައީސް މައުމޫން މެލޭޝިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މަހާތިރްއާ ބައްދަލުކުރެއްވި މިއަދުއެވެ.
އެ ބައްދަލުކުރެއްވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފަރާތްޕުޅުން ބޮޑުވަޒީރު މަހާތިރް ރާއްޖެ ވަޑައިގެންނެވުމަށް އެދި ދެއްވި ދައުވަތުގެ ސިޓީފުޅު ރައީސް މައުމޫން ވަނީ މަހާތިރްގެ އަތްޕުޅަށް އައުވާފައިވެއެވެ.
އޭގެ އިތުރުން އެ ބައްދަލުވުމުގައި ރައީސް ސޯލިހުގެ އެދިވަޑައިގަތުމުގެ މަތިން، ދިވެހިންނަށް ދަތިވެފައިވާ ވިސާގެ މައްސަލަ ރައީސް މައުމޫން މަހާތިރާއި ހިއްސާކުރެއްވިއެވެ. އަދި އެކަމުގެ ޑިޕްލޮމެޓިކް ޗެނަލްއިން މަސައްކަތްކޮށް އަވަސް ހައްލެއް ލިބިވަޑައިގަންނަވާނެކަމަށް އުއްމީދު ކުރައްވާކަމަށް ރައީސް މައުމޫން މަހާތިރްގެ އަރިހުގައި ދެންނެވިއެވެ.
މަހާތީރާއި ރައީސް މައުމޫން މިއަދު ބައްދަލުކުރެއްވިއިރު މިއީ މިދިޔަ މެއި މަހުގެ ތެރޭގައި އަލުން މެލޭޝިއާގެ ބޮޑުވަޒީރު ކަމާ މަހާތީރު ހަވާލުވެވަޑައިގެންނެވި ފަހުން ދެބޭފުޅުން ބައްދަލުކުރައްވާ ފުރަތަމަ ފަހަރެވެ.
ބާވީސް އަހަރު ވަންދެން މެލޭޝިއާގެ ބޮޑުވަޒީރުކަން ކުރެއްވި އުމުރުފުޅުން 92 އަހަރުގެ މަހާތީރު މެލޭޝިއާގެ ބޮޑުވަޒީރުކަމަށް އިންތިހާބު ވިއިރު މައުމޫން ހުންނެވީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ޖަލުގައެވެ.
ރައީސް މައުމޫނާއި މަހާތީރް މިއަދު ބޭއްވި ބައްދަލުކުރެއްވުމުގައި ރާއްޖޭގައި މިހާރު އޮތް ސަރުކާރަކީ ކޯލިޝަން ސަރުކާރެއް ކަމަށާއި އިސްލާހީ މަސައްކަތްތައް ރާއްޖޭގައި ކުރިއަށްދާކަން ރައީސް މައުމޫން މަހާތީރާ ހިއްސާކުރެއްވިއެވެ.
އަދި އެ ބައްދަލުކުރެއްވުމުގައި ޖައްވު ހޫނުވުމާއި ކަނޑުގެ ލޮނުގަނޑު އުސްވުމާއި ބެހޭގޮތުން ވެސް ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.
ބައްދަލުކުރެއްވުމުގައި ޑރ. މަހާތީރް ވަނީ، ރާއްޖޭގެ ސިޔާސީ މަސްހަރަށް އަލިއަޅުވާލާ ދެ ގައުމަށް ދިމާވެފައިވަނީ ވަރަށް ވެސް އެއްގޮތް ކަންތައްތަކެއްކަން ފާހަގަކުރައްވައިފައެވެ.
ރައީސް މައުމޫން މެލޭޝިއާއަށް ފުރާވަޑައިގަތީ މިދިޔަ ބުދަ ދުވަހުއެވެ. އެ ދަތުރުފުޅުގައި ރައީސް މައުމޫންގެ އަރިހުގައި އެމްއާރުއެމްގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ އަބްދުﷲ ކަމާލުއްދީނާއި އައިމިނަތު ނާދިރާ ބައިވެރިވެވަޑައިގަންނަވައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ