ސީލައިފް އިން ދައްކަންޖެހޭ ފައިސާ މައާފެއް ނުވޭ، ޖިނާއީ ތަހުގީގުވެސް ކުރިއަށް ދާނެ: ސަރުކާރު

ސަރުކާރުން މަސައްކަތް ކުރަމުންދަނީ، ސީލައިފްއަށް އެޑްވާންސް ފައިސާ ދައްކާފައިވާ ފަރާތްތަކުގެ ހައްގުތަށް ހިމާޔާތް ކުރުމަށް ކަމަށާއި، ސީލައިފުން ދައްކަންޖެހޭ ފައިސާ މައާފެއް ނުވާނެ ކަމަށާއި އަދި ސީލައިފްގެ މައްޗަށް ހިންގާ ޖިނާއި ތަހުގީގު ކުރިއަށްދާނެ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ވިދާޅުވެއްޖެ އެވެ.
އަލީ ޒާހިރު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ސަރުކާރުން މަސައްކަތް ކުރަމުންދަނީ ފްލެޓް ގަތުމަށްޓަކައި ސީލައިފްއަށް އެޑްވާންސްގެ ގޮތުގައި ފައިސާ ދައްކާފައިވާ 203 ފަރާތުގެ ހައްގުތަށް ހިމާޔަތްކޮށްދިނުމަށް ކަމަށެވެ. އެގޮތުން އެމައްސަލައަށް އަވަސް ހައްލެއް ގެނެސް، އެ ޕްރޮޖެޓް ނިންމުމަށް ބާރުއަޅަމުންދާ ކަމަށެވެ.
އަލީ ޒާހިރު ވިދާޅުވީ، ސީލައިފްއިން ދައްކަންޖެހޭ ފައިސާ، ދައްކަންޖެހޭނެ ކަމަށާއި އަދި އެފައިސާ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ހޯދާނެ ކަމަށާއި އަދި ސީލައިފްގެ މައްޗަށް ޖިނާއީ ތަހުގީގު ވެސް ހިންގޭނެ ކަމަށެވެ. ..the flats. It does not in anyway mean that sealife is free of their financial obligations and HDC will recover payments from Sea Life and the criminal investigation will continue. (2/2)— Ali Zahir (alipi) (@alixahir) July 18, 2019
އަލީ ޒާހިރު މިހެން ވިދާޅުވީ، ހުޅުމާލޭގައި 3،000 ފްލެޓް އަޅަން ބުކިން ފީގެ ގޮތުގައި ސީ ލައިފުން ފައިސާ ނެގުމަށް ފަހު މަސައްކަތް ކުރިއަށް ނުގެންދިއުމުން ގެއްލުންވި މީހުންނަށް ދައުލަތުން މާލީ ބަދަލު ދޭ ގޮތަށް ސެޓްލްމަންޓް އެގްރީމެންޓެއް ހެދުމާއި ގުޅިގެން ގިނަ ބަޔަކު ސަރުކާރަށް ފާޑުކިޔަމުން ދަނިކޮށެވެ.
އެޗްޑީސީ އާއި އިކޮނޮމިކް މިނިސްޓްރީ އާއި ސީލައިފާ ދެކޮޅަށް ދައުވާކޮށްފައިވާ މީހުންނާއެކު އެ އެއްބަސްވުމުގައި ސޮއިކުރުމުން، އެއީ ކޯޓުން ބޭރުގައި ހައްލުވެފައިވާ މައްސަލައަކަށްވާތީ ސިވިލް ކޯޓުގެ ޑިސްޕިއުޓް ރިޒޮލިއުޝަން ޑިވިޝަނުން ވަނީ އެއެއްބަސްވުމަށް އަމަލު ކުރުމަށް ހުކުމް ކޮށްފަ އެވެ.
އެ އެއްބަސްވުމުގެ ތަފްސީލެއް ސަރުކާރުން އަދި ހާމައެއް ނުކުރެ އެވެ.
ސީލައިފުން ފައިސާ ނެގުމަށްފަހު، ފްލެޓްތަކުގެ މަސައްކަތް ކުރިއަށް ނުގެންދިއުމުގެ ސަބަބުން ގެއްލުވި މީހުންނަށް ދައުލަތުން ބަދަލު ދިނުމަށް ނިންމި ނިންމުން މަޑުޖައްސާލުމަށް ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ އެސެޓް ރިކަވަރީ ކޮމިޝަނުން އިއްޔެ ވަނީ އެޗްޑީސީއަށް އަންގާފަ އެވެ.
ހުޅުމާލޭގައި 3000 ފްލެޓު އެޅުމުގެ މަޝްރޫއު 2014 ވަނަ އަހަރު ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުން އެމިނިކުފާނާ ގާތް ގުޅުމެއް އޮންނަ އަހުމަދު މޫސާ (އައްމަޓީ) މެނޭޖިން ޑިރެކްޓަރެއްގެ މަގާމުގައި ހުންނަވާ ސީލައިފު ކުންފުންޏަށް ދިނީ ބިޑު ކުރުމެއް ނެތި އެވެ.
ސީލައިފާ އެޗްޑީސީ އާ ދެމެދު ވެފައިވާ އެއްބަސްވުމުގައިވާ ގޮތުން އެ މަޝްރޫއުގައި ވިއްކާ ފްލެޓުތަކަށް އެޑްވާންސްކޮށް އެއްވެސް ފައިސާއެއް ނެގޭނީ މަސައްކަތުގެ 20 އިންސައްތަ ނިމުމުންނެވެ. އެކަމަކު އެއްވެސް މަސައްކަތެއް ނުކޮށް ސީލައިފުން ވަނީ 200 އަށް ވުރެ ގިނަ މީހުންގެ އަތުން ބުކިން ފީގެއް ގޮތުގައި 50،000 ރުފިޔާ އާއި އިތުރު ބައެއް މީހުންގެ އަތުން ޑައުންޕޭމަންޓު ވެސް އަތުލާފަ އެވެ.
އެ ކުންފުންޏަށް ފައިސާ ދެއްކި މީހުން ބޭނުން ވަނީ އެ ފައިސާ އަނބުރާ ހޯދުމަށާއި ދެން ސަރުކާރުން ހުޅުމާލޭގައި އެންމެ އަވަހަށް ހިންގާ ބޯހިޔާވަހިިކަމުގެ މަޝްރޫއަކުން ފްލެޓު ލިބޭނެ ކަމުގެ ޔަގީން ކަމާއި، އެމީހުންނަށް މަކަރު ހަދާ އޮޅުވާލި މީހުން އިންސާފުގެ ކުރިމައްޗަށް ގެނައުމަށެވެ. އެމީހުން ވަނީ ކޯޓަށް ވެސް ގޮސްފަ އެވެ.
އެކަމުގައި ސަރުކާރުން ސީލައިފާއެކު މަޝްވަރާ ކުރަން ފަށާފައިވާއިރު، އެނގިފައިވާ ގޮތުގައި ސީލައިފުން ހުށަހަޅާފައި ވަނީ ފްލެޓު ދޭނެ ކަމަށް ބުނެ ފައިސާ އަތުލި މީހުންނަށް ދޭން ޖެހޭ 24 މިލިއަން ރުފިޔާ އެޗްޑީސީން އެމީހުންނަށް ދިނުމަށާއި، އެ ބޯހިޔާވަހިކަމުގެ މަޝްރޫއު އަލުން ކުރިއަށް ގެންދިޔުމުގެ ފުރުސަތު އެ ކުންފުންޏަށް ދިނުމަށެވެ.
އެގޮތަށް އެ ކުންފުނިން ހުށަހެޅީ ދައުލަތުން އެ ކުންފުންޏަށް ދޭން ޖެހޭ 12 މިލިއަން ޑޮލަރު އޮތުމުންނެވެ. އެ ފައިސާ އަކީ 80 ހައުސިން ޔުނިޓު އެޅުމަށް ހެދި އެއްބަސްވުމެއް 2011 ވަނަ އަހަރު އުވާލުމުން، ލިބުނު ގެއްލުމުގެ ގޮތުގައި ސީލައިފުން ބޭނުންވި ފައިސާ އެވެ. އެ ފައިސާ އެ ކުންފުންޏަށް ދިނުމަށް ނިމިދިޔަ ސަރުކާރުން އެއްބަސްވެފައި ވަނީ މިދިޔަ އަހަރުގެ ފެބްރުއަރީގަ އެވެ.
އެ މައްސަލާގައި ސީލައިފުން ވަނީ ދައުލަތާ ދެކޮޅަށް ދައުވާ ވެސް ކޮށްފަ އެވެ. އެ ކުންފުނިން އެ ފައިސާ ހޯދުމަށް އުޅޭއިރު، އެކަމުގައި އެއްވެސް ގާނޫނީ ހުރަހެއް އޮތްތޯ ސަރުކާރުން މިހާރު ބަލަމުންދާ ކަމަށް ވެއެވެ. އެކަމުގައި ސަރުކާރުން އަންނަނީ ކޯޓުން ބޭރުގައި ސީލައިފާ މަޝްވަރާ ކުރަމުންނެވެ.
އެކަން އެހެން އޮއްވާ، ފްލެޓު މަޝްރޫއުގައި ލަނޑު ލިބުނު މީހުންގެ ފައިސާ އެޗްޑީސީން ދެއްކުމަށާއި، އަލުން އެ މްޝްރޫއު ހިންގުމަށް ހަވާލު ކުރުމަށް ހުށަހެޅީ ސީލައިފުން ނޫން ކަމަށާއި، ސީލައިފުން އެޕާޓުމަންޓު ގަންނަން ފައިސާ ދެއްކި މީހުން ކަމަށް އެޗްޑީސީން ވަނީ ބުނެފަ އެވެ.
ރެޑް ނޯޓިސް އެއް ނެރިފައިވާ އައްމަޓީގެ ސީލައިފު ކުންފުންޏާއެކު ސަރުކާރުން މަޝްވަރާ ކުރާއިރު، އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)، ފުލުހުން އަދި ކޮރަޕްޝަނުގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަނުން ވެސް ދަނީ އެ ކުންފުނީގެ މައްސަލަތައް ބަލަމުންނެވެ. ސަރުކާރުން ބޭނުންވަނީ ފްލެޓު ދޭނެ ކަމަށް ބުނެ ފައިސާ އަތުލި މީހުންނަށް ލުޔެއް ހޯދައިދޭން ކަމަށް އެޗްޑީސީން ބުނެ އެވެ. އެކަމަކު ސީލައިފުން ހުށަހެޅި ހުށަހެޅުމާ މެދު އަދި ގޮތެއް ނުނިންމާ ކަމަށް ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ